ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ވައިބަރ ގްރޫޕް ހޫނެވެ، ސަރުކާރުގެ ބައެއް އިސްވެރިންގެ ބަހުގެ ހަމަލާތަކެއް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމަށް އަމާޒުވެއްޖެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއެމްގެ ވައިބަރ ގްރޫޕް ހޫނުވީ މައްޗަންގޯޅި ދެނުކު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ސިނާން އާއި، މޯލްޑިވިސް ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑިސީ) ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ނިމާލާއި ވިޔަފާރީ ގޮތުން ގުޅުން އޮންނަ ކަމަށް ބުނެ ސޯސަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓަރ، އެ ގްރޫޕަށް ސަލީމް ލުމުންނެވެ.
ސަލީމް އެ ޕޯސްޓަރު ލުމާއި އެކު ނިމާލް ވިދާޅުވީ ސަރުކާރުގެ އެކި އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހިންގާފައިވާ ކޮރަޕްޝަންގެ މައުލޫމާތާއި ލިޔެކިޔުންތަށް އެނާގެ އަތުގައި ވެސް އެބަހުރި ކަމަށެވެ. ސަލީމް ޕީޕީއެމްގެ ވައިބަރ ގްރޫޕަށްލި ޕޯސްޓަރުގައި ވަނީ ނިމާލާއި ސިނާނާއި ގުޅިގެން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކުގެ ވާހަކަކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ސަލީމަށް ނިމާލް ރައްދު ދެއްވުމާއި އެކު، ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވަނީ އެއްބޭފުޅަކު އަނެން ބޭފުޅަކާއި ޖައްސަން މަސައްކަތް ނުކުރުމަށް ގްރޫޕްގައި އެދިވަޑައިގެންފައެވެ. އަލީ އާރިފްގެ ވާހަކަތަކަށް ސަލީމް ރައްދު ދެއްވަމުން ވިދާޅުވީ ތި މައްސަލަ ހައްލުކުރުމަށް ބަންޑާރ ނައިބްގެ އެހީތެރިކަމާއި އެކު ސްޕްރީމް ކޯޓަށް ވަޑައިގެންނެވުމަށެވެ.
ހަމައެޔާއެކުގައި ރައީސް ޔާމީންގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވަނީ ސަލީމަށް ރައްދުދެއްވާފައެވެ. މުއާޒް ރައްދު ދެއްވަމުން ވިދާޅުވީ މިހާރު ސަލީމް ބޭނުންހާ ގޮތަކަށް ކަންތަށް ނުކުރެވޭނެ ކަމަށެވެ. މުއާޒް އެގޮތަށް ވިދާޅުވީ ސްޕްރީމް ކޯޓުގެ ހުކުމަށް އިޝާރަތް ކުރައްވާފައެވެ.
ރާއްޖެއެމްވީއާއި ވާހަކަ ދެއްކި ބައެއް މެމްބަރުން ސިފަ ކުރާ ގޮތުން އެއީ ޕީޕީއެމްގެ ބައެއް މެމްބަރުން ސަލީމަށް ދިން އިންޒާރެއް ކަމަށެވެ. ހާއްސަކޮށް ޕާޓީ ބަދަލުކުރުމުން މެމްބަރުންގެ ގޮނޑިގެއްލޭ ގޮތަކަށް ކުރި ހުކުމަށް އިޝާރަތްކޮށް ދިން އިންޒާރެއް ކަމަށް ބައެއް މެމްބަރުން ވިދާޅުވެއެވެ.
ތިން ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުން މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ސަރުކާރުން ހުށަހެޅިއިރު، ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭނެ ހާލަތުތައް ކަމަށް ބަޔާންކޮށްފައިވާ ހާލަތުތަކުގެ ތެރޭގައި ސިޔާސީ ޕާޓީއަކާ ގުޅޭ އެއްވެސް ކަމެއް ހިމެނިފައެއް ނުވެއެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރެއްގެ ގޮނޑި ގެއްލޭނީ ތިން ހާލަތެއްގަ އެވެ. އެއީ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް ދަރަނި ނުދެއްކުމާއި، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒް ކުރަން ޖެހުމުގެ އިތުރުން ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެވުމެވެ.
ސަރުކާރުން މި މައްސަލަ ހުށަހަޅާފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް، ސަރުކާރުން ހިންގާ ޕީޕީއެމްގެ 11 މެންބަރަކު ހިމެނޭ ގޮތަށް، ޖުމްލަ 45 މެންބަރުންގެ ސޮޔާއެކު އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވަނިކޮށެވެ. މީގެ އިތުރުން، މައްސަލަ ހުށަހަޅާފައި މިވަނީ މަސީހުގެ އިތުބާރުގެ ގަރާރުގައި ސޮއިކުރެއްވި މެންބަރުންތައް ޕީޕީއެމުން ވަކިވަމުންދާ ދަނޑިވަޅެއްގައެވެ.