ކ. މާލެ
|
27 ޖުލައި 2023 | ބުރާސްފަތި 05:00
ޕެރިހުގެ މޭޔަރު ހިޑަލްގޯ (ކ) އާއި އެމްބާޕޭ
ޕެރިހުގެ މޭޔަރު ހިޑަލްގޯ (ކ) އާއި އެމްބާޕޭ
ގޫގުލް
އެމްބާޕޭ
ޕެރިހުގެ މޭޔަރު އެމްބާޕޭ ކޮޅަށް އަރައިފި
ޕީއެސްޖީން ބޭނުންވަނީ އެމްބާޕޭ ކޮންޓްރެކްޓު އައު ކުރަން، މޭޔަރު ބުނަނީ ގޮތް ނިންމާނީ ކުޅުންތެރިޔާ ކަމަށް

ފްރާންސްގެ އެންމެ މަޝްހޫރު ކުލަބު ޕެރިސް ސެންޓް ޖަމައިން (ޕީއެސްޖީ)އިން އެ ގައުމުގެ ކެޕްޓަން ކީލިއަން އެމްބާޕޭއާ މެދު ކަންތައްތައްކުރާ ގޮތާމެދު ޕެރިހުގެ މޭޔަރު ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

މޭޔަރު އޭން ހިޑަލްގޯ ބުނީ އެމްބާޕޭ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި އެންމެންވެސް އޭނާ ފްރާންސްގެ ވެރިރަށުގައި ކުޅެން ބަހައްޓަން މަސައްކަތް ކުރަންވީ ކަމަށެވެ.

އެކަމަކު ސުވާލަކީ ޕީއެސްޖީން ކީއްހޭ މިކުރަނީ. އަހަރެންނަކަށް ނުވިސްނޭ އެމީހުން މިކުރާ ކަމެއް. (އެމްބާޕޭ ކުލަބުގައި ބަހައްޓަން މަސައްކަތް ކުރާހެން ހީނުވާ ކަމަށް). އޭނާ އަކީ މޮޅު ކުޅުންތެރިއެއް. އެކަމަކު މިތަނުގައި ހުރުމާމެދު ގޮތެއް ނިންމާނީ އޭނާ
މޭޔަރު

ޕީއެސްޖީން ވަނީ އެމްބާޕޭ ކޮންޓްރެކްޓް އައުނުކުރާނަމަ ދެން ފަރިތަކުރެވޭނީ ރިޒާވް ޓީމާއެކުގައި ކަމަށް ނިންމަފަ އެވެ. އަދި އެކަން ނުކުރާނަމަ މިސީޒަނުގައި ކުޅުމުގެ ފުރުސަތު ނުދީ ބެންޗުގައި ބައިންދަން ވެސް އެކުލަބުން ތައްޔާރެވެ. މިހެންވުމާއެކު ޖަޕާނަށް މިހާރު ޕީއެސްޖީ ކުރާ ދަތުރު އެމްބާޕޭ ވަނީ ވަކި ހިސާބަކުން ހުއްޓާލައިފަ އެވެ.

އޭނާ ބޭނުންވަނީ ކުރިއަށް އޮތް ސީޒަން ޕީއެސްޖީ އަށް ކުޅެދީފައި ދެން އަންނަ ސީޒަނެއްގައި ސްޕޭނުގެ ރެއާލް މެޑްރިޑަށް ބަދަލުވާށެވެ. އެއީ އޭނާގެ ކުޑައިރުއްސުރެ ހުވަފެނެކެވެ. ނަމަވެސް ޕީއެސްޖީން މިގޮތެއް ބޭނުމެއްނުވެ އެވެ. ސަބަބަކީ އެމްބާޕޭ މިފަދައިން ހަދައިފިނަމަ އެކުލަބަށް އެއްވެސް މާލީ މަންފާއެއްނެތި ހިލޭ ޓްރާންސްފާއެއްގައި އޭނާ އަށް ކުލަބު ދޫކޮށްލުމުގެ ފުރުސަތު ލިބޭތީ އެވެ.

ޕީއެސްޖީގެ ވެރިޔާ ނަސީރު އަލް ހަލައިފީ ވިދާޅުވީ އެމްބާޕޭ ހިލޭ އެހެން ކުލަބަކަށް ދިޔަ ނުދޭނެ ކަމަށެވެ. މިހެންވެ ކުޅުންތެރިޔާ އަށް އޮތީ ދެ ގޮތް ކަމަށެވެ. އެއީ ކުރިއަށް އޮތް ސީޒަނުގައި ޕީއެސްޖީ އަށް ކުޅެން ބޭނުންނަމަ ކޮންޓްރެކްޓް އާކުރުން ނުވަތަ ކުރިއަށް ސީޒަން ފެށުމުގެ ކުރިން އެހެން ކުލަބަކަށް ދިއުމެވެ.

ސައުދީ އަރަބިއާގެ އަލް ހިލާލުން ވަނީ އެމްބާޕޭ ގަތުމަށް ރެކޯޑް ފީ އެއް ހުށަހަޅައިފަ އެވެ. ނަމަވެސް ސައޫދީ ލީގުގައި ކުޅެން ކުޅުންތެރިޔާ ބޭނުމެއްނުވެ އެވެ.

- ކޮމެންޓް