މި އަހަރުގެ މިނިވަން ދުވަހުގެ މުނާޞަބަތާއި ގުޅުވައިގެން ބޭއްވި ދިދަނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަރުފުރޭ 59ވަނަ މިނިވަންދުވަހުގެ މުނާޞަބާ ފާހަގަކުރުމުގެ ގޮތުން ބޭއްވި ދިދަނެގުމުގެ ރަސްމިއްޔާތު އޮތީ ބުދަ ދުވަހުގެ ހެނދުނު 6:00 ގައި ޖުމްހޫރީ މައިދާނުގައެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވަޒީރުންނާއި ދައުލަތުގެ އިއްޒަތްތެރީން ވަނީ ރައީސުލްޖުމްހުރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ބައިވެރިވެ ވަޑައިގަންނަވާފައިވެއެވެ. އަދި މި ރަސްމިއްޔާތަށް ދަޢުވަތު އެރުވިގެން ވަޑައިގެންނެވި ގިނަ އަދަދެއްގެ ބޭފުޅުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ އާއި މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ އެވެ. މި ރަސްމިއްޔާތުގައި ދިދަ ނެގުމުގެ އިތުރުން ދުވަހާއިގުޅޭ ޚާއްޞަ ދުޢާއެއް ވަނީ ކޮށްފައެވެ.
އިސްވެ މި ދުޢާ ކޮށްދެއްވާފައިވަނީ އައްޝައިޚް ޢާޒިމް ޚާލިދެެވެ. ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖުލައިމަހުގެ 26 ވަނަ ދުވަހެވެ. ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައި ވަނީ 26 ޖުލައި 1965 ގައެވެ.