ރާއްޖެ އުފެދިފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަކީ، ނުހަނު ބޮޑު، އަދި މިހާތަނަށް ހައްލު ހޯދިފައިވާ މައްސަލައެއް ނޫނެވެ. ހާއްސަކޮށް މާލޭ ސަރަހައްދުގައި މި މައްސަލަ އިންތިހާއަށް ވަނީ ކުރިމަތިވެފަ އެވެ. މާލޭ ސަރަހައްދުގެ ގެދޮރުގެ މައްސަލައަށް ހައްލުތަކެއް ހޯދާދިނުމަށް، މި ފާއިތުވެދިޔަ ސަރުކާރުތަކުން، ބޮޑެތި މަސައްކަތްތަކެއްވަނީ ކޮށްފަ އެވެ. މާލޭގެ ބިން ފުރުމުން، ވިލިމާލެއިން ގޯތި ދޫކުރަން ފެށި އެވެ. ހުޅުމާލެ ހިއްކައި އެތަނުން ފްލެޓާއި ބިން ދޫކުރަން ފެށިއެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގެ އިތުރަށް ރައީސް ނަޝީދުގެ ސަރުކާރުންވެސް މި މަސައްކަތްތައް ކުރިއަށް ގެންދިޔަ އެވެ. މި ސަރުކާރުންވެސް ގެދޮރުވެރިކުރުން ނަމުގައި ފްލެޓަށް އެދި ކުރިމަތިލުމަށް ފުރުސަތު ހުޅުވާލެވިގެންދިޔަ އެވެ. ނަމަވެސް ބޯހިޔާވަހިކަމުގެ ދަތިކަން ހައްލު ކުރެވޭ މިންވަރަށް ފްލެޓެއް ބިނައެއް ނުކުރެވެ އެވެ. އިޖުތިމާއީ މި ބޮޑު މައްސަލައަށް ފަރުވާއެއް ނުހޯދި ދިގުދެމިގެން މިދަނީ ކީއްވެ ހެއްޔެވެ.
ހުޅުމާލެއަކީ ތޮއްޖެހިފައިވާ މާލެއަށް ހައްލެއް ހޯދާދިނުމަށް ތަރައްގީ ކުރާ ރަށަކަށްވާ އިރު މިހާތަނަށް އެންމެ އެދެވޭ ގޮތެއްގައި ހުޅުމާލެއިން ނަތީޖާތަކެއް ނެރެދެވިފައެއް ނުވެ އެވެ.ހުޅުމާލޭގައި 2004 ވަނަ އަހަރުން ފެށިގެން މީހުން އާބާދުވާން ފެށިފަހުން އެރަށުގައި މިހާރު އުޅެނީ ގާތްގަނޑަކަށް 30 ހާސް މީހުންނެވެ. އެރަށުގައި ގާތްގަނޑަކަށް 2500 ހައުސިން ޔުނިޓް ގާއިމް ކުރެވިފައިވާ އިރު އޭގެ ތެރެއިން 2000 ޔުނިޓަކީ ސަރުކާރުން ފޯރުކޮށްދީފައިވާ ހައުސިން ޔުނިޓްތަކެވެ.
ބާކީ 500 ހައުސިން ޔުނިޓަކީ މެދުފަންތީގެ، ނުވަތަ އެންމެ މަތީ ފަންތީގެ ހައުސިން ޔުނިޓްކަމުގައިވާ އިރު މިކަމުން ދޭހަކޮށްދޭ އެއްކަމަކީ ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ، ދިރިއުޅެމުގެ އެންމެ މުހިއްމު ބޭނުންތައް ފުރިހަމަ ނުވާ މީހުންކަމެވެ. ރާއްޖޭގެ ދިރިއުޅުމުގެ ފެންްވަރަކީ މެދުފަންތީގެ ދިރިއުޅުން ކަމުގައިވީ ނަމަވެސް، އެމަންޒަރު ރައްޔިތުން އުޅޭ ގެތަކުން ނުފެނެވެ.
ތަފާސް ހިސާބުތަކުންވެސް އެނގިގެންދަނީ، ރާއްޖޭގައި ރައްޔިތުންގެ ދިރިއުޅުމުގައި ހުރި ތަފާތު ބޮޑު ކަމެވެ. ރާއްޖޭގެ މީހެއްގެ ބޮލަކަށް ޖެހޭ މިންވަރު،11 ހާސް ޑޮލަރަށް އަރާއިރު ތިން ލައްކަ މީހުންގެ އާބާދީއަކުން އެމަންޒަރެއް ނުފެނެވެ. ގެދޮރުވެރިކަމަކީ ނުވަތަ ދިރިއުޅޭ ތަނެއް ހުރުމަކީ އެންމެ ޒަރޫރީ ބޭނުންތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނަމަވެސް، ރާއްޖޭގެ ބޮޑު އާބާދީ ވަނީ އެ ޒަރޫރީ ހައްގުން މަހްރޫމުވެފަ އެވެ.
މި ސަރުކާރު ވެރިކަމަށް އައިސް ހުޅުވާލި " ގެދޮރުވެރިކުރުން ޕްރޮގްރާމު"ގެ ތެރެއިން ހުޅުވާލި ފުރުސަތުގައި ގާތްގަނޑަކަށް 15000 މީހުން ވަނީ ފްލެޓަށް އެދި ކުރިމަތިލާފަ އެވެ. އުފެދޭ ސުވާލަކީ، ހުޅުމާލެ ތަރައްގީ ކުރެވި، މީހުންނަށް ދިރިއުޅުމުގެ ފުރުސަތުތަކެއް ތަނަވަސްކުރެވި، އަމިއްލަ ފަރާތްތަކުންވެސް ހައުސިން ޔުނިޓްތައް ވިއްކުން އިތުރުވެފައިވާ އިރު އާންމު ރައްޔިތުންނަށް ފްލެޓް ގަނެވޭ ގޮތް ނުވަނީ ކީއްވެތޯ ކުރެވޭ ސުވާލެވެ. އަދިވެސް ސަރުކާރަށް ބަރޯސާވެ، ސޯޝަލް ހައުސިން ސްކީމްގެ ތެރެއިން އުމުރުގެ ކޮންމެވެސް ހިސާބަކުން ފްލެޓެއް ލިބޭނެ ކަމަށް ވަކީލުކޮށްގެން އިންތިޒާރު ކުރާ މީހުން ގިނައީ ކީއްވެގެން ހެއްޔެވެ؟
ސަރުކާރުން މަތީ ފަންތީގެ ފްލެޓް މަދުކަމަށް ފާހަގަކުރާ އިރު، އެންމެ އާދައިގެ ގެ ނުލިބޭ އެތަށް ފަރާތްތަކުން އެބަ އުޅެ އެވެ. އަދި ސޯޝަލް ހައުސިން ނޫން ގޮތަށް ލިބެން ހުންނަ " މެދު ފަންތި" އޭ ކިޔާ ފްލެޓް ތަކުގެ އަގު ހުރީ މިލިޔަނުންނެވެ. އަނެއްކޮޅުން، ހުޅުމާލެއިން ގޯއްޗެއް ހޯދުމަކީ ހަމައެކަނި މަހުޖަނުންނަށް، ނުވަތަ އެނޫންވެސް ނުފޫޒު ގަދަ ފަރާތްތަކަށް އެކަނި ލިބޭ އެއްޗަކަށް ވަނީ ވެފަ އެވެ. އަކަފޫޓެއް 2000 ރުފިޔާއަށް ވިއްކި ނަމަވެސް، ނީލަމުގެ އުސޫލުން ބިއްކުމުގެ ސަބަބުން، އެބިން ކޮޅުވެސް ލިބެނީ އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށެވެ.
މިކަންކަމަށް ހައްލެއް މިހާތަނަށް އެއްވެސް ސަރުކާރަށް ހޯދާދެވިފައިނުވެ އެވެ. އޭގެ މާނައަކީ، ދިރިއުޅުމުގެ އެންމެ " ބޭސިކް ނީޑް"ގެ ތެރޭގައި ހިމެނޭ ކަންކަން ރާއްޖޭގެ ރައްޔިތުންނަށް ކަށަވަރުކޮށްދެވިފައިނުވުމެވެ.
މިއީ އިގްތިސާދީ ގޮތުން ވިސްނާ އިރު ލަދުވެތިކަމެކެވެ. އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން، ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްޓަށް ރާސްޖެ ބަދަލުވެފައިވާއިރު، ރާއްޖޭގައި ގާތްގަނޑަކަށް 200 ލަގްޒަރީ ރިސޯޓް އެބަ އޮތެވެ. ދުނިޔޭގެ އެންމެ އަގު ބޮޑެތި ބްރޭންޑްތައް ރާއްޖޭގައި އެބަ ހުއްޓެވެ. ގުދުރަތީ ރީތި ކަމާއި ރިސޯޓްތަކުގެ ހިދުމަތުގެ ފެންވަރު މަތިވުމުގެ ސަބަބުން، ރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެ ގޮތުގައި ސިފަ ކުރި ނަމަވެސް، އެކަމުގެ ހިއްސާސެއް މި ރާއްޖޭގެ ރައްޔިތުންނަށް ނުކުރެވެ އެވެ. ރެއަކަށް 10،000 ޑޮލަރަށް ވުރެ އަގުބޮޑުކޮށް ކޮޓަރި ވިއްކާ ރިސޯ÷ޓްތައް ހުރިއިރު، އާބާދީގެ ބޮޑު އަދަދެއްގެ މީހުންގެ އަމިއްލަ ބޯހިޔާވަހިކަމެއް ނެތެވެ. ބޯހިޔާވަހި ކަމެއް ލިބޭނެ ދުވަހެއްގެ އުއްމީދެއް ވެސް ނެތެވެ. މިކަމުން ދައްކުވައި ދެނީ އާމްދަނީ ހަމަހަމައަށް ބެހިގެން ނުދާ ކަމުގެ ވަރުގަދަ މިސާލެކެވެ.
އެންމެ ފަހުން ބޭއްވި ފައިނޭޝަލް ފޯރަމުގައިވެސް މެދުފަންތި ނުވަތަ މީޑިއަމް ރޭންޖުގެ އެޕާޓްމެންޓް ވިއްކާ ފަރާތްތައް ވަނީ ފެނިގެން ގޮސްފަ އެވެ. އެތަންތަނުން ލިބެން ހުރި ހިދުމަތްތަކާއި، އެޕާޓްމެންޓްތަކުގެ ކުރެހުންތައް ފެނިފައި އާދައިގެ ދިރިއުޅުމެއްގައި އުޅޭ ކޮންމެ މީހަކުވެސް އެފަދަ ތަނެއް ލިބުމަށް އެދޭނެ އެވެ. އެހެން ނަމަވެސް، އެންމެ ފަރުތަމަ ދައްކަންޖެހޭ ޑައުންޕޭމެންޓް އެނގުމާއެކު އުއްމީދު ގެއްލިގެންދެ އެވެ. އެ އެޕާޓްމެންޓް ގަންނަން ފައިސާ ދެއްކޭ މީހުންނަށް ވުރެ ފޮޓޯތަކަށް ބަލާލައިގެން ހިންހަމަޖައްސާލާނީއޭ ހިތަށްއަރާ މީހުން މާ ގިނައެވެ.
ބޯހިޔާވަހިކަމަށް ބޭނުންވެ ދިގު އިންތިޒާރުގައި ތިބި ގިނަ މީހުންނަށް، މިހާރު މާކެޓްގައި ހުރި އަގުތަކުގައި ފްލެޓް ގަތުމަކީ ކެރި ކުޅަދާނެވެގެންވާ ވަރުގެ ކަމެއް ނޫނެވެ. އެ ފްލެޓްތައް ގަތުމަށް ލޯން ދޫކުރި ނަމަވެސް، އިންތިޒާރުގައި ތިބި ގިނަ މީހުންގެ ޝަރުތެއް ވެސް ހަމައެއް ނުވެ އެވެ. ސަބަބަކީ އެވަރުގެ އާމްދަނީއެއް ނުލިބޭތީ އެވެ.
އެތަނުން ލިބެން ހުރި ފްލެޓްތަކުގެ އަގުތަކަށް ބަލާ އިރު ދެ ރޫމް އެޕާޓްމެންޓެއްގެ އަގު މިލިއަކަށް އަރާ އިރު ޑައުންޕޭމެންޓްގެ ގޮތުގައި، ތިން ލައްކަވަރު ދައްކަންޖެހެ އެވެ. ތަންކޮޅެއް ބޮޑު އާއިލާއަކަށް ބަލާ ނަމަ ތިން ކޮޓަރީގެ އެޕާޓްމެންޓް ތިން މިލިއަނުން، ހަތެއް، ފަހެއް، ހަ މިލިއަނަށްވެސް އަރަ އެވެ. ޑައުންޕޭމެންޓްގެ ގޮތުގައި ހައެއްކަ ލައްކަ ރުފިޔާ ދައްކަންޖެހެ އެވެ.
ޑައުންޕޭމެންޓްގެ އަގުތަަކަށް ބަލާ އިރު، މުސާރައަށް 40،000 ރ. ލިބޭ މީހަކަށްވެސް މި ފްލެޓްތައް ގަތުމަށް ފަސޭހައެއް ނޫނެވެ. މަހަކު 20 ހާސް ގޭގެ ކުއްޔަށް ދައްކާ، ދަރިންގެ ހަރަދުކޮށް، ގޭތެރޭގެ އެހެން އަހަރުކޮށްފައި، މަސް ނިމޭ އިރު 1000 ރުފިޔާވެސް ރައްކާ ކުރެވޭ އާއިލާތައް މަދުވާނެ އެވެ. އެހެން ކަމުން، އެއް ފަހަރާ އެއްލައްކަ ރުފިޔާ ދެއްކުމަކީވެސް އުނދަގޫ ކަމެކެވެ.
ގެދޮރުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ އިރު މި މައްސަލަ ހައްލު ކުރެވޭނީ، ފައިސާ ހޯދޭނެ ރަގަޅު ގޮތްތަކެއް ފަހިކޮށްދީގެންނެވެ. އެކި ފަންތިތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ ފްލެޓްތައް ބިނާ ކުރަމުން ނުދާ ނަމަ، މިކަމަށް އަވަހަށް ދާއިމީ ހައްލެއް ނުލިބޭނެ އެވެ. ބޯހިޔާވެހިކަމުގެ މައްސަލަ ހައްލުކޮށްފި ނަމަ، އިޖުތިމާއީ ގިނަ މައްސަލަތަކަކަށް ހައްލު އަންނާނެ އެވެ.