އައްޑޫ ސިޓީ
|
26 ޖުލައި 2023 | ބުދަ 17:11
ނައިބް ރައީސް، ފައިސަލް ނަސީމް
ނައިބް ރައީސް، ފައިސަލް ނަސީމް
ރައީސް އޮފީސް
އައްޑޫ ސިޓީ އިސްލާމީ މަރުކަޒު
އިސްލާމިކް ސެންޓަރާއެކު، އައްޑޫ ސިޓީގައި މި ދައުރުގައި ޖުމްލަ 4 މިސްކިތެއްގެ މަސައްކަތް ކުރިއަށް އެބަދޭ: ނާއިބު ރައީސް
 
މި ބިނާ އިމާރާތްކުރުމަށް ފެޑޯ ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފައިވަނީ 24 މާރިޗް 2023ގައި

މިއަދު އަމަލީ މަސައްކަތް ފެށުނު އިސްލާމިކް ސެންޓަރާއެކު، އައްޑޫސިޓީގައި މި ދައުރުގައި ޖުމްލަ 4 މިސްކިތެއްގެ މަސައްކަތް ކުރިއަށް އެބަ ދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް މިހެން ވިދާޅުވީ، އައްޑޫސިޓީ ހިތަދޫގައި އިމާރާތްކުރާ އިސްލާމިކް ސެންޓަރުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު އެ ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރުން ދީނީ ކަންތައްތަކަށް ވަރަށް ބޮޑަށް އިސްކަން ދޭކަމަށާއި، އާންމު ރައްޔިތުންނާއި، ޚާއްސަކޮށް ދަރިވަރުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުުރުކުމަށްވެސް ވަރަށް ބޮޑު އިސްކަމެއް ދޭކަމަށް ވިދާޅުވިއެވެ. މިގޮތުން ދީނީ ރޮނގުން މީހުން ބިނާކުުރުމާއި، ރައްޔިތުން ހޭލުންތެރިކުރުވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ކުރިއަށްގެންދާ މަސައްކަތްތަކަށް ބަލާއިރު، މީގެ ކުރިން ދުވަހަކުވެސް މިމަސައްކަތް ކުރިއަށް ނުގެންދެވޭވަރަށް, މިހާރު ދީނީ ޕްރޮގްރާމްތަކާއި ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.

މި މަސައްކަތްތައް ކުރެވޭއިރު، ތަފާތު އެކިއެކި މަޝްރޫއުތައްވެސް ކުރިއަށްދާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ، މިއަދު އަމަލީ މަސައްކަތް ފެށުނު އިސްލާމިކް ސެންޓަރާއެކު އައްޑޫ ސިޓީގައި މި ދައުރުގައި ޖުމްލަ 4 މިސްކިތެއްގެ މަސައްކަތް ކުރިއަށް އެބަ ދާކަމަށެވެ. މިކަމުން ދައްކުވައިދެނީ މި ސަރުކާރުން އައްޑޫސިޓީގެ ތަރައްގީއަށް ކުރާ މަސައްކަތްތައް ކަމަށް ވިދާޅުވިއެވެ. އަދި މި ނޫން އެހެނިހެން ދާއިރާތަކުން ކުރިއަށްދާ މަޝްރޫއުތަކާއެކު ކުރިއަށް އޮތް އަހަރުތަކުގައި އައްޑޫ ސިޓީގެ ތަރައްގީއަށް ތަފާތު މުޅިން އެހެން ސަފްހާތަކެއް ފެނިގެންދާނެކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް، ޑރ. އަހުމަދު ޒާހިރު އަލީ

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް، ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ، މި ސަރުކާރުން މިސްކިތްތަކާއި އެކި މަޝްރޫއުތައް ބިނާކުރުމަށް، ހަމައެކަނި ބިންގާ އެޅުމަށްފަހު ދޫނުކުރައްވާކަމަށާއި، މި ސަރުކާރުން ފަށަނީ އެ މަޝްރޫއެއްގެ އަމަލީ މަސައްކަތްކަމަށެވެ. އެގޮތުން މިއަދު އަމަލީ މަސައްކަތް ފެށުނު މި ބިނާއަކީ، މިސްކިތެއްގެ އިތުރުން ދީނީ ތަފާތު ޕްރޮގްރާމްތައް ހިންގޭގޮތަށް ފަރުމާކުރެވިގެން އިމާރާތްކުރެވޭ ބިނާއެއްކަމަށް ވިދާޅުވިއެވެ.

މިއީ ސަރުކާރުން ދީނީ ކަންކަމަށް ދެއްވާ އަހައްމިޔަތުކަން ފާހަގަވާކަމެއްކަން ފާހަގަކުރައްވައި، އެކަމަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މިފަދަ ބިނާތަކަކީ އިސްލާމީ ޝިއާރު ފާޅުކުރުމަށް ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތްކަމަށާއި، މި ބިނާގެ މަސައްކަތްވެސް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމުމަށް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.

އައްޑޫ ސިޓީގެ މޭޔަރު، އަލީ ނިޒާރު

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މިރަސްމިއްޔާތުގައި ވާހަކަފުޅުދައްވަމުން ވަނީ، ރާއްޖޭގައި ދީނީ ޝިއާރުތައް ކުރިއަރުވައި، އެފަދަ ބިނާތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިމާރާތްކުރާއިރު، މި ދައުރުގެ ތެރޭގައި އެ ސިޓީގައި މުހިންމު ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދާތީ އެކަމަށްޓަކައި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިއަދު އަމަލީ މަސައްކަތް ފެށުނު އިމާރާތުގެ ސަބަބުން އައްޑޫ ސިޓީގައި މިނިސްޓްރީގެ ފަރާތުން ކުރައްވާ މަސައްކަތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

މިއަދު އަމަލީ މަސައްކަތް ފެށުނު، އައްޑޫސިޓީ އިސްލާމިކް ސެންޓަރަކީ 1500 މީހުންނަށް ނަމާދުކުރެވޭ ގޮތަށް ބިނާކުރާ ސެންޓަރެކެވެ. މި ބިނާގައި މަލްޓިޕަރޕަސް ހޯލަކާއި، 4 ކްލާސްރޫމާއި، 2 ސެމިނާރ ރޫމާއި، އިދާރީ މަސައްކަތްކުރުމަށް އޮފީސްބަޔަކާއި، އިސްލާމިކް ލައިބްރަރީއެއްވެސް ހިމެނެއެވެ.

މި މަޝްރޫއަކީ 55،528،189.74 (ފަންސާސް ފަސް މިލިއަން ފަސްލައްކަ އަށާވީސްހާސް އެއްސަތޭކަ އައްޑިހަ ނުވަ ރުފިޔާ، ހަތްދިހަ ހަތަރު ލާރި)ގެ މަޝްރޫއެކެވެ.

މި ބިނާ އިމާރާތްކުރުމަށް ފެޑޯ ޕްރައިވެޓް ލިމިޓެޑާއިއެކު ސޮއިކޮށްފައިވަނީ 24 މާރިޗް 2023ގައެވެ. 540 ދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމުމަށް ހަމަޖެހިފައިވާ މި ބިނާއަކީ ދެ ފަންގިފިލާއަށް ހަދާ ތަނެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް