ކ. މާލެ
|
8 އޯގަސްޓް 2023 | އަންގާރަ 16:15
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
ގެޓީ އިމޭޖަސް
މޯދީގެ އިތުބާރު ނެތްކަމުގެ ވޯޓު
މޯދީގެ ސަރުކާރާމެދު އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އިދިކޮޅުން މަޖިލީހަށް ވައްދައިފި
މިއީ 2014 ވަނަ އަހަރު ވެރިކަމަށް އައިފަހުން އިތުބާރު ނެތްކަމުގެ ވޯޓަކާ، މޯދީގެ ސަރުކާރުން ކުރިމަތިލާން ޖެހުނު ދެވަނަ ފަހަރު

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރާމެދު އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އިދިކޮޅު ޕާޓީތައް ގުޅިގެން މަޖިލީހަށް ވައްދައިފި އެވެ. މައްސަލައިގެ ބަހުސް ފައްޓަވައިދެއްވާފައި ވަނީ ހޯމަ ދުވަހު މަޖިލީހާ އަލުން ގުޅިވަޑައިގެންނެވި ކޮންގްރެސްޕާޓީގެ ލީޑަރު ރާހުލް ގާންދީއެވެ.

ހަތަރު މަސްދުވަހުގެ މެދުކެނޑުމަކަށް ފަހު އަލުން ރާހުލް ގާންދީއަށް ގޮޑި ލިބި ވަޑައިގެންފައިވަނީ އަބުރުގެ ދައުވާ ސާބިތުވެފައިވާ ކަމަށް ނިންމައި ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކުރުން މަޑުޖައްސާލުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން އަމުރުކުރުމާ ގުޅިގެންނެވެ.

ނަރެންދުރަ މޯދީގެ މައްޗަށް އިތުބާރު އޮތްތޯ ބެލުމަށް ކުރާ ބަހުސް ނިންމާލުމަށްފަހު ވޯޓަށް އެހުމަށް ނިންމާފައިވަނީ ބުރާސްފަތި ދުވަހުއެވެ. މި ވޯޓުގައި ވެރިކަންކުރާ މައިޕާޓީ ބީޖޭޕީ ބަލިވާނެ ކަމަކަށް ނުބެލެވެއެވެ. ސަބަބަކީ ބީޖޭޕީ އަދި ގުޅިފައިވާ ޕާޓީތަކަށް މަޖިލީހުގެ މެޖޯރިޓީ އޮންނާތީއެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަނީ މިފަދަ ވޯޓެއް ވެއްދުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މަނީޕޫރުގައި މިހާރު ކުރިޔަށްދާ ނަސްލީ ލޭއޮހޮރުވުންތަކާމެދު މޯދީ ޖަވާބުދާރީ ކުރުވުން ކަމުގައެވެ.

މަނިޕޫރުގައި ނަސްލީގޮތުން ތަފާތު ކުރެވި، ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ސަތޭކަ ފަންސާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މި އަނިޔާއާއި ހުޅުޖެހުން ފަދަ ކަންކަމުން ސަލާމަތްވުމަށްޓަކައި އެތައްހާސް ބަޔަކުވަނީ ގެދޮރު ދޫކޮށް ދުރު ހިސާބުތަކަށް ބަދަލުވެފައެވެ.

އިތުބާރު ނެތްކަމުގެ ވޯޓާބެހޭ ގޮތުން ފެޑަރަލް ހޯމް މިނިސްޓަރ އަމިތު ޝާހް ވިދާޅުވީ، މަނިޕޫރު މައްސަލައާ ބެހޭގޮތުން ވާހަކަދެއްކުމަށް ސަރުކާރުން އޮތީ ތައްޔާރަށެވެ. އަދި އެކަމަށް ފިލަން ދުވަނީ އިދިކޮޅުން ކަމަށް އަމިތު ޝާހު ތުހުމަތު ކުރައްވާފައި ވެއެވެ.

މިއީ 2014 ވަނަ އަހަރު ވެރިކަމަށް އައިފަހުން އިތުބާރު ނެތްކަމުގެ ވޯޓަކާ މޯދީގެ ސަރުކާރުން ކުރިމަތިލާން ޖެހުނު ދެވަނަ ފަހަރެވެ. 2018 ވަނަ އަހަރު ފުރަތަމަ ވޯޓު ވައްދާފައިވަނީ އަންދުރަޕްރަދޭޝް ސްޓޭޓަށް ސްޕެޝަލް ކެޓަގަރީ ސްޓޭޓަސް ދިނުމާއި ގުޅިގެންނެވެ. 12 ގަޑިއިރުގެ ބަހުސަކަށްފަހު ނެގި ވޯޓު ނިމުނީ ބީޖޭޕީ ކޮޅަށެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި މިފަހަރުގެ ވޯޓު ކުރިޔަށް ދާގޮތަކުން، 26 ޕާޓީ ގުޅިގެން މިދިޔަ ޖުލައިމަހު އުފައްދާފައިވާ އިދިކޮޅު އެލަޔަންސްގެ ބާރު ހުރިވަރު ފެނިގެންދާނެއެވެ. އަދި އަންނަ އަހަރު އޮންނަ އާންމު އިންތިޚާބުގައި މޯދީއަށް "ގޮންޖަހައިލެވޭ"ވަރު ވޭތޯ ނުވަތަ ނޫންތޯ ހާމަވެގެން ދާނެއެވެ.

ރާހުލްގާންދީ ހޯމަދުވަހު އަލުން މަޖިލީހާ ގުޅިވަޑައިގެންނެވި ހިސާބުން ވެސް ގެންދަވަނީ ވަރަށް ބޮޑަށް ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.  

ރާހުލް ގާންދީ 2 އަހަރަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކުރީ  2019ވަނަ އަހަރުގެ އިންތިޚާބީ ކެމްޕޭނުގެ ތެރޭގައި، ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ކުރި އަބުރުގެ ދައުވާއެއް ސާބިތުވެގެންނެވެ. އެ ހުކުމާއެކު، އޭރު މަޖިލީހުގެ ގޮނޑިވެސް ގެއްލުނީއެވެ.  

އެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ހުކުރު ދުވަހު އެ ގައުމުގެ ސުޕްރީމް ކޯޓުން ވަނީ ނެރެފައެވެ. ވުމާއެކު، ރާހުލްގެ މެމްބަރުކަމުގެ ގޮނޑި އަލުން ލިބިވަޑައިގެން، އަދި އަންނަ އަހަރުއޮންނަ އާންމު އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ރާހުލްއަށް ލިބިވަޑައިގަންނަވާނެއެވެ.

2019ވަނަ އަހަރުގެ އިންތިޚާބު ތެރޭގައި ކަރްނާޓަކާގައި ބޭއްވި ރެލީއެއްގައި ވާހަކަފުޅުދައްކަވަމުން ރާހުލް ގާންދީ ވަނީ ހުރިހާ "ވަގުން"ގެ ނަމުގެ ފަހަތަށް "މޯދީ" އަންނަނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.

އޭނާގެ އެ ބަސްފުޅުން އިޝާރާތްކުރެއްވީ، ޖިނާއީ ގިނަ ތުހުމަތުތަކެއް އިންޑިއާގެ ސަރުކާރުންނާއި އިންޓަރޕޯލްއިން ކޮށްފައިވާ ނީރަވް މޯދީއާއި، ކޮރަޕްޝަންގެ މައްސަލަތަކެއް އުފުލާފައިވާ، އިންޑިއާގެ ޕްރިމިއަރ ލީގުގެ ޗީފް ލަލިތު މޯދީއަށެވެ. މިމައްސަލާގައި ދައުވާއުފުލި މޯދީ ކިޔާ އެހެން ފަރާތަކުން ބުނެފައިވަނީ ގާންދީގެ އެ ވާހަކަފުޅުގެ ސަބަބުން، ނަރެންދުރަ މޯދީ ހިމެނިވަޑައިގަންނަވާހެން ގިނަ ބައެއްގެ އަބުރަށް އަރައިގަނެފައިވާކަމަށެވެ.  

- ކޮމެންޓް