މިނިވަން އުފާ ކާނިވަލް ހޮނިހިރު ދުވަހުގެ ރޭ ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް އާބަންކޯއިން ބުނެފިއެވެ.
އާބަންކޯއިން ބުނީ މިނިވަން އުފާ ކާނިވަލް ހޮނިހިރު ދުވަހުގެ ރޭ 8:00 ގައި ހުޅުވުމަށްވަނީ ހަމަޖެހިފައިވާ ކަމަށާއި، ކާނިވަލްގެ ތައްޔާރީތަކަށް ހުޅުމާލެ ސެންޓަރަލް ޕާކު ސަރަހައްދު ހޮނިހިރު ދުވަހުގެ ހަވީރު 4:00 ފެށިގެން ބަންދުވާނެ ކަމަށެވެ.
ފުރަތަމަ މިނިވަން އުފާ ކާނިވާ ހުޅުވުމަށް ނިންމާފައިވަނީ 28 ޖުލައި ވީ ހުކުރު ދުވަހުގެ ރޭއެވެ. ނަމަވެސް މާލެ ސަރަހައްދުގައި ކުއްލިއަކަށް ރޯގާ ފެތުރިގެން ދިއުމާ ގުޅިގެން ފަސްކުރިއެވެ.
މީގެ އިތުރުން ހޮނިހިރު ދުވަހުގެ ރޭ 9:30 އެހާއިރު ހުޅުމާލެ ސެންޓްރަލް ޕާކްގައި ހަވާ އެރުވުން އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ހަރަކާތް ކުރިއަށް ދާނީ ގާތްގަނޑަކަށް 8 މިނެޓެއްހާއިރުއެވެ.
ހޯމް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާ މިނިވަން އުފާ ކާނިވަލްގެ ހަރަކާތްތައް އިންތިޒާމްކުރެވިފައި ވަނީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ބައިވެރިވެވޭނެ ފަދަ ގިނަ ހަރަކާތްތަކެއް ހިމަނައިގެން ކަމަށް އާބަންކޯއިން ބުނެއެވެ. އަދި މުޅި ޕާކު ކާނިވަލެއް ރަމްޒުކޮށްދޭ ގޮތަށް ޒީނަތްތެރިކޮށްފައި ވާއިރު، ހިތްފަސޭހަ މާހައުލެއްގައި އާއިލާއާއި ރަހުމަތްތެރިންނާއެކު ވަގުތު ހޭދަކޮށްލުމަށް ޚާއްސަ ޒޯނެއްވެސް ޕާކުގައި ހުންނާނެކަމަށް އާބަންކޯއިން ބުނެއެވެ.