ކ. މާލެ
|
16 އޯގަސްޓް 2023 | ބުދަ 18:56
އިންޑިޔާގެ ހިމާޗަލްގެ މަގެއް
އިންޑިޔާގެ ހިމާޗަލްގެ މަގެއް
ޓައިމްސް އޮފް އިންޑިއާ
ހިމާޗަލް ޕްރަދޭޝްގައި ފެންބޮޑުވުން
ހިމާޗަލް ޕްރަދޭޝްއަށް ކުރިމަތިވި މޫސުމީ ކާރިސާތަކެއްގައި 55 މީހުން މަރުވެއްޖެ
1200އަށްވުރެ ގިނަ މަގު، ކިސަޑުގެ ސަބަބުން ބަންދުވެފައިވޭ

އިންޑިޔާގެ ފަރުބަދަމަތީގެ ސްޓޭޓެއް ކަމަށްވާ ހިމާޗަލް ޕްރަދޭޝްގައި، ބޯވިއްސާރައިގެ ސަބަބުން ފެންބޮޑުވެ ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކާ ގުޅިގެން މަދުވެގެން 55 މީހުން މަރުވެއްޖެ ކަމަށް ޚަބަރުލިބެއެވެ. ގަދަ އޮއިވަރެއްގައި ފަރުބަދަމަތިން ފެނާއެކު ކިސަޑު ފައިބައިގެން ދިއުމުގެތެރޭގައި އެތައް ގެއެއް ވަނީ ހަލާކުވެ އޮޔާގޮސްފައެވެ. އަންގާރަ އަދި ބުދަ ދުވަހުވެސް ވަނީ ޝިމްލާގެ އެކި ތަންތަނުގައި ކިސަޑު ފޭބުމުގެ ހާދިސާތައް ހިނގާފައެވެ.

މި ކާރިސާތަކާ ގުޅިގެން އިންޑިއަން އެއާފޯސްގެ އެހީގައި ވަނީ މީހުން ހޯދުމުގައި ހަރަކާތްތެރިވާ ސިފައިން ހެލިކޮޕްޓަރުގައި އެ ހިސާބުތަކަށް އުފުލާފައެވެ.

ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހިމާޗަލް ޕްރަދޭޝްއަށް ކުރި ވިއްސާރާގައި ކިސަޑު ދެމިގެން ދިއުމުގެ ސަބަބުން ގިނަ އަދަދެއްގެ ގެއާއި އަދި ވަރަށް ގިނަ އަދަދެއްގެ މަގުތައްވަނީ ހަލާކުވެފައެވެ. އަދި ނުރައްކާ ކުރިމަތިވެފައިވާ ކަމަށް ބެލެވޭ އިތުރު ގެތަކުން މީހުންނެރެ، ރައްކާތެރި ހިސާބުތަކަށް ވަނީ ގެންގޮސްފައެވެ. މިގޮތުން 15 ވަރަކަށް ގެއިން މީހުން ނެރެފައިވާކަމަށް ޚަބަރުތައް ބުނެއެވެ. ޝިމްލާގެ އިދާރާތަކުން ބުނެފައިވާގޮތުގައި މިވަގުތު އިސްކަންދެނީ ވީހާވެސް ގިނަ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށެވެ. އެހެންކަމުން އިމާރާތްތަކާއި މަގުތަކަށް ލިބުނު ގެއްލުމުގެ ތަފްސީލް އަދި އެއްކުރެވިފައެއް ނުވެއެވެ.

ބިންގަނޑު ކަނޑައިގެން ގޮސްފައިވާ ހިސާބެއް - ޓައިމްސް އޮފް އިންޑިއާ

ހިމާޗަލް ޕްރަދޭޝްގެ ގިނަ މަގުތަކުގައި މިވަގުތުވެސް ވަނީ ދަތުރު ފަތުރު ނުކުރެވޭ ވަރަށް ކިސަޑު ހެދިފައި ކަމަށް ޚަބަރުތައް ބުނެއެވެ.

ފާއިތުވި ދެތިން ހަތަރު ދުވަހުގެ ތެރޭ ކުރިމަތިވި މޫސުމީ ކާރިސާތަކާ ގުޅިގެން، އެހީގެ މަސައްކަތް ވަރުގަދަކުރުމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ޗީފް މިނިސްޓަރު ވަނީ އިސް ކޮމިޓީއާއެކު ބައްދަލުވުމެއް ބާއްވަވާފައެވެ. އޭނާ ވިދާޅުވިގޮތުގައި، އާއްމުކޮށް ވާރޭވެހޭ މިންވަރަށްވުރެ 157 އިންސައްތަ އިތުރަށް ފާއިތުވި ހަތަރު ފަސް ދުވަހުގެ ތެރޭގައި ވާރޭ ވެހުމުގެ ސަބަބުން، މުޅިސްޓޭޓަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައެވެ. އޭނާ ވިދާޅުވިގޮތުގައި 1200 އަށްވުރެ ގިނަ މަގު، ކިސަޑުގެ ސަބަބުން ބަންދުވެފައި ވާއިރު މިހާރުވަނީ 400އްހާ މަގު ވަނީ ސާފު ކުރެވި، ދަތުރުކުރެވޭ ވަރު ކުރެވިފައެވެ. ފެންބޮޑުވުމުގެ ސަބަބުން ކަރަންޓާއި ފެނުގެ ޚިދުމަތްވެސް މެދުކެނޑިފައިވާތީ، ޚިދުމަތްތައް ވީހާވެސް އަވަހަށް އިއާދަކޮށްދިނުމަށް އަންގަވާފައިވާނެ ކަމަށް ޗީފް މިނިސްޓަރު ވިދާޅުވި އެވެ. މީގެ އިތުރުން ވައިގަދަވުމުގެ ސަބަބުން 500އަށްވުރެ ގިނަ ބޮޑެތި ގަސް ވެއްޓިފައިވާ ކަމަށާއި، މި ގަސްތައް ވީހާވެސް އަވަހަށް ނަގައި ތަންތަން ސާފުކުރުމަށް އަންގަވާފައި ވާނެކަމަށް ޗީފް މިނިސްޓަރު ވިދާޅުވެފައިވެއެވެ.        

- ކޮމެންޓް