ކ. މާލެ
|
19 އޯގަސްޓް 2023 | ހޮނިހިރު 07:12
ލޫސިއާނޯ ސްޕަލެޓީ
ލޫސިއާނޯ ސްޕަލެޓީ
ރޮއިޓާސް
އިޓަލީ ފުޓުބޯޅަ ޓީމް
އިޓަލީގެ އައު ކޯޗަކަށް ލޫސިއާނޯ ސްޕަލެޓީ ހަމަޖައްސައިފި
 
އިޓަލީގެ ކޯޗަކަށް ސްޕަލެޓީ ހަމަޖެއްސީ، ކުރީގެ ކޯޗު ރޮބާޓޯ މަންޗިނީ ވަކިވުމާ ގުޅިގެން

ރޮބާޓޯ މަންޗިނީ މަގާމުން ވަކިވުމާއެކު، އިޓަލީގެ އައު ކޯޗަކަށް ނަޕޯލީގެ ކުރީގެ ކޯޗު ލޫސިއާނޯ ސްޕަލެޓީ ހަމަޖައްސައިފިއެވެ.

އުމުރުން 64 އަހަރުގެ ސްޕަލެޓީ ނަޕޯލީގެ ކޯޗު ކަމުން މި ހޫނުމޫސުމުގައި ވަކިވީ, 33 އަހަރަށްފަހު ފުރަތަމަ ފަހަރަށް އެ ޓީމަށް އިޓާލިއަން ލީގު ކާމިޔާބުކޮށްދިނުމަށް އިރުޝާދު ދިނުމަށްފަހުއެވެ. އޭނާގެ ވިސްނުމަކީ ފުޓުބޯޅައިން ބްރޭކެއް ނެގުން ކަމުގައި ވީނަމަވެސް، މިހާރު އޭނާ ވަނީ ވިސްނުން ބަދަލުކޮށްފައެވެ.

މެންޗެސްޓަރ ސިޓީގެ ކުރީގެ ކޯޗް، އިޓަލީގެ ކޯޗުކަމުން ވަކިވީ މި މަހުގެ 14 ވަނަ ދުވަހުއެވެ. އޭނާ ވަނީ އިޓަލީގެ ކޯޗު ކަމުގައި ފަސް އަހަރުދުވަސް ހޭދަކޮށްފައެވެ. 2020 ވަނަ އަހަރު އޭނާ ވަނީ އިޓަލީއާއެކު ޔޫރޯ ކާމިޔާބުކޮށްފައެވެ. ނަމަވެސް، މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.

އިޓަލީގެ ފުޓުބޯޅަ ފެޑަރޭޝަން (އެފްއައިޖީސީ)ން ބުނީ، އިޓަލީގެ ކޯޗުކަމާ ސްޕަލެޓީ ރަސްމީކޮށް ހަވާލުވާނީ ސެޕްޓެންބަރު މަހުގެ އެއްވަނަ ދުވަހު ކަމަށެވެ. އެފްއައިޖީސީގެ ރައީސް ގެބްރިއެލް ގްރެވިނާ ވިދާޅުވީ، އިޓަލީއަށް މޮޅު ކޯޗެއް ބޭނުންވާ ކަމަށާއި، ސްޕަލެޓި މަގާމާ ހަވާލުވާން އެއްބަސްވުމުން ވަރަށް އުފާވާކަމަށެވެ. އަދި އިޓަލީއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އޭނާގެ ހިތްވަރާއި އޭނާގެ ތަޖުރިބާ ވަރަށް މުހިންމުވާނެ ކަމަށެވެ.

ސްޕަލެޓީއަކީ ރޯމާ، އިންޓަ މިލާން އަދި ޒެނިޓްއަށް ކޯޗުކަން ކޮށްދީފައިވާ ތަޖުރިބާކާރު ކޯޗެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް