ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއެކުވެސް އުނދަގޫ ވަގުތުތަކެއް ކަޑައްތުކުރިންކަމަށާއި ނަމަވެސް ތަފާތަކީ އެއިން ކޮންމެ ފަހަރަކުވެސް މަޝްވަރާކޮށްގެން އެއްބަސްވެވޭ ހައްލަކާ ހަމައަށް އާދެވުންކަމަށް އަދާލަތު ޕާޓީގެ އިސް ތަރުޖަމާން އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.
ދ ކުޑަހުވަދޫގައި ކުރިޔަށްދިޔަ އުފާވެރި އަމާން ރާއްޖެ ޖަލްސާގައި ވާހަކަދައްކަވަމުން ނަޒީރު ވިދާޅުވީ އަދާލަތު ޕާޓީން ސަރުކާރުތަކާއެކު މަސައްކަތްކުރާއިރު ގެންގުޅޭ ހަމައަކާއި ހިފަހައްޓާ އުސޫލެއް އޮންނަކަމަށެވެ. މީގެކުރީގެ ހުރިހާ ސަރުކާރުތަކާއެކުވެސް މަސައްކަތްކޮށްފައިވާ އަދާލަތު ޕާޓީގެ އިސްތަރުޖަމާނު ވިދާޅުވީ ސަރުކާރެއްގެ ސިޔާސަތަކާ ދެކޮޅަށް މިވީހާތަނުގައި ފާޅުގައި އަދާލަތު ޕާޓީ ނިކުމެފައި އޮންނާނީ އިސްލާމް ދީނާއި ރާއްޖޭގެ ރައްޔިތުންނާއި ރާއްޖޭގެ މަސްލަހަތު އެކަމަކުން ގެއްލޭކަންކަމުގައި ކަމަށެވެ.
ނަމަވެސް ތަފާތަކީ ރައީސް ޞާލިހާއެކު މަޝްވަރާކޮށްގެން އެއްބަސްވެވޭ ހިސާބަކަށް އާދެވުން ކަމަށާއި އަދާލަތު ޕާޓީ ކުރިޔަށް އޮތް އިންތިޚާބުގައި ރައީސް ޞާލިހާއެކު ނިކުމެތިބީ އެސަބަބަށްޓަކައި ކަމަށެވެ.
މިފަހަރު ރައީސް އާއެކު ނިކުމެ އިންތިޚާބު ކާމިޔާބުކުރެވިގެން ގޮސްފިނަމަ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ހަރުދަނާކުރުމަށް ގިނަގުނަ މަސައްކަތްތައް ކުރާނަން. އެމަސައްކަތްތަކާއެކު އިސްލާމް ދީނުގެ ދައުވަތު ފެތުރުމަށް މިކުރާ މަސައްކަތްތައް ލާމަރުކަޒު ކުރާނަން. ދަރުހެއް ދޭންޖެހޭ ކޮންމެ ފަހަރަކު މާލެއިން މީހުން ގެންނަންޖެހޭ ޖެހުން ނިމުމަކަށް ގެންނާނަން.އަދާލަތު ޕާޓީގެ އިސް ތަރުޖަމާން އަލީ ނަޒީރު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ވެރިކަމަށް އަލިއަޅުވާލައްވާ ވާހަކަދައްކަވަމުން ނަޒީރު ވިދާޅުވީ އެއީ އަނިޔާވެރި ވެރިކަމެއްކަމަށެވެ. ސެޕްޓެމްބަރ މަހު ރައްޔިތުން ނިންމާ ނިންމުމުން ދާން މިއުޅެނީ އުފާވެރި އަމާން ރާއްޖެއަކަށްތޯ ނުވަތަ މިރާއްޖޭގެ މަޖިލީހުގެ މެމްބަރުން ފާރުމަތިން ނަގާ އުކާލާ ސްޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ފަނޑިޔާރުން ދަމާ ކޫއްތާ ގެންދިޔަ ޒަމާން އަނބުރާ އިޔާދަކުރާނީތޯ އެނގިގެންދާނެކަމަށެވެ.
ޖަލުގައި އޮތް މީހަކު ނެރެފައި ޓިކެޓް ދީފައި ކުރިމަތިލިއަސް ކައުންސިލު ބައްދަލުވުން ބާއްވާފައި ބަނޑުމުސާރައަށް ބައްދައިގެން ޓިކެޓް ދީގެން މީހަކު ކުރިމަތިލެއްވިޔަސް އެއަކުން ނުނިކުންނާނެ މިއަނިޔާ ނޫން އެއްޗެއް. މީގެ ފަސް އަހަރުކުރިން ދިވެހިން ނިދަން އޮށޯންނަނީ މާދަމާ އުފަންކުރާނީ ކޮން އަނިޔާއެއްތޯ ހިތާ އެކަމުގެ ގިލަންވެރިކަމުގައި. އަނެއްދުވަހު ހޭލައިގެން ނޫސްތަކުގެ ސުރުހީ ބަލާލަނީ ދަންނަ ގާތް މީހަކު ގެންގޮސް ޖަލު ކުޑަގޮޅިއަށް ލީތޯ ޔަގީންކުރަންވެގެން. ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިހު މިއިންތިޚާބަށް ކުރިމަތިލައްވައިގެން އެހުންނެވީ މިއަނިޔާވެރިކަން ނިމުމަކަށް ގެންނަވާފައި.އަދާލަތު ޕާޓީގެ އިސް ތަރުޖަމާން އަލީ ނަޒީރު
ނަޒީރު ވިދާޅުވީ ރައީސް ޞާލިހު ވަނީ އެތައް އަހަރެއްވަންދެން ރާއްޖޭގައި އޮތް ސިޔާސީ ހަމަނުޖެހުމާއި ހަލަބޮލިކަން ނިމުމަކަށް ގެންނަވާފައިކަމަށެވެ. ރައްޔިތުންނަށް ހަމަޖެހިލައިގެން ހަމަނޭވާ ލެވޭނެ ފުރުސަތު ފަހިކޮށްދެއްވާފައިކަމަށެވެ.