ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކޮށް، ކުރި ހުކުމަކީ ޝަރުއީ ކޯޓެއްގެ ފަނޑިޔާރަކު ލިޔެފައިވާ ހުކުމެއް ނޫން ކަމަށާއި، އެ ހުކުމް ލިޔުނު ފަރާތް އެނގިވަޑައިގަންނަވާ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް އެޑްރެސް ކުރާއްވާ އާދިއްތަ ދުވަހު ސުޕްރީމް ކޯޓަށް އަދީބު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ރައީސް ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް ކުރެވުނީ ސަރުކާރުގެ ރޭވުމާއި، ނުފޫޒުގެ ތެރެއިން ކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
"ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ މައްޗަށް 13 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކުރެވުނީ ސަރުކާރުގެ ރޭވުމާއި، ނުފޫޒުގެ ތެރެއިންކަން އަޅުގަނޑު ދެނެހުރީމެވެ. އަޅުގަނޑަށް އެ މައުލޫމާތު އެނގެނީ އަޅުގަނޑަކީ އެއިރު ދިވެހިރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު ކަމަށްވެފައި، ސަރުކާރުގެ ވަރަށް ގިނަ ކަންކަން ހިނގަމުން ދިޔައީ އަޅުގަޑުގެ އެނގުމުގެ ތެރެއިން ކަމަށްވާތީ އެވެ." އަދީބުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
އަދީބު ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރެވުނީ، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހައްޔަރުކުރުމާއި ގުޅިގެން ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ނާޒިމްގެ ދިފާއުގައި ފެއްޓެވި ސިޔާސީ މަސައްކަތްތައް ނިމުމަކަށް ގެނެއުމަށް ކަމަށެވެ.
"ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާކުރެވުނީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ހައްޔަރުކުރެވުމާ ގުޅިގެން، ރައީސް ނަޝީދު އިސްވެ ހުންނަވައި ނާޒިމްގެ ދިފާއުގައި ސިޔާސީ މަސައްކަތްތައް ފެއްޓެވުމުން، އެކަން ނިމުމަކަށް ގެނެއުމަށް ކަންވެސް އަޅުގަނޑަށް އެނގެ އެވެ." އަދީބު ވިދާޅުވެފައިވެ އެވެ.
އަދީބު ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ކުރެވުނު ހުކުރުމަކީ ޝަރުއީ ކޯޓެއްގެ ފަނޑިޔާރަކު ލިޔުނު ހުކުމެއް ނޫން ކަމަށެވެ. ހުކުމް ލިޔުނު ފަރާތް ވެސް އެނގިވަޑައިގަންނަވާ ކަމަށް ފާހަގަކުރައްވަމުން އަދީބު ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލައިގައި "ފުރަތަމަ ޑްރާފްޓް ކުރެވުނު" ހުކުމުގައި އޮތީ އެމަނިކުފާނަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއްކޮށް، ހުކުމް ތަންފީޒް ކުރުން 3 އަހަރު ދުވަހުގެ މުއްދަތަކަށް ފަސްކުރާ ގޮތަށް ކަމަށެވެ. ނަމަވެސް، އެ ހުކުމުގެ ލިޔުމަށް ބަދަލު ގެނައީ ކޮންފަރާތެއްގެ އަމުރަށް ކޮން ފަރާތަކުން ކަންވެސް އެނގިވަޑައިގަންނަވާ ކަމަށް އަދީބު ވިދާޅުވެފައިވެ އެވެ.
"މިގޮތުން، އެމަނިކުފާނުގެ މައްޗަށް ކުރެވުނު ހުކުމަކީ ޝަރުއީ ކޯޓެއްގެ ފަނޑިޔާރަކު ލިޔުނު ހުކުމެއް ނޫންކަމާއި، އެ ހުކުމް ތައްޔާރު ކުރި ފަރާތް ވެސް އަޅުގަނޑަށް އެނގެ އެވެ. އެ މައްސަލައިގައި ފުރަތަމަ ޑްރާފްޓް ކުރެވުނު ހުކުމުގައި އޮތީ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއްކޮށް، އެ ހުކުމް ތަންފީޒްކުރުން 3 އަހަރު ދުވަހުގެ މުއްދަތަކަށް ފަސްކުރާ ގޮތަށެވެ. އެހެންނަމަވެސް، 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރާ ގޮތަށް، އެ ހުކުމުގެ ލިޔުމަށް ބަދަލު ގެނައީ ކޮންފަރާތެއްގެ އަމުރަށް ކޮން ފަރާތަކުން ކަންވެސް އަޅުގަނޑަށް އެނގެ އެވެ." އަދީބު ވިދާޅުވެފައިވެ އެވެ.
އަދީބު ވިދާޅުވެފައިވާ ގޮތުގައި ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ އެ މައްސަލަ ބެއްލެވި ފަނޑިޔާރުންނަށާއި، މުޅި އަދުލުއިންސާފުގެ ދާއިރާއަށް ނުފޫޒު ފޯރުވައިގެން ކޮށްފައިވާ ހުކުމެއްކަން ސާބިތުވާނޭ މައުލޫމާތު އެމަނިކުފާނުގެ އަތްޕުޅުގައި އެބަހުރި ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ހާމަކުރެއްވުމަށް ފުރުސަތު ދީފިނަމަ ސުޕްރީމް ކޯޓުގައި އެކަން ސާބިތުވާނޭ މިންވަރަށް މައުލޫމާތު ހުށަހެޅުމަށް ތައްޔާރަށް ހުންނެވި ކަމަށް އަދީބު ވިދާޅުވެފައިވެ އެވެ.
"ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ، އެ މައްސަލަ ބެއްލެވި ފަނދިޔާރުންނަށާއި، މުޅި އަދުލުއިންސާފުގެ ދާއިރާއަށް ނުފޫޒު ފޯރުވައިގެން ކޮށްފައިވާ ހުކުމެއްކަން ސާބިތުވާނޭ މައުލޫމާތު އަޅުގަނޑު އަތުގައި އެބަހުއްޓެވެ. މިކަމާ ގުޅޭ މައުލޫމާތު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ހާމަކުރުމަށް އަޅުގަނޑަށް ފުރުސަތު ދެއްވައިފިނަމަ އެކަން ސާބިތުވާނޭ މިންވަރަށް މައުލޫމާތު ހުށަހެޅުމަށް އަޅުގަނޑު ތައްޔާރަށް ހުރި ވާހަކަ ދަންނަވަމެވެ." އަދީބު ވިދާޅުވެފައިވެ އެވެ.
އަދީބު ވިދާޅުވީ އެއްވެސް މީހެއްގެ މައްޗަށް ހުކުމްކޮށްފައިވަނީ ގާނޫނާ ޚިލާފަށް، ޝަރީއަތަށް ނުފޫޒު ފޯރުވައިގެން ކަމަށް، އެ މައްސަލައެއްގެ މަރުހަލާތައް ނިމޭ ފަހުން ސާބިތުވި ނަމަވެސް، އަދުލުއިންސާފު ގާއިމްކުރުމަށް އެންމެ އިސްފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓުން އެ މައްސަލައެއް އަލުން ބައްލަވަންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއްވެސް މީހެއްގެ މައްޗަށް ހުކުމްކޮށްފައިވަނީ ގާނޫނާ ޚިލާފަށް، ޝަރީއަތަށް ނުފޫޒު ފޯރުވައިގެން ކަމަށް، އެ މައްސަލައެއްގެ މަރުހަލާތައް ނިމޭ ފަހުން ސާބިތުވި ނަމަވެސް، އަދުލުއިންސާފު ގާއިމްކުރުމުގެ އެންމެ އިސްފަރާތުގެ ހައިސިއްޔަތުން ތިޔަ ކޯޓުން އެ މައްސަލައެއް އަލުން ބައްލަވަންޖެހޭނެ އެވެ." އަދީބު ވިދާޅުވެފައިވެ އެވެ.
އަދީބުގެ ސިޓީގައި އެމަނިކުފާނު ވަނީ ރައީސް ނަޝީދަށް ކޮށްފައިވާ ހުކުމުގެ މައްސަލަ އަލުން ބެލުމަށާއި އެ މައްސަލައިގައި ކަންހިނގާފައިވާގޮތް ސާފުކޮށްދިނުމަށް ޝަރީއަތަށް ހާޒިރުވުމުގެ ފުރުސަތެއް ދެއްވުމަށް ސުޕްރީމް ކޯޓުގައި އެދިވަޑައިގަންނަވާފަ އެވެ.
"ވީމާ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރައްވާފައިވާ ހުކުމުގެ މައްސަލަ ތިޔަ ކޯޓުން އަލުން ބައްލަވައި، އެ މައްސަލައިގައި ކަންހިނގާފައިވާ ގޮތް ސާފުކޮށްދިނުމަށް ޝަރީއަތަށް ހާޒިރުވުމަށް އަޅުގަނޑަށް ފުރުސަތު ދެއްވުން އެދެމެވެ." އަދީބު ވިދާޅުވެފައިވެ އެވެ.
ރައީސް ނަޝީދުގެ މައްޗަށް ކުރި ހުކުމަކީ ޝަރުއީ ކޯޓެއްގެ ފަނޑިޔާރަކު ލިޔުނު ހުކުމެއް ނޫން ކަމަށާއި އެ ލިޔުން ލިޔުނު ފަރާތް އެނގިވަޑައިގަންނަވާ ކަމަށް އަދީބު ވިދާޅުވެފައިވާއިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު 7 ވަނަ ދުވަހު އަލްޖަޒީރާއިން ނެރުނު "ސްޓީލިންގ ޕެރެޑައިސް" ޑޮކިއުމެންޓްރީ ގައި އަދީބުގެ އަރިސް މީހެއްގެ ގޮތުގައި އުޅުނު މުހައްމަދު ހުސެއިން(އޮއިއްޓޭ) ވެސް ވަނީ ރައީސް ނަޝީދަށް ކުރި ހުކުމާ ގުޅޭ މިފަދަ ވާހަކަތަކެއް ދައްކާފަ އެވެ.
އެ ޑޮކިއުމެންޓްރީގައި އޮއިއްޓޭ ބުނާގޮތުން، ރައީސް ނަޝީދުގެ މައްޗަށް ހުކުމް ކުރި ދުވަހު މީހަކު ކައިރިއަށް ގޮސް ލިޔުމެއް ނަގަން އަދިބު އޭނާ އަށް ގުޅުއްވައި ވިދާޅުވި އެވެ. އެ މީހާ ދިނީ ސިޓީ އުރައަކަށް ނުލާ އޮތް ލިޔުމެއް ކަމަށާއި އެ ލިޔުން ކިޔާލުމުން އެއީ ރައީސް ނަޝީދުގެ ހުކުމްކަން އެނގުނު ކަމަށް އޮއިއްޓޭ ބުނެ އެވެ.
އޮއިއްޓޭ ބުނީ އެ ލިޔުން ގެންގޮސް އަދީބުގެ އަތްޕުޅަށް ދިނުމުން ހިނިވަޑުވަން ފެއްޓެވި ކަމަށާއި އަދި ވަގުތުން ރައީސް އަބްދުﷲ ޔާމީނަށް ގުޅުއްވި ކަމަށެވެ. އަދި އެ ހުކުމް ބަދަލުކުރަންޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް ވެސް އޮއިއްޓޭ ބުނެ އެވެ.
ރައީސް ނަޝީދަށް، 2015 ވަނަ އަހަރުގެ މާޗް 13 ވަނަ ދުވަހުގެ ރޭ 13 އަހަރުގެ ޖަލު ހުކުމެއް އިއްވެވީ، ދާދިފަހުން ޖުވެނައިލް ކޯޓަށް ބަދަލުކޮށްފައިވާ ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުލްބާރީ ޔޫސުފްއާއި، ހައިކޯޓުގެ މިހާރުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި މިހާރުގެ ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން ތިއްބެވ ބެންޗަކުންނެވެ. ފަނޑިޔާރު އަބްދުﷲ ދީދީ އާއި ޝުޖާއު އުސްމާން ހައިކޯޓަށް ޕްރޮމޯޓް ކޮށްފައިވާ ރައީސް ނަޝީދަށް ހުކުމް ކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީސް އެވެ.
ވެރިކަމުގައި ހުންނެވިއިރު، ކްރިމިނަލް ކޯޓުގެ އެއިރުގެ އިސްގާޒީ އަބްދުﷲ މުހައްމަދު(އަބްދުﷲ ގާޒީ) ސިފައިންގެ ބެލުމުގެ ދަށުން ގިރިފުށީގައި ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދަށް އިއްވި ހުކުމާއި ގުޅޭ ގޮތުން، އޮއިއްޓޭ ދެއްކި ވާހަކަތައް ރައީސް އޮފީހުން ވަނީ ދޮގުކޮށްފަ އެވެ.
ރައީސް ނަޝީދު ވަގުތުން ދޫކޮށްލައި ޖަލުގައި ހުންނަވަންޖެހި ވަޑައިގަތުމުގެ ސަބަބުން ލިބިވަޑައިގެންފައިވާ ގެއްލުމުގެ ބަދަލު ނަގައިދޭން އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ. އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން 2015 ވަނަ އަހަރުގެ އޮކްޓޯބަރު 5 ވަނަ ދުވަހު ނެރުނު ރައީސް ނަޝީދުގެ މައްސަލައިގެ ރިޕޯޓްގައި ބުނެފައިވަނީ އެ ގްރޫޕުން ބެލި ހުރިހާ ކަމަކަށް ނަޒަރު ކުރާއިރު އެންމެ ރަނގަޅު ގޮތަކީ ރައީސް ނަޝީދު ވަގުތުން ދޫކޮށްލުން ކަމަށެވެ. އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސްގެ ދަށުން ރައީސް ނަޝީދަށް ބަދަލު ނަގައިދިނުން ކަމަށެވެ. އެކަމަށް ލާޒިމު ކުރާ ކަމަށާއި ރައީސް ނަޝީދު ޖަލަށްލާފައި ވަނީ ނުހައްގުން ކަމަށެވެ.
މީގެއިތުރުން، ބުނެފައި ރައީސް ނަޝީދު ހައްޔަރުކޮށްފައި ވަނީ ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސްގެ 9، 10، 11، 19، 20، އަދި 21 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ.