މިމަހު މަޑަގަސްކަރާގައި ފަށާ އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމަށް ރާއްޖޭގައި ތިބެގެން ރަނގަޅު މަސައްކަތްތަކެއް ކުރެވި, ކުރިއެރުންތަކެއް ހޯދިއްޖެކަމަށް އެސޯސިއޭޝަނުން ބުނެފިއެވެ.
ސީދާ ގޭމްސްއަށް ތައްޔާރުވުމަށް އަމާޒު ހިފައިގެން އެސޯސިއޭޝަނުން ވަނީ އިންޓަރނޭޝަނަލް ފެޑެރޭޝަންގެ ކޮންސަލްޓަންޓެއްގެ އެހީ ހޯދާފައެވެ. މުޅި އަހަރު ތެރޭގެ އެކި ދުވަސްވަރު ރާއްޖެ އައިސް މަސައްކަތްކުރި ކޮންސަލްޓަންޓް މިގޭލް އަކީ ޗައިނާގެ ޓްރެއިނިންގ ސެންޓަރެއްގައި މިހާރުވެސް މަސައްކަތްކުރާ ހެޑް ކޯޗެކެވެ. ގޭމްސްގެ ކުރިން އޭނާ ރާއްޖޭގެ ފެތުންތެރިންނާއެކު އެންމެ ފަހުން ހޭދަކުރި 10 ދުވަހަށް ފަހު ރާއްޖެއިން ފުރީ ބުރާސްފަތި ދުވަހުގެ ރެއެވެ. ޓެކްނިކަލް އެޑްވައިޒަރެއްގެ ގޮތުގައި އޭނާ ވަނީ ކޮންމެ ތިން މަހަކުން ރާއްޖެ އައިސް ރާއްޖޭގެ ފެތުންތެރިން ކުރިއަރުވަން މަސައްކަތް ކޮށްފައެވެ.
ސްވިމިންގ އެސޯސިއޭޝަންގެ ނައިބުރައީސް އިސްމާއީލް އަލީ ވިދާޅުވީ ރަޝިޔާގެ ދެ ކޯޗުން އައިސްވެސް ރަނގަޅު މަސައްކަތްތަކެއް ކޮށް, ކުރިއެރުންތަކެއް ހޯދައިދިން ކަމަށެވެ. އެގޮތުން ރަޝިޔާއިން އައި ދެކޯޗުންގެ ތެރެއިން އެއް ކޯޗު މަސައްކަތްކުރީ ސީދާ ގޭމްސްއަށްދާ ފެތުންތެރިންނާއެކު, އެފެތުންތެރިން ތަމްރީނުކުރުމުގައެވެ. އަދި އަނެއް ކޯޗު ޑިވެލޮޕްމަންޓް މަސައްކަތްތަކުގައި ވަރަށްބޮޑަށް ބައިވެރިވިކަމަށް އެސޯސިއޭޝަނުން މައުލޫމާތުދެއްވިއެވެ.
ރާއްޖޭގެ ފެތުންތެރިންގެ ތަމްރީނުތައް ކުރިއަށް ގެންދިޔައީ އެންމެފަހުން 2019 ވަނަ އަހަރު ގޭމްސްގައި މެޑަލް ހޯދި އެހެން ގައުމުތަކުގެ އެތްލީޓުންގެ ހުނަރު ވަރަށް ބޮޑަށް ބަލާ ދިރާސާކޮށްގެންނެވެ.
އެންމެކައިރިން ވާދަކުރެވޭނެ އިވެންޓްތަކަށް ބޮޑަށް ފޯކަސްކޮށްގެން ތަމްރީނުތައް ކުރިއަށް ގެންދިޔައީ. މައިގަނޑު ހުރިހާ އިވެންޓެއްގައިވެސް ރާއްޖޭގެ ހުރިހާ ފެތުންތެރިންވެސް ވާދަކުރާނެއިސްމާއީލް އަލީ/ ސްވިމިންގ އެސޯސިއޭޝަންގެ ނައިބުރައީސް
ގޭމްސްގައި ވާދަކުރާއިރު ރާއްޖޭގެ ފެތުންތެރިންނަށް ކުރިމަތިވާ އެންމެބޮޑު ގޮންޖެހުމަކީ ތިން ގައުމެއް ތަމްސީލްކުރަން ފްރާންސްގެ ފެތުން ތެރިން އަންނަ އައުމެވެ. ދުނިޔޭގެ ބޮޑަތި ގޭމްސްތަކުގައި ވާދަކޮށް މެޑަލް ހޯދާފައިވާ ފެތުންތެރިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ތިން ގައުމެއްގެ ޓީމްގައި ހިމެނިގެން ވާދަކުރެއެވެ.
ރާއްޖެއިން ގޭމްސްގައި ވާދަކުރާ ޓީމްގައި ހިމެނެނީ 12 ފެތުންތެރިންނެވެ. އެއީ އަންހެން 6 އަދި ފިރިހެން 6 ފެތުންތެރިންނެވެ.