ބާސެލޯނާގެ ފޯވަޑް އޮސްމާނޭ ޑެމްބެލޭ ކުލަބު ދޫކޮށްދިއުމާއެކު ޓީމު ވަރުގަދަ ކުރުމަށް އަރިމަތިން ކުޅޭނެ ހަލުވި ކުޅުންތެރިއަކު ހޯދުމަށް ބާސެލޯނާ ވަނީ މަސައްކަތް ފަށައިފަ އެވެ.
ކޯޗު ޒަވީ ހަނާންޑޭޒް ދަނީ މިކަމަށް މެނޭޖްމަންޓަށް ވަރަށް ބޮޑަށް ބާރު އަޅަމުންނެވެ. ނަމަވެސް މާލީ މައްސަލަތަކާއި ޓްރާންސްފާ މާކެޓުގެ އަގުތައް ހުރި ގޮތުން ބާސެލޯނާ އަށް ވަރުގަދަ ނަމެއް ހޯދުމުގެ ފުރުސަތު ކުޑަ އެވެ.
އެކަމަކު މިކަމަށް ޑެމްބަލޭ ގަތް ޕީއެސްޖީން ބާސެލޯނާ އަށް ގޮތެއް ހޯދައިދޭން ތިބީ ތައްޔާރަށެވެ. އެ ޓީމުން ހުށަހަޅަނީ ޑެމްބެލޭއަށް ދައްކަންޖެހޭ ފީގެ ބައެއްގެ ގޮތުގައި ބްރެޒިލްގެ ނޭމާ އަލުން ބާސެލޯނާ އަށް ގެންދިއުމަށެވެ. ނޭމާ އަކީ މީގެ ހައެއްކަ އަހަރު ކުރިން ދުނިޔޭގެ ރެކޯޑް ފީއެއް ކަމަށްވާ 222 މިލިއަން ޔޫރޯ އަށް ބާސެލޯނާ ދޫކޮށް، 2017 ވަނަ އަހަރު ޕީއެސްޖީ އަށް ބަދަލުވި ކުޅުންތެރިއެކެވެ. އަލުން އޭނާ ގެނައުމަށް ބާސެލޯނާ އަށް ދަތިވާ ސަބަބުތަކެއް އެބަހުއްޓެވެ.
އޭގެ ތެރޭގައި ހިމެނެނީ އެއް ސަބަބަކީ ކުލަބުގެ ނުގަބޫލުގައި ބާސެލޯނާ ދޫކޮށްލި ކުޅުންތެރިއަކަށްވުމެވެ. ދެ ވަނަ ކަމަކީ ބާސެލޯނާ ދޫކޮށްލި ފަހުން ނޭމާ އަށް ދިމާވަމުން އަންނަ އަނިޔާތަކާއި ގިނަ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހުމާއި، ކުޅުނު މެޗުތަކުގައި އެކަށީގެންވާ ކުޅުމެއް ނުދެއްކުމެވެ. ތިން ވަނަ ކަމަކީ ބާސެލޯނާއާ ދެކޮޅަށް އޭނާ ދައުވާތަކެއް ކުރުމެވެ. ހަތަރު ވަނަ ކަމަކީ ނޭމާގެ ދަނޑު ބޭރުގެ އަހުލާގީ މައްސަލަތައް ގިނަވުމެވެ.
ނޭމާ ހުރީ ބާސެލޯނާ އަށް އެނބުރި އަންނަ ގޮތަށެވެ. ނަމަވެސް ކޯޗު އޭނާއާއެކު ބާސެލޯނާ އަށް ކުޅުނު މިހާރުގެ ކޯޗު ޒަވީ ހަނާންޑޭޒް ނޭމާ ގެނައުމަށް ބޭނުމެއްނުވެ އެވެ. އޭނާ ދެކޭ ގޮތުގައި ނޭމާ ގެނެސްގެން ޓީމަށް އަންނާނެ ކުރިއެރުމެއް ނެތެވެ. އަދި ބާސެލޯނާގައި ވަރުގަދަ ޓީމެއް ބިނާކުރުމަށް އޭނާ ކުރާ މަސައްކަތުގައި ނޭމާގެ ފުށުން ލިބޭ ފައިދާއަށްވުރެ ގެއްލުން ބޮޑުވާނެ އެވެ. އެންމެ ބޮޑު ސަބަބަކީ ނޭމާގެ ފުށުން ޗޭންޖިން ރޫމު ތެރޭގެ މަސްލަހަތު ނަގާލެވިގެން ހިނގައިދާނެ ކަމުގެ ބިރު އޮތުމެވެ.