ސުޕްރީމް ކޯޓުން އާދިއްތަ ދުވަހުގެ ރޭ ނެރުނު އަމުރަށް ބަލާއިރު މަސީހުގެ މައްސަލާގައި ސޮއިކުރެއްވި މަޖިލިސް މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސްރީ ލަންކާގައި ހުންނެވި ރައީސް ނަޝީދު އާދީއްތަ ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "ސުޕްރީމް ކޯޓްގެ މި އަމުރު ބުނަނީ، މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމަށް، ސޮއިކުރެއްވި މެމްބަރުންގެ ގޮނޑި ނުގެއްލޭނެކަމަށް. އަލްހަމްދުލިﷲ" އެވެ.
SCge miamuru bunani,Majlis Raees ge ithubaar neiykamah soikurevvi memberunge gon'di nugellenekamah.Alhamdhulillaahihttps://t.co/EyUFgJhYH6
— Mohamed Nasheed (@MohamedNasheed) July 16, 2017
ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ހުކުމުގައި ބަޔާންކޮށްފައިވާ ތިން ހާލަތުންކުރެ ހާލަތަކީ އެ ހުކުމްކުރި ތާރީހުގެ ކުރީގައި ވުޖޫދުވެފައިވާ ހާލަތެއް ނަމަ، ނުވަތަ އެއިން ހާލަތަކާ ގުޅޭ އެއްވެސް އިޖުރާއަތެއްގެ މައްޗަށް ބިނާކޮށް އެޅިފައިވާ ނުވަތަ އަޅާ އެއްވެސް ފިޔަވަޅެއް ނަމަ އެފަދަ އެއްވެސް ހާލަތެއްގެ މައްޗަށް ނުވަތަ އެފަދަ އެއްވެސް ހާލަތަކާ ގުޅިފައިވާ އިޖުރާއަތެއް ނުވަތަ ކަމެއްގެ މައްޗަށް އެ ގަޟިއްޔާގެ ހުކުމުގެ އަސަރު އެއްވެސް ގޮތަކުން މާޒީއަށް ރުޖޫއަވާގޮތަށް ތަންފީޒު ކުރުން ހުއްދަކުރެވިފައިނުވާކަން އެ ހުކުމުން ސާފުކޮށް އެނގޭ ކަމަށެވެ.
ސާޅީސް ފަސް މެމްބަރުންގެ ސޮޔާއެކު މަޖިލީހުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމާއެކު، އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ހުށަހެޅުއްވި މައްސަލައަށް ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމާ ގުޅިގެން ފާޑުކިޔުންތައް އަމާޒުކުރަމުން ދަނިކޮށް، ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ، ސިޔާސީ ޕާޓީއަކުން އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވަކިކުރުމުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނު އާއި ޕާޓީގެ އަސާސީ ގަވާއިދުގައި ނުވަތަ އެ ނޫން ގާނޫނަކުން ނުވަތަ ގަވާއިދަކުން ވިޔަސް ކަނޑައަޅާފައިވާ ގާނޫނީ އިޖުރާއަތުއަށް ތަބާވުން އިސްތިސްނާ ކުރެވިފައި ނުވާ ކަން އެ ހުކުމުގެ ގަޟިއްޔާއިން އެނގޭ ކަމަށެވެ.