ކ. މާލެ
|
2 އޯގަސްޓް 2023 | ބުދަ 14:38
އެކުވެރި ޢަރަބި އިމާރާތުގެ މަގުތަކަށް، ޑްރައިވަރަކާ ނުލާ ދުވާ ޓެކްސީތައް އެންމެ ފުރަތަމަ ތަޢާރަފު ކުރީ 2021 ވަނަ އަހަރުގެ ތެރޭގައި
ޑްރައިވަރަކާ ނުލާ ދުއްވާ ކާރު
ދަރިފުޅު އެކަނި ޓެކްސީއެއްގައި ފޮނުވަން ބިރުގަނޭތަ؟
 
ޑްރައިވަރަކާ ނުލާ ދުވާ ޓެކްސީތައް ފަރުމާ ކޮށްފައި ވަނީ، އެކަމަށް ޚާއްޞަ ސެންސަރުތަކަކާ އެކީގައި، މި ފަދަ ޓެކްސީއެއްގައި 10 ކެމެރާ ހަރުކޮށްފައި ހުރޭ
 
ޑްރައިވަރަކާ ނުލާ ދުވާ ޓެކްސީތަކަކީ، ވަކިން ޚާއްސަކޮށް، ބެލެނިވެރިންނަށް އޮތް ރަނގަޅު އިޚުތިޔާރެއް ކަމަށް ކަސްޓަމަރުން ބުނޭ

ދިރިއުޅުމުގެ ކަންކަން ހަމަޖެހިފައި އޮންނަ ގޮތުން، ބައެއް ތަންތަނަށް ގޮސް ހެދުމަށް ޓެކްސީގެ ޚިދުމަތް ހޯދަން ޖެހެއެވެ. މި ގޮތަށް ޓެކްސީގެ ޚިދުމަތް ހޯދާ އިރު، ޢުމުރު ދުވަހުވެސް ބައްދަލު ނުވާ މީހަކާއެކު، ކުޑަކުޑަ ކާރެއްގެ ތެރޭގައި އެތައް އިރެއް ހޭދަ ކުރަން ޖެހޭ ފަހަރު އާދެއެވެ. އެ ތަޖުރިބާއަކީ ބައެއް މީހުންނަށް ބަރުދާސްތު ކުރަން ދަތި ވޭނަކަށްވެސް ވެދެއެވެ. އެކި ގޮތް ގޮތުން ފުރައްސާރައާއި ކުރިމަތިވާ ފަހަރު އާދެއެވެ. ނޫނީ، އަޑު އަހަން ބޭނުން ނުވާ އެތައް ވާހަކައެއް އަޑުއަހަން ޖެހި، ދައްކަން ބޭނުންވާ އެތައް ވާހަކައެއް ދައްކަން ޖެހޭ ފަހަރުވެސް އާދެއެވެ. ނަމަވެސް، ކޮންމެ ކޮންމެ މީހަކީ އަމިއްލައަށް ކާރު ދުއްވޭ މީހަކަށް ނުވެދާނެއެވެ. އެކަހަލަ މީހުންނަށް އޮތް އެންމެ ރަނގަޅު އެއް ހައްލަކީ ޑްރައިވަރަކީ ނުލާ، އޭގެ އަމިއްލަ ޒާތުގައި ދުވާ ޓެކްސީއެކޭ ދަންނަވައިފިނަމަ، އެކަމަށް އެއްބަސްވެލައްވާނަންތޯއެވެ؟

ޑްރައިވަރަކާ ނުލާ، އޭގެ ޒާތުގައި އަމިއްލައަށް މަންޒިލްތަކަށް ދަތުރު ކުރާ ޓެކްސީގެ ޚިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ޕްރޮމޯޓް ކުރަމުން އަންނަ އެއް ޤައުމަކީ އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) އެވެ. ޑްރައިވަރަކާ ނުލާ ދުވާ ޓެކްސީގެ އާދައަށް، އަބޫދާބީގެ ރަށްވެހިން އަހުލުވެރި ކުރުވުމަށްޓަކާ، ސާދިޔާތާއި ޔަސް އައިލަންޑްގައި، ޓެކްސީ ޚިދުމަތް ދެމުން ދަނީ އެއްވެސް އަގެއް ނުނަގައެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއެކު ފަރުމާކޮށްފައި ވާ، ޑްރައިވަރަކާ ނުލާ ދުވާ ޓެކްސީތައް ތަޖުރިބާ ކުރުމުގެ ފުރުޞަތުގެ ބޭނުން، ގިނަ ބަޔަކު މިހާރުވެސް ދަނީ ހިފަމުންނެވެ.

ނޫން، އެއްވެސް ވަރަކަށް ބިރެއް ނުގަނޭ މި ކާރުގައެއް. މީ ވަރަށް ރައްކާތެރި އެއްޗެއް. ޤާނޫނުތަކާއި ޤަވައިދުތައް، މި ކާރަށް އެނގޭ. ހުރިހާ ކަމެއްވެސް ވިސްނޭ. އެހެންވީމަ، ވަރަށް ރައްކާތެރިއޭ ބުނެވޭނީ. ވަރަށް ހަމަޖެހިލައިގެން މި ކާރުގަ އިންނަނީ.
މުޙައްމަދު ފައްޔާޛް؛ ކަސްޓަމަރެއް

ޑްރައިވަރަކާ ނުލާ މިނިވަންކަމާއެކު ދަތުރު ކުރާ ޓެކްސީގެ މަޝްރޫޢަކީ، ޔޫއޭއީގެ އިންޓަގްރޭޓަޑް ޓްރާންސްޕޯރޓް ސެންޓަރ (އައިޓީސީ)އާއި އޭގެ ޒާތުގައި އަމިއްލައަށް ދުވާ ކާރުގެ ޓެކްނޮލޮޖީ އުފައްދާ ބައިނަލްއަޤުވާމީ ކުންފުނި، 'ވީރައިޑް' ގުޅިގެން ހިންގާ މަޝްރޫޢެކެވެ. ޔޫއޭއީގައި މި މަޝްރޫޢު ފުޅާ ކުރަމުން ދަނީ، ދަތުރުފަތުރުގެ ޤައުމީ ނެޓްވޯރކްގެ ތެރެއަށް މިފަދަ ކާރުތައް ވެއްދުމުގެ މަޤްޞަދުގައެވެ.

ޙަޤީޤަތަކަށް ބުނަންޏާ މީ ވަރަށް އާދަޔާ ޚިލާފު، އެހާމެ ނަލަ އަދި ޚާއްޞަ ތަޖުރިބާއެއް. ޑްރައިވަރަކާ ނުލާ ދުވާ ޓެކްސީތަކަކީ، ވަކިން ޚާއްސަކޮށް، ބެލެނިވެރިންނަށް އޮތް ރަނގަޅު އިޚުތިޔާރެއް. އެމީހުން އުޅެނީ ގިނަ ފަހަރަށް ޓެކްސީ ޑްރައިވަރުން ދެކެ ބިރުން. އަހަރެންވެސް ޓެކްސީއެއްގަ ތަނަކަށް ދާ ވާހަކަ ބުނެފިއްޔާ، މަންމަމެން އުޅޭނީ ބިރުން. ޑްރައިވަރު ދެކެ ބިރުން. އެކަމަކު، ޑްރައިވަރަކާ ނުލާ ދަތުރު ކުރާ ޓެކްސީތައް އައިމަ، މަންމަވެސް ގޭގަ އިންނަނީ ވަރަށް ހަމަޖެހިލާފަ. ވަރަށް އުފަލުން އިންނަނީ.
ޣާނިމް ޚާލިދު؛ ކަސްޓަމަރެއް

އެކުވެރި ޢަރަބި އިމާރާތުގެ މަގުތަކަށް، ޑްރައިވަރަކާ ނުލާ ދުވާ ޓެކްސީތައް އެންމެ ފުރަތަމަ ތަޢާރަފު ކުރީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން، ޔޫއޭއީގެ މަގުތަކުގައި އެ ކާރުތައް ދުވާ، ނުދުވާ ގޮތް ބަލާ، އެކި ކަހަލަ ޓެސްޓުތައް ހެދުމަށް އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ހޭދަ ކޮށްފައެވެ.

ޑްރައިވަރަކާ ނުލާ ދުވާ ޓެކްސީތައް ފަރުމާ ކޮށްފައި ވަނީ، އެކަމަށް ޚާއްޞަ ސެންސަރުތަކަކާ އެކީގައެވެ. މި ފަދަ ޓެކްސީއެއްގައި 10 ކެމެރާ ހަރުކޮށްފައި ހުރެއެވެ. އަދި ހުންގާނުގެ ފަހަތުގައި، ރައްކާތެރިކަން ކަށަވަރު ކުރާނެ ސޭފްޓީ އޮފިސަރަކުވެސް އިނދެއެވެ. މި ޓެކްސީތަކަކީ އެއްގަމު ދަތުރުތަކުގައި ބޭނުން ކުރަން ރައްކާތެރި އުޅަނދުތަކެއް ކަމުގެ ޔަޤީންކަން، ވީރައިޑްއިން ދެއެވެ.

އަހަރަމެންގެ ތެރެއިން ގިނަ މީހުންނަށް، މި ކާރު ޚާއްޞަ ވަނީ، މިއީ ރޮބޮޓްޓެކްސީގެ ތަޖުރިބާ، ފުރަތަމަ ފަހަރަށް ކޮށްލަން ލިބޭ ކަމަކަށް ވާތީ. ދެވަނަ ކަމަކީ، މީގެ އަރާޟުކަން. ރޮބޮޓްޓެކްސީއަކީ، އިންސާނީ ޑްރައިވަރުން ތިބޭ ކާރުތަކަށްވުރެ މާ އަރާމުކޮށް ދުވާ ކާރުތަކެއް. މީހުން ތިބެގެން ދުއްވާ ކާރުތައް ބުރެކި ޖައްސާއިރުވެސް، ފިސާރަ ހަރުކަށި ގޮތަކަށް ދާނީ. ނޫނީ ފިސާރި ބާރަށް ދުއްވާނީވެސް. އެކަމަކު، ރޮބޮޓްޓެކްސީތައް އުޅޭނީ ޤަވައިދުތަކާ އެއްގޮތަށް. ކާރު ތެރޭގެ މާޙައުލުވެސް ވަރަށް ރަނގަޅުވާނެ މި ކާރުތަކުގަ.
ޔޫފޭއީ ގާއޯ؛ ވީރައީޑްގެ ޓެކްނިކަލް ޑައިރެކްޓަރ

ޑްރައިވަރަކާ ނުލާ ދަތުރުކުރާ ޓެކްސީތައް ބޭނުން ކުރުމަށް ވީރައިޑަށް ޔޫއޭއީގެ ކަމާ ބެހޭ ފަރާތްތަކުން ދިން ހުއްދައަކީ، މެދުއިރުމަތީގެ ޤައުމެއްގައި ދިން މިފަދަ ފުރަތަމަ ހުއްދައެވެ. މި މަޝްރޫޢު އަމާޒު ހިފާފައި ވަނީ 2030 ވަނަ އަހަރު އަންނައިރު، ޔޫއޭއީގައި ކުރާ ދަތުރުފަތުރުގެ، އެންމެ މަދުވެގެން 25 ޕަސެންޓް ހިއްސާ ކުރުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
100%
0%
0%
0%
ކޮމެންޓް