2018 ވަނަ އަހަރު ސިޔާސީ ހަރަކާތްތައް ހިންގުމަށް އެއްވެސް ޖާގައެއް ނެތް ކަމަށާއި، ނަމަވެސް މިއަދު އެހާލަތު އެއްކޮށް ބަދަލުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މަޖިލީހުގެ މެންބަރު ޢަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
އެމްޑީއޭގެ ހުޅުމާލެ ޕޮލިޓިކަލް ސެންޓަރު ހުޅުވުމަށް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ނިޔާޒު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް މަސައްކަތް ކުރީ ވަރަށް ގިނަ ދަތިތަކާއެކު ކަމަށެވެ. އަދި ކެންޕޭނަށް ޖަގަހަ ވެސް ހަދައި، ހުޅުވަންޖެހުނީ ފިލައި ތިބެގެން ކަމަށް ނިޔާޒު ވިދާޅުވިއެވެ.
ނިޔާޒު ވިދާޅުވީ އެ ދުވަސްވަރު ސިޔާސީ ހަރަކާތްތައް ހިންގުމަށް އެއްވެސް ޖާގައެއް ނެތް ކަމަށެވެ. ނަމަވެސް މިއަދު އެ ފުރުސަތު ހުރިހާ ޕާޓީތަކަށް ލިބިފައިވާ ކަމަށް ނިޔާޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއަދު ޖަގަހަތައް ބަންދުކުރުމާއި ތަނުގެ ވެރިފަރާތުން ޖޫރިމަނާކުރުން ފަދަ އަނިޔާވެރި އަމަލުތައް ނުހިންގާ ކަމަށެވެ.
މީގެ އިތުރުން ނިޔާޒު ވިދާޅުވީ ސިޔާސީ ގޮތުން ލިބިފައިވާ މިނިވަންކަމަކީ ކާމިޔާބު މަސައްކަތްތަކެއް ކުރުމާއި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ލިބޭނެ އެންމެ ބޮޑު އެއް ސަބަބު ކަމަށެވެ.
ޑރ. ޑީޑީގެ ގޭގައި އެންމެފަހުން ޖަގަހައެއް ހަދަން ޖެހުނީ. އެއީ ފިލާ ތިބެގެން ކުރިކަމެއް. އަޅުގަނޑުމެންނަށް ސިޔާސީ ހަރަކާތެއް ހިންގާނެ އެއްވެސް ޖާގައެއް ނުލިބުނު އަޅުގަނޑުމެން ސިޔާސީ ހަރަކާތް ހިންގުމަށްޓަކައި ހޯދި ދެ ޖަގަހަ ވެސް ބަންދުކުރީ. ބަންދުކޮށްފައި ވެރިފަރާތް ޖޫރިމަނާ ވެސް ކުރީ. މިއަދު ފެންނަނީ އެ ގޮތެއް ނޫން. މިއަދު އެމްޑީއޭގެ ޖަގަހަ ވެސް ހުޅުވަންވީ. އެމްޑީޕީގެ ޖަގަހަ ވެސް ހުޅުވަންވީ އަދި ޕީޕީއެމްގެ ޖަގަހަ ވެސް ހުޅުވަންވީ. އަޅުގަނޑުމެންނަށް ސިޔާސީ ގޮތުން ލިބިފައިވާ މިނިވަންކަމަކީ ހަގީގަތުގައި އަޅުގަނޑުމެން މިހިސާބަށް އައިސް އަދި ކުރިއަށް މިއޮތްތަނުގައި 2023 ވަނަ އަހަރު އަޅުގަނޑުމެންނަށް ކާމިޔާބު ލިބޭނެ އެންމެ ބޮޑު ސަބަބުކަމަށް އަޅުގަނޑު ގަބޫލުކުރަން. އަޅުގަނޑުމެން ގެނެސްފައިވާ ވާދަވެރި ސިޔާސީ ހަރަކާތްތައް ހިންގުމަށް ގިނަ ޕާޓީ އެކުލެވޭ ގޮތަށް މި އެކުލަވާލެވިފައިވާ ސިޔާސީ ނިޒާމު ފައްކާވެގެން ގޮސްފައިވާ މިންވަރު އަޅުގަނޑުމެންނަށް މިއަދު އެބަ އެނގޭ. ނަމަވެސް މިއަދު ވެސް ބައެއް ބޭފުޅުން ވިދާޅުވޭ ވެރިކަމުގައި ހުރީ އަނިޔާވެރިއެކޭ. ތިމަންނާމެންނަށް ބޭނުންވާ އެއްވެސް ވާހަކައެއް ނުދެއްކޭ. ތިމަންނާމެންނަށް މަގުތަމަތީގައި މުޒާހަރާއެއް ނުކުރެވޭ. ނޫން އެހުރިހާ ކަމެއް ވެސް ކުރެވޭ. ކުރެވޭތީ މިއަދު ވެސް އެމްޑީއޭގެ ޖަގަހަ ހުޅުވެނީ އަދި ޕީޕީއެމްގެ ޖަގަހަ ވެސް ހުޅުމާލޭގެ އެތަންމިތާގައި ހުޅުވިފައި ހުރި. އަޅުގަނޑުމެނަށް 2018 ގައި އެފުރުސަތެއް ނުލިބޭ.ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މަޖިލީހުގެ މެންބަރު އަލީ ނިޔާޒު
ނިޔާޒު ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީއަށް ލިބިފައި މިއޮތީ ވަރަށް ތަފާތު ފުރުސަތެއް ކަމަށާއި ތިން ވަނަ ފަހަރަށް ވެރިކަމަށް އައުމަށް ރަނުގެ ފުރުސަތެއް ކަމަށެވެ. އެމްޑީޕީއަކީ ކެމްޕޭން ކުރުމަށް ފަރިތަ ޕާޓީއެއް ކަމަށާއި، 17 އަހަރުގެ ދިގު ތަޖުރިބާއާއެކު ކާމިޔާބު ކެމްޕޭންތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދެވޭކަން ނިޔާޒު ފާހަގަކުރެއްވިއެވެ. އަދި 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގަންނަވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެވަޑައިގެންފައިވާ ވައުދުތަކުގެ ތެރެއިން ގިނަ ވައުދުތައް ފުއްދައިދެއްވާފައިވާއިރު، އަލުން ރައްޔިތުންނާއި ހިސާބަށް ވަޑައިގެން ވައުދުވެވަޑައިގަންނަވަން ކެރިވަޑައިގަންނަވާނެކަމަށާއި، ރައްޔިތުންގެ އިތުބާރު ލިބިވަޑައިގެންފައިވާ ކަމަށް ނިޔާޒު ވިދާޅުވިއެވެ.