ކ. މާލެ
|
30 ޖުލައި 2023 | އާދީއްތަ 16:30
ސައިބީރިއާގެ ގަނޑުވެފައިވާ ބިންގަނޑުން ފެނުނު ފަންޏަކީ 46000 އަހަރު ވެފައިވާ ފަންޏެއް
46000 އަހަރު ވެފައިވާ ފަނިތަކެއް
46000 އަހަރު ވެފައިވާ ފަނިތަކެއް ދިރެން ފެށީ ކީއްވެ؟
 
އެ ފަންޏަކީ މީގެ ކުރިން ތަފްސީލުތައް ލިބިފައި ނުވާ 'ޕެނަގްރޯލައިމަސް ކޯލީމައެންސިސް' އޭ ކިޔާ ބާވަތެއްގެ ފަންޏެއް

ގުދުރަތީ ދިރުންތަކަކީ، ބަލައިފި ކޮންމެ މީހަކަށް އޭގައި އެތައް އިބުރަތެއް އެކުލެވިގެންވާ މަޚުލޫގުތަކެކެވެ. މާސިންގާ ބިޔަ ދިރުންތަކުން ފެށިގެން ހަމަ ލޮލަށްވެސް ނުފެންނަ މިފަދަ އެތައް ދިރުމެއް މި ބިމުގައި ވެއެވެ. ދުނިޔޭގެ ތާރީޚުގެ ދުށް ގަނޑުފެނުގެ ޒަމާން ނުވަތަ އައިސް އޭޖްގެ ދުވަސްވަރުގެ ރައުންޑްވޯރމްސް ނުވަތަ ނެމަޓޯޑްތަކެއްގެ ޖެނޯމް އެނަލިސިސް ހެދުމުގެ ތަޖުރިބާއަކީވެސް ހައިރާން ކުރުވަނިވި ކަންތައްތަކެއް މެދުވެރިވި ތަޖުރިބާއެކެވެ. ގަނޑުވެފައިވާ ހާލަތުގައި އެތައް ލައްކަ އަހަރެއް ހޭދަކޮށްފައިވާ ފަނިތަކުން ގަނޑުފިލުމާއެކު ދިރެން ފެށިއެވެ. އެއީ އަދި މިހާތަނަށް ފެނިފައިނުވާ ބާވަތެއްގެ ފަނިތަކެކެވެ.

ދިރާސާ ކުރުމުގައި ބައިވެރިވީ ޔުނިވަރސިޓީ އޮފް ކޮލޯންގެ އިންސްޓިޓިއުޓް އޮފް ޒޫލޮޖީއާއި، ޑްރެސްޑެންގެ މެކްސް ޕްލަންކް އިންސްޓިޓިއުޓް އޮފް މޮލެކިއުލަރ ސެލް ބަޔޮލޮޖީ އެންޑް ޖެނެޓީކްސް (އެމްޕީއައި-ސީބީޖީ) އަދި ސެންޓަރ ފޮރ ސިސްޓަމްސް ބަޔޮލޮޖީ ޑްރެސްޑެން (ސީއެސްބީޑީ)ގެ ސައެންސްވެރިންނާއި ތަޖުރިބާކާރުންނެވެ. މި ހުރިހާ މުއައްސަސާތަކަކީވެސް ޖަރުމަނުވިލާތުގެ މުއައްސަސާތަކެކެވެ. ދިރާސާގެ ހޯދުންތަކުން ދެއްކިގޮތުގައި، ދުނިޔޭގެ އެންމެ ފިނި ސަރަޙައްދުތަކުގެ ތެރޭގައި ގުނާލެވޭ ސައިބީރިއާގެ ގަނޑުވެފައިވާ ބިންގަނޑުން ފެނުނު ފަންޏަކީ 46000 އަހަރު ވެފައިވާ ފަންޏެކެވެ. އެ ފަންޏަކީ މީގެ ކުރިން ތަފްސީލުތައް ލިބިފައި ނުވާ 'ޕެނަގްރޯލައިމަސް ކޯލީމައެންސިސް' އޭ ކިޔާ ބާވަތެއްގެ ފަންޏެކެވެ. މި ދިރާސާ އާންމުކޮށްފައިވަނީ ޕީލޯސް ޖެނެޓިކްސް ޖަރނަލްގައެވެ.

ގިނަ އަހަރުތަކެއް ވަންދެން ސުން ޑިގްރީ ސެލްސިއަސްއަށްވުރެ ދަށް ފިނިހޫނު މިނެއްގައި ގަނޑުވެފައިވާ ބިންގަނޑުން ނެގި ސާމްޕަލްތައް ވިރުވުމުގެ ތެރޭގައި ދެ ފަންޏެއް ދިރޭ މަންޒަރު ރަޝިއާގެ ސައެންސްވެރިންނަށް އެންމެ ފުރަތަމަ ފެނުނީ 2018 ވަނަ އަހަރުއެވެ. ފަނިތަކުގެ ތަފްސީލުތައް ދެނެގަތުމަށް ހެދި، ރޭޑިއޯކާބަން ޑޭޓިންގް ދިރާސާއިން ދެއްކި ގޮތުގައި، 'ކްރިޕްޓޯބަޔޯސިސް' ހާލަތަށް ފަނިތައް ގޮސްފައިވަނީ މީގެ ގާތްގަނޑަކަށް 46000 ކުރިންނެވެ. 'ކްރިޕްޓޯބަޔޯސިސް' އަކީ ވެއްޓަށް އަންނަ ބޮޑު ބަދަލެއްގެ ސަބަބުން، ހަރަކާތް ހުއްޓިފައި އޮންނަ އޮތުމެވެ. އެ ހާލަތަށް ދިއުމުން ހެދިބޮޑުވުން ފަދަ ކަންކަންވެސް ހުއްޓުމަކަށް އާދެއެވެ.

ގަނޑުފިލުމުން ދިރެން ފެށި ފަނީގެ ބާވަތް ދެނެގަނެ، އެ އެތީގެ ޖީން ދިރާސާކުރުމުގެ މަސައްކަތުގައި އުޅުއްވި ޑރ. ފިލިޕް ޝައިފަރ ފާހަގަކުރެއްވިގޮތުގައި، ގަދަ ފިނީގައި ގަނޑުވެފައިވާ ބިންގަނޑުގެ ތެރޭގައި ދިރިއޮތުމަށް ގުދުރަތުން ފަނީގެ ހަށިގަނޑުގެ ތެރޭގައި 'ޓޫލްކިޓެއް' ވަނީ ލައްވަވާފައެވެ.

މިކަން އެންމެ ފުރަތަމަ ފެށުނީ، ރަޝިއާގަ އަހަރެމެންނާ އެކީ މަސައްކަތްކުރި ބަޔަކު، އެމީހުންގެ ދިރާސާއަށް، ގަނޑުވެފަ އޮތް ބިންގަނޑުން ސާމްޕަލްތަކެއް ނަގައިގެން އުޅުމުގެ ތެރޭގަ، އެ ވެލިގަނޑު ތެރެއިން ފަނިތަކެއް ނުކުންނަން ފެށި ހިސާބުން. އެމީހުންނަށް އެނގުނު، އެ ވެލިގަނޑު ގަނޑުވެފަ އޮންނަތާ އެތައް އަހަރެއް ވެއްޖެކަން. އެހެންވެ، ރޭޑިއޯކާބަން ޑޭޓިންގ ހެދީ. ހެދިއިރު މި އެނގުނީ އެ ފަނިތައް ގަނޑުވެފަ ތިބޭތާ 46000 އަހަރު ވެއްޖެކަން. އެކަން އެނގުނު ހިސާބުން، ބޭރުގެ އެއްވެސް ތަޣައްޔަރުކަމެއްގެ އަސަރު އެ ސާމްޕަލަށް ކުރިޔަނުދީ ވޭތޯ ބެލީ. އެހެންވީމަ، އެ ވެލިގަނޑު ތެރޭން ނުކުންނަ ހުރިހާ އެއްޗަކީ 46000 ވަންދެން ގަނޑުވެފަ ހުރި އެއްޗެހިކަން ކަށަވަރު ކުރެވޭނެތާ. މީ ހަމަ އަޖައިބެއް ކަހަލަ ކަމެއް. ވަރަށް އާދަޔާ ޚިލާފު މަންޒަރެއް މީ.
ޑރ. ފިލިޕް ޝައިފަރ؛ ޔުނިވަރސިޓީ އޮފް ކޮލޯން

'ކްރިޕްޓޯބަޔޯސިސް' ހާލަތަށް ފަނީގެ ހަށިގަނޑު ތައްޔާރުވަމުން ދިއުމުގެ ކުރިން، އެ އެތީގެ ހަށިގަނޑުން ކޮންމެވެސް ވަރަކަށް ފެން މަދުވެފައި ހުރިކަމަށާއި، އެކަމަކު ސަބަބުން ތައްޔާރީތައް ވަރުގަދަވި ކަމަށް ދިރާސާކުރި ޓީމުން ބުނެއެވެ. އަދި މައިނަސް 80 ޑިގްރީ ސެލްސިއަސްގެ ގަދަ ފިނީގައިވެސް ދިރި ތިބުމުގެ ފުރުސަތު ތަނަވަސްވި ކަމަށްވެސް ބުނެއެވެ.

ލެބްގައި ހެދި ދިރާސާތަކުގެ ތެރޭގައި ފަނީގެ ހަށިގަނޑުން ހިސާބަކަށް ފެން މަދު ކޮށްލުމުން، ބަޔޯކެމިކަލް ފެންވަރުގައި ގްލޫކޯޒް މޮލެކިއުލް އުފެއްދިއެވެ. އެއީ ހަށިގަނޑުން އިންތިހާއަށް ފެން މަދުވެގެން ދިއުމާއި، ގަދަ ފިނީގެ ހާލަތުގައި ދިރިއޮތުމަށް ފުރުސަތު އިތުރުކޮށްދޭ ކަމެކެވެ.

މީގެ އެތައް ހާސް ކުރިން ބިމުއަޑީގައި މިފަދަ ގޮތަކަށް ގަނޑުވެފައިވާ ދިރޭތަކެތިން ގަނޑު ފިލުވުމުގެ ސަބަބުން މިހާރުން މިހާރަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ޑރ. ޝައިފަރ ގަބޫލެއް ނުކުރައްވައެވެ. އަދި އެފަދަ ދިރޭތަކެއްޗަކީ، އޭގައި ނުރައްކާތެރި ޖަރާސީމާއި ވައިރަސް އެކުލެވިދާނެ މަޚުލޫގުތަކަކަށް ވެދާނެ ކަމަކަށްވެސް ޑރ. ޝައިފަރ ގަބޫލެއްނުކުރައްވައެވެ.

މިފަދަ ދިރާސާތައް ކުރުމަކީ މޫސުމީ ގޮތުން ނޭދެވޭ ބޮޑެތި ބަދަލުތަކެއް ދުނިޔެއަށް ކުރިމަތިވަމުންދާ މި ދަނޑިވަޅުގައި، ތިމާވެށީގެ ދިރުންތައް ރައްކާތެރިކޮށް، ހިމާޔަތް ކުރުމަށް، ބިނާ ކުރަނިވި ފިޔަވަޅުތަކެއް އަޅަން އެހީވެދޭނެ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް