Advertisement
ކ. މާލެ
|
16 ޖުލައި 2017 | އާދީއްތަ 10:52
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް
މުހައްމަދު ޝަރުހާން
އަބުރުގެ ގާނޫނު
އަބުރުގެ ގާނޫނުގެ ބައެއް މާއްދާތައް ބާތިލްކުރުމަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން ކެންސަލް!
މައްސަލަ ހުށަހެޅިތާ 10 މަސް ފަހުން ތާވަލުކުރި އަޑުއެހުމެއް
ކެންސަލް ކުރި ސަބަބެއް، ދެން އޮންނާނެ ދުވަހެއް ނުބުނޭ
ގާނޫނަށް އަމަލުކުރުން ހުއްޓާލުމުގެ ވަގުތީ އަމުރަކަށް އެދިފަ

"އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު" ގެ ނަމުގައި ޚިޔާލުފާޅުކުރުމުގެ ހައްގު ހަނިވާ ގޮތަށް ފާސްކޮށް، ތަސްދީގުކޮށްފައިވާ ގާނޫނުގެ ބައެއް މާއްދާތައް ބާތިލްކޮށްދިނުމަށް އެދި ހައިކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ފެށުމުގެ ގޮތުން ތާވަލުކުރި އަޑުއެހުން ކެންސަލް ކޮށްފި އެވެ.

އެ މައްސަލާގެ އަޑުއެހުންތައް ފެށުމަށް އާދިއްތަ ދުވަހަށް ތާވަލުކޮށްފައިވަނީ، ހައި ކޯޓަށް އެ މައްސަލަ ހުށަހެޅިތާ 10 މަހަށް ވުރެ ގިނަ ދުވަސްފަހުންނެވެ. އާދިއްތަ ދުވަހުގެ އަޑުއެހުން ކެންސަލް ކުރި ވަކި ސަބަބެއް ކޯޓުން ހާމަކޮށްފައިނުވެ އެވެ. އަދި ދެން އަޑުއެހުން އޮންނާނެ ދުވަހެއް ވެސް ނުބުނެ އެވެ.

ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހައި ކޯޓަށް އެ މައްސަލަ ހުށަހަޅުއްވާފައިވަނީ ގާނޫނީ ވަކީލު މައުމޫން ހަމީދާއި ގާނޫނީ ވަކީލު ހަސަން މަހާޒު ޝަރީފާއި ގާނޫނީ ވަކީލު އިބްރާހީމް ޝަމީލު އެވެ.

ހައި ކޯޓަށް އެ މައްސަލަ ހުށަހެޅީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ނަމަވެސް އެ މައްސަލަ ބަލައިގެންފައިވަނީވެސް މި އަހަރުގެ ޖެނުއަރީ މަހު އެވެ. އެ މައްސަލާގެ އަޑުއެހުމެއް ނުބާއްވާތާ ގިނަ ދުވަސްތަކެއްވެފައިވާއިރު އެ މައްސަލަ ހުށަހެޅިއިރުވެސް އަދި އޭގެ ފަހުންވެސް ވަނީ މައްސަލަ ހުށަހެޅި ފަރާތުން ވަގުތީ އަމުރަކަށް އެދިފަ އެވެ. މައްސަލާގައި ވަގުތީ އަމުރަކަށް އެދިފައިވަނީ އެ ގާނޫނަށް އަމަލު ކުރުން ވަގުތީ ގޮތުން ހުއްޓާލުމުގެ އަމުރެއް ނެރެދިނުމަށެވެ.

އެ މައްސަލައިގައި އެދިފައިވަނީ، ގާނޫނުގެ ބައެއް މާއްދާތަކާއި ބައެއް އަކުރުތައް ގާނޫނުން އުނިކުރުމަށާއި، އެ މައްސަލައިގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ގާނޫނަށް އަމަލުކުރުން ފަސްކޮށްދިނުމުގެ އަމުރެއްގެ އިތުރުން މިނިވަން ޑިމޮކްރެޓިކް އުސޫލުތަކާއި މުޖުތަމައުތަކުގައި ގަބޫލުކުރާ މިންގަނޑުތަކާ އެއްގޮތަށް ގިނަވެގެން ހަމަސް ދުވަހުގެ ތެރޭގައި ގާނޫނު އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.

އެ ގާނޫނާ ދެކޮޅަށް ނޫސްވެރިން އިހުތިޖާޖުކޮށް، މަދަނީ ޖަމިއްޔާތަކާއި ބޭރުގެ ޖަމިއްޔާތަކާއި ގައުމުތަކުން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް ރައީސް އަބްދުﷲ ޔާމީން އެ ގާނޫނު ތަސްދީގު ކުރެއްވީ މިދިޔަ އަހަރުގެ އޯގަސްޓް 11 ވަނަ ދުވަހު އެވެ.

އަބުރާ ބެހުން މަދަނީ ކުށެއްގެ ގޮތުގައި އޮއްވާ އެ ގާނޫނާއެކު އެ ކުށް މިވަނީ ޖިނާއީ ކުށަކަށް ބަދަލުކޮށްފަ އެވެ. އެ ގާނޫނުގެ ދަށުން މީހެއްގެ އަބުރު ގެއްލުވާލައިފި ނަމަ 50،000ރ. އިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާކުރެވެ އެވެ. ޖުރިމަނާ ފައިސާ ނުދައްކައިފި ނަމަ މީޑިއާގެ ލައިސެންސް ސަސްޕެންޑްކޮށް އަދި ބާތިލްކުރުމުގެ ބާރު ވެސް ރެގިއުލޭޓް ކުރާ މުއައްސަސާ އަށް ވަނީ ދީފަ އެވެ.

އަބުރުގެ ގާނޫނުގެ ދަށުން މިހާތަނަށް ދެ ފަހަރެއްގެ މަތިން ރާއްޖެޓީވީ ވަނީ ޖޫރިމަނާ ކޮށްފަ އެވެ. އެގޮތުން ފުރަތަމަ ދެ ލައްކަ ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާކޮށް، ނޫސްވެރިޔާ 50،000 ރުފިޔާ އިން ވަނީ ޖޫރިމަނާކޮށްފަ އެވެ. އޭގެ ފަހުން އެއް މިލިއަން ރުފިޔާއިން ވެސް ރާއްޖެޓީވީ ޖުރިމަނާ ކޮށްފައިވެ އެވެ.

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް