ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޗެލްސީ އާއި ބްރައިޓަން ބައްދަލުކުރި މެޗު ޗެލްސީން ކާމިޔާބުކުރިއިރު، މި ހޫނުމޫސުމުގައި ގުޅުނު ނިކޮލަސް ޖެކްސަން އަށް މައުރީސިއޯ ޕޮޗެޓީނޯ ތައުރީފްކޮށްފިއެވެ.
ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި 63 ވަނަ މިނެޓުގައި ކުޅެން ނިކުމެ ޖެކްސަން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ޕޮޗެޓީނޯ ބުނީ، އަދިވެސް ޖެކްސަންއަށް އިތުރަށް ވަގުތު ބޭނުންނާ ކަމަށެވެ. ފަހަތުން އަރާ ބްރައިޓަން ކައިރިން މޮޅުވި މި މެޗުގައި 22 އަހަރުގެ ފޯވާޑް ވަނީ ލަނޑެއް ޖަހާ، ދެ ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.
ސެނެގާލްގެ މި ކުޅުންތެރިޔާ ވިޔަރެއާލް އިން ޗެލްސީއަށް ބަދަލުވީ މިދިޔަ ޖޫން މަހުއެވެ. ޕޮޗެޓީނޯ ބުނީ ޕްރިމިއާ ލީގުގެ ކުޅުން ދަސްކުރަން މި ބާވަތުގެ މެޗުތަކަކީ އޭނާއަށް މުހިންމު މެޗުތަކެއް ކަމަށެވެ.
މެޗުގެ ކުރީކޮޅު ބްރައިޓަންގެ ޑެނީ ވެލްބެކް ލަނޑެއް ޖަހާފައިވަނިކޮށް ޗެލްސީއަށް ނަތީޖާ ހަމަހަމަކޮށްދިނީ މި ހޫނުމޫސުމުގައި ޗެލްސީއާ ގުޅުނު އެންކޫކޫ އެވެ. ފުރަތަމަ ހާފު ނިމުނީ 1-1 ން އެއްވަރުވެގެނެވެ.
މެޗުގެ 60 ވަނަ މިނެޓުގައި ބްރައިޓަންގެ ޑިފެންޑަރު ޔާން ޕޯލް ވެން ހެކޭއަށް ވަނީ ދެވަނަ ރީންދޫ ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. ޗެލްސީން ވަނީ 11 މިނެޓު ތެރޭގައި ތިން ލަނޑު ޖަހާފައެވެ. މި ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ޖެކްސަންގެ އިތުރުން މުޑްރިކާއި ގެލެގާ އެވެ.
ބްރައިޓަންގެ ދެވަނަ ލަނޑަކީ 79 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ހާއޯ ޕެޑްރޯ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މެޗު ނިމެން މިނެޑަކަށް ވެފައިވަނިކޮށް ޑެނިޒް އުންޑޭވް ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހާފައެވެ.
މިދިޔަ ސީޒަނުގައި ވިޔަރެއާލަށް ކުޅެދިން 38 މެޗުން ޖެކްސަން ވަނީ 13 ލަނޑު ޖަހާފައެވެ. އޭގެތެރެއިން ނުވަ ލަނޑަކީ ފަހު އަށް މިނެޓުގައި ޖެހި ލަނޑުތަކެކެވެ. އޭނާ ވަނީ ޗެލްސީގެ ޕްރީ ސީޒަން ފުރަތަމަ މެޗުގައިވެސް ލަނޑެއް ޖެހުމަށް އެހީތެރިވެދީފައެވެ.
ޕޮޗެޓީނޯ ބުނީ ޖެކްސަން ފަދަ ކުޅުންތެރިޔަކު ޗެލްސީން ސޮއިކުރާނީ އޭނާގެ ފަރާތުން އެ ހުނަރު ފެނިގެން ކަމަށެވެ. އަދި އޭނާ އަކީ ޒުވާން ކުޅުންތެރިއެއް ކަމުން، ޓީމުގައި އެންމެ މުހިންމު ކުޅުންތެރިޔާއަށް ވުމުގެ ފުރުސަތު އޮތް ކަމަށެވެ.
އައު ސީޒަނުގެ ފުރަތަމަ މެޗުގައި ޗެލްސީ ނިކުންނާނީ ލިވަޕޫލް އާ ދެކޮޅަށެވެ. ބްރައިޓަން ނިކުންނާނީ މި ސީޒަނުގައި ޕްރޮމޯޓްވި ލޫޓަން ޓައުން އާ ދެކޮޅަށެވެ.