މަޖިލީހުގެ މެމްބަރުން ވަކި ކުރެވޭ ގޮތްތަކަށް ކަނޑައެޅުމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ހުށަހަޅި މައްސަލައިގައި ކުރި ހުކުމް ގާނޫނު އަސާސީއާ ހިލާފު ކަމަށާއި އެ ހުކުމުގެ ސަބަބުން މެމްބަރުން ވަކި ނުކުރެވޭނެ ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފި އެވެ.
ގުޅިފައިވާ ޕާޓީތަކުގެ ގާނޫނީ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާ ޕާޓީއަކުން އަޅާ ސުލޫކީ މައްސަލައަކާ ގުޅިގެން އިންތިހާބީ މަގާމެއްގައި ހުންނަ ބޭފުޅެއްގެ ގޮނޑި ގެއްލިގެން ނުދާނެ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގައި ބުނެފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި ބާއްވާ އިންތިހާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިހާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފުވެވަޑައިގެން ޕާޓީން ވަކިކުރިކަމުގައި ވިޔަސް، އެ މީހަކު އިންތިހާބުވެފައިވާ މަގާމުގައި ދެމި ހުންނާނެ ކަމަށެވެ.
މެމްބަރުންގެ ގޮނޑި ގެއްލިގެންދާނެ އުސޫލްތަކެއް ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ކަނޑައަޅައި ހުކުމްކުރީ، ވަހީދު ވިދާޅުވި ގޮތުގައި، ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އޮތް އެއްޗެއް ސުޕްރީމް ކޯޓްގެ ފަނޑިޔާރަށް އެނގިވަޑައިނުގަންނަވާތީ ކަމަށެވެ. ނަމަވެސް އެ ގާނޫނުގައި އޮތް އެއްޗެއް ބަންޑާރަ ނައިބު މުހައްމަދު އަނިލަށް އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ،
"ރައްޔިތުން ކެތްތެރިވެ ތިއްބަވާ، އެއްވެސް މެމްބަރަކު ވަކި ނުކުރެވޭނެ،" ވަހީދު ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރެއްވި ޕީޕީއެމްގެ މެމްބަރުން ޕާޓީން ވަކިވެވަޑައިގަތުމަށް ސިޓީ ފޮނުއްވާފައި އޮތުމުން ވެސް އެ މެމްބަރުންގެ ގޮނޑި ގެއްލިގެން ނުދާނެ ކަމަށް ވަހީދު ވިދާޅުވި އެވެ. ކުރިން ޕީޕީއެމްއިން ވަކިކޮށްފައިވާ ހަތަރު މެމްބަރެއްގެ ގޮނޑިވެސް ގެއްލުވާ ނުލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިފަހަރު ހުށަހެޅުމުގެ ކުރިން ރައީސް ޔާމީން ފެކްޝަންގެ ސުލޫކީ ކޮމިޓީން ފިޔަވަޅު އަޅައި ޕާޓީން ވަކިކުރައްވާފައި ވަނީ ވަހީދުގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް އާއި، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އެވެ.
މި ހަތަރު ބޭފުޅުން ޕާޓީން ވަކިކުރި މައްސަލަ އަލުން ރިވިއު ނުކުރެވޭނެ ކަމަށާއި ޕާޓީން ވަކިވުމަށް ސިޓީ ފޮނުއްވާފައިވާ 10 މެމްބަރުން ގެ މައްސަލަ ވެސް ނުބެލޭނެ ކަމަށް ވަހީދު ވިދާޅުވި އެވެ.
ޕްރެސް ކޮންފަރެންސްގައި ގާނޫނީ ވަކީލް ހިސާން ހުސައިން އާއި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި އަނަސް އަބްދުއް ސައްތާރު ވެސް ވިދާޅުވީ ސުޕްރީމް ކޯޓްގެ ހުކުމް ގާނޫނު އަސާސީއާ ހިލާފު ކަމަށެވެ. އެ ހުކުމް މުރާޖައާ ކުރުމަށް އެ ބޭފުޅުން ވެސް ސުޕްރީމް ކޯޓަށް ގޮވާލެއްވި އެވެ.