ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
ޖޫން/ޖުލައި ވިއްސާރައަށް ފަހު، މޫސުން އަލިކޮށްލި ފަހުން މިމަހުގެ 4 ވީ ހުކުރު ދުވަހުން ފެށިގެން އެކިރަށްތަކަށް ދަނީ އުދައަރަމުންނެވެ. އެގޮތުން މާލެ ސަރަހައްދުގެ އެކި ހިސާބުތަކަށް ވަނީ ވަރަށް ބޮޑަށް އުދައާރާފައެވެ. މާލެ ކޮޅުން ބްރިޖަށް އަރާ ސަރަހައްދު، ބްރިޖްގެ ހުޅުލެ ލައިޓްކައިރިން ހައިވޭއަށް ވަރަށް ބޮޑަށް ރާޅު އަރާފައިވެއެވެ. އަދި ރާޅުގަނޑު ސަރަހައްދާއި، ކާނިވާ ސަރަހައްދާއި އާޓިިފިޝަލް ބީޗް ސަރަހައްދަށް ވެސް ވަރަށް ބޮޑަށް ރާޅުއަރާފައިވެއެވެ.
މެޓު އޮފީހުގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ހުސެން ވަހީދު ރާއްޖެއެމްވީއަށް ވިދާޅުވީ ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް އުދައިގެ އަސަރުކުރާނެ ކަމަށާއި، ބޮޑަށް އުދައިގެ އަސަރުކުރާނީ މެދުރާއްޖެތެރެއާއި، ދެކުނަށް ކަމަށެވެ. މިއީ ވައިމަޑުވެ ކަނޑުގައި ބާނީ ބޮޑުވުމުގެ ސަބަބުން އަރަމުންދާ އުދައެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކަނޑުމަތީގެ ބާނީގެ އުސްމިން ހުރީ 2 މީޓަރާއި، 2.5 މީޓަރާ ދެމެދުގައި ކަމަށެވެ. އަދި ވަހީދު ވިދާޅުވީ މިއަދަކީ ކަނޑުމަޑު އަދި ވައިމަޑު ދުވަހެއް ކަމަށެވެ.
މީގެ އިތުރުން ވަހީދު ވިދާޅުވީ އުދައިގެ އަސަރު އެންމެ ބޮޑަށް ކުރާނީ މެންދުރުފަހުން 15:00ން 17:30 ކަމަށެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އުދައަރާނެ ކަމަށް ލަފާކޮށް ކ.އަތޮޅުން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރިފައެވެ. މިއެލާޓް ނެރިފައިވަނީ 15:30ން 18:30 ށެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް އުދައަރަމުންދާތީ ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.