ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، ހުޅުމާލޭ ހާފްވޭހައުސްގައި ގާއިމުކޮށްފައިވާ ދާލަން ކްލިނިކް ހުޅުއްވައިދެއްވައިފިއެވެ.
އެކަމަނާ މި ކްލިނިކް ހުޅުއްވައިދެއްވީ މިކަމަށްޓަކައި އާދިއްތަ ދުވަހުގެ ހަވީރު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ދާލަން ކްލިނިކަކީ ހުޅުމާލޭ ހާފްވޭހައުސްގައި ގާއިމްކޮށްފައިވާ، އަންހެނުންގެ ރިހެބިލިޓޭޝަން ސެންޓަރުގައި ހުރި ކްލިނިކްގައި ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، އަންހެނުންނަށް ޚާއްސަ ބަލިތަކާއި މި ނޫންވެސް އާ ޚިދުމަތްތަކާއެކު ހުޅުވިގެންދާ ކްލިނިކެކެވެ.
މި ކްލިނިކުން ފޯރުކޮށްދޭ ޚިދުމަތްތައް ޚާއްސަކުރެވިގެންދާނީ، މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަ ހުރެގެން އެކަމަށް ފަރުވާ ބޭނުންވާ އަންހެނުންނަށާއި، އާއިލާ ރޭވުމުގައި އަންހެނުންނަށް ދިމާވާ ޚާއްސަ ހާލަތްތަކަށް އަމާޒުކުރެވިގެން ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމަށެވެ. މި ކްލިނިކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި؛ އާންމު ބަލިތަކަށް ފަރުވާދިނުމާއި، އަންހެނުންގެ ޚާއްސަ ބަލިތަކަށް ފަރުވާ ދިނުމާއި، އެޑިކްޝަނަށް ފަރުވާދިނުމާއި، މައިނަރ ޕްރޮސީޖަރގެ ޚިދުމަތާއި، ސިނގިރޭޓް ބުއިން ހުއްޓުވުމަށް އެހީތެރިވެދޭ ޓޮބޭކޯ ސެސޭޝަން ތެރަޕީފަދަ ޚިދުމަތްތައް ހިމެނެއެވެ.
މީގެ އިތުރުންވެސް، ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ)އާއި ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަން (ޝީ)ގެ އެހީތެރިކަމާއެކު މި ކްލިނިކުގައި ކުރިޔަށްގެންދެވޭ ޚިދުމަތްތަކުގެ ތެރޭގައި؛ ދަރިމައިވުމުގެ ސިއްހަތާއި އާއިލާ ރޭވުންފަދަ ކަންކަމަށް މީހުން އަހުލުވެރިކުރުވުން ފަދަ ޕްރޮގްރާމްތައް ހިމެނެއެވެ.
މި ކްލިނިކްގެ ޚިދުމަތް ފެށުމާއެކު، މަރުކަޒުކުރެވިގެން ފަރުވާ ހޯދުމުގައި ދަތިތައް ކުރިމަތިވާ ގިނަ ފަރާތްތަކަށް މުޖުތަމައުގައި ތިބެގެން، ސިއްހީ އެހީތެރިކަމާއެކު ޒިންމާދާރު، އަދި ދުޅަހެޔޮ މީހަކަށް ވުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އަދި އިންޕޭޝަންޓް އަދި އައުޓްޕޭޝަންޓް ޚިދުމަތް މި ކްލިނިކުން ފޯރުކޮށްދޭއިރު، މާލޭ އޭރިޔާގައި ފަސޭހައިން އައުޓްޕޭޝަންޓް ޚިދުމަތާއި އެހެން ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވަރޗުއަލްކޮށް ޚިދުމަތް ލިބޭނެ އިންތިޒާމުވެސް މިތަނުގައި ވަނީ ހަމަޖެހިފައެވެ.
މި ކްލިނިކް ހުޅުއްވައިދެއްވުމަށްފަހު ރައީސްގެ އަނބިކަނބަލުން ވަނީ މި ކްލިނިކް ބައްލަވާލައްވައި، ކްލިނިކުން ޚިދުމަތް ހޯދަމުންދާ ބައެއް ފަރާތްތަކާ ބައްދަލުކޮށްލައްވާފައެވެ. ރައީސްގެ އަނބިކަނބަލުން ވަނީ ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ)އާއި ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަން (ޝީ)އާއި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އާއި ހުޅުމާލޭ ހޮސްޕިޓަލް، މިނިސްޓްރީ އޮފް ހެލްތު އަދި ދާލަން ކްލިނިކުގެ އިސްވެރިންނާއި މުވައްޒަފުންގެ މަސައްކަތް ފާހަގަކުރައްވައި އެހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.