ކ. މާލެ
|
17 ޖުލައި 2017 | ހޯމަ 12:42
ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން
ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން
މުހައްމަދު ޝަރުހާން
ފާރިސްގެ ޝަރީއަތް
ފާރިިސްގެ މައްސަލަ ވަކިގޮތަކަށް ކުރިއަށް ގެންދިއުމަށް ނުފޫޒެއް ނެތް: ގާޒީ އިބްރާހިމް އަލީ
އިންސާފުގެ ދަރުބާރުގެ ތަޚުތާއި ކައިރީގައި ބޮޑުވަޒީރަކަށް ޕީޖީ
އިންސާފު ގާއިމްކުރެވޭ މަންޒަރު ވެސް ފެންނަން ވާނެ
އެއްވެސް ނުފޫޒެއް ނެތް، މައްސަލަ ކުރިއަށް ގެންދާނީ ގާނޫނާއި އިސްލާމީ ޝަރީއަތުގައިވާ ގޮތަށް

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ހިންގާ ޝަރީއަތް ވަކި ގޮތަކަށް ކުރިއަށް ގެންދިއުމަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތް ކަމަށް މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ވިދާޅުވެއްޖެ އެވެ.

ޝަޚްސް އޮޅުވާލުމުގެ ދައުވާކޮށް ފާރިސްގެ މައްޗަށް ހިންގާ ޝަރީއަތުގައި ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި، މައްސަލަ ވަކި ގޮތަކަށް ކުރިއަށް ގެންދިއުމަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތް ކަމަށް ގާޒީ އިބްރާހިމް އަލީ ވިދާޅުވީ، ފާރިސްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ފާހަގަކުރެއްވި އިޖުރާއީ ނުޖުތާތަކަކާ ގުޅިގެންނެވެ.

އެގޮތުން، މައުމޫން ހަމީދު ވަނީ، "ހަމައެކަނި އިންސާފު ގާއިމްކުރަންވީއެއް ނޫން، އިންސާފު ގާއިމްކޮށް އެ މަންޒަރު ވެސް ފެންނަން ވާނެ" ކަމަށް ބުނާ ޝަރުއީ ގާއިދާ ފާހަގަކުރައްވާފަ އެވެ. އެ ގާއިދާ ފާހަގަކުރައްވައި، މައުމޫން ވިދާޅުވީ ކޯޓު ރޫމަށް ބަލާލުމުން ވެސް އިންސާފު ގާއިމްކުރާ މަންޒަރު ނުފެންނަ ކަމަށެވެ.

މައުމޫން ފާހަގަކުރެއްވީ ދައުވާ ލިބޭ މީހާ އާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ ވަކީލް އިށީންދެ އިނުމަށް ޚާއްސަ ކުރެވިފައިވާ ތަންތަން ތަރުތީބު ކުރެވިފައިވާ ގޮތެވެ. އެގޮތުން މައުމޫން ވިދާޅުވީ  އިންސާފުގެ ދަރުބާރުގައި ތަޚުތުގައި އިންނަވަނީ މައްސަލަ ބައްލަވާ ގާޒީ ކަމަށާއި، ދަރުބާރުގެ ބޮޑުވަޒީރަކަށް ތަޚުތާއި ގާތުގައި އިންނަވަނީ ޕްރޮސެކިއުޓާ ޖެނެރަލް ކަމަށެވެ. 

ކޯޓް ރޫމް ތަރުތީބު ކުރެވިފައިވާ ގޮތުން ގާޒީގެ މޭޒުކޮޅާ ގާތުގައި ތިއްބަވަނީ ދައުލަތުގެ ވަކީލާއި ކޯޓް އޮފިސަރުންނެެވެ. ގާޒީގެ ކުރިމައްޗަށް ވާގޮތަށް ދައުވާ ލިބޭ މީހާ އާއި އޭނާގެ ވަކީލް އިށީންދެ ތިބޭއިރު، ޕްރޮސެކިއުޓާ ޖެނެރަލްގެ ވަކީލު ކުރިމަތިލައްވައިގެން އިންނަވަނީ ކޯޓް އޮފިސަރުންނަށެވެ.

މައުމޫން ވިދާޅުވީ ޝަރީއަތުގެ މަޖިލީހުގައި ކުރިއަށް ދަނީ، ޕްރޮސެކިއުޓާ ޖެނެރަލް އާއި ދައުވާ ލިބޭ މީހާއާ ދެމެދު ހިނގާ ކުރިމަތިލުމެއް ކަމަށާއި، މައްސަލަ ބައްލަވާ ގާޒީއާއި ދައުވާ ލިބޭ މީހާއާ ދެމެދު ހިނގާ ކުރިމަތިލުމެއް ނޫން ކަމަށެވެ. މައުމޫން ވިދާޅުވީ ދައުވާ ލިބޭ މީހާއާއި އޭނާގެ ވަކީލުން އިށިންދެގެން އިންނަންވާނީ ޕްރޮސެކިއުޓާ ޖެނެރަލްގެ ވަކީލަށް ކުރިމަތިލައިގެން، މިހާރު ކޯޓް އޮފިސަރުން ތިބޭ ތަނުގައި ކަމަށެވެ. 

މިމަހުގެ 2 ވަނަ ދުވަހު އަމަލުކުރަން ފެށުނު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޕްރޮސެކިއުޓާ ޖެނެރަލްއަށް ވަކި ޚާއްސަކަމެއް ނުދެވޭނެ ކަން ފާހަގަކޮށް، މައުމޫން ވަނީ، ގާޒީއާ ކައިރީގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އިންނަންޖެހޭ ގާނޫނީ ހުއްޖަތެއް ނެރެދިނުމަށް ގޮންޖައްސަވާފަ އެވެ. މައުމޫން ވިދާޅުވީ "ޕްރޮސެކިއުޓާ ޖެނެރަލްގެ ވަކީލް އާސްމާނުން ފައިބައިވަޑައިގެން" ދައުވާ ލިބޭ މީހާއާ އެއް ހަމައެއްގައި އިށީންދެ އިންނަން ޖެހޭ ކަމަށެވެ. 

މައުމޫންގެ އެ ވާހަކަތަކާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ވިދާޅުވީ އެމަނިކުފާނުގެ ލަޔާގަތާއި ގާބިލްކަން ތަންދިން މިންވަރަކުން އެއްވެސް ފަރާތަކަށް ބުރަނުވެ، ހައްގުތައް ކަށަވަރުކޮށްދީގެން އިންސާފު ގާއިމްކޮށް ދެއްވާނެ ކަމަށެވެ. އަދި މި މައްސަލަ ވަކި ގޮތަކަށް ކުރިއަށް ގެންދިއުމަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ މައްސަލަ ކުރިއަށް ގެންދަވާނީ އަދުލުވެރިކަމާއެކު ހާމަކަން ބޮޑު ގޮތެއްގައި، އެކަށީގެންވާ ވަސީލަތާއި ވަގުތު ދެއްވައިގެން ކަމަށެވެ. އަދި ހުރިހާ ކަމެއް ކުރިއަށް ގެންދަވާނީ ގާނޫނުތަކާއި އިސްލާމީ ޝަރީއަތުގައި ބަޔާންވެގެންވާ ގޮތަށް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. 

ޕްރޮސެކިއުޓާ ޖެނެރަލްގެ ވަކީލް އިންނަ ތަނާއި ގުޅޭ ގޮތުން ގާޒީ ވިދާޅުވީ އެއީ ކޯޓް ރޫމް ތަރުތީބު ކުރެވިފައިވާ ގޮތް ކަމަށާއި، އެކަމުގައި ދެ ހަސްމުން ތަފާތުކޮށް ވަކި ދަރަޖައެއް ދެވިފައިނުވާނެ ކަމަށެވެ. އަދި އެއީ އިދާރީ ކަމެއް ކަމަށާއި، އިދާރީގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް ކޯޓް ހިންގެވުން ހަވާލުވެ ހުންނެވި ފަރާތަށް ދަންނަވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

މީގެ އިތުރުން ގާޒީ ވިދާޅުވީ، ޝަރީއަތުގައި ތިބޭނީ ދެ ހަސްމުން ކަމަށާއި އޭގެން އެއްވެސް ފަރާތެއް ވަކި ތަޚުތެއްގައި ނުބަހައްޓާނެ ކަމަށެވެ. ޝަރީއަތް ކުރިއަށް ގެންދާނީ ޝަރީއަތް ކުރުމަށް ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށް ގާޒީ ވިދާޅުވި އެވެ.

- ކޮމެންޓް