Advertisement
ކ. މާލެ
|
22 ޖުލައި 2023 | ހޮނިހިރު 20:51
އިލްޔާސް ލަބީބު ފޯމު ހުށަހެޅުއްވުން
އިލްޔާސް ލަބީބު ފޯމު ހުށަހެޅުއްވުން
ދަ ޑިމޮކްރެޓްސް ޕާޓީ
ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީ
ޑިމޮކްރެޓްސް ގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލީ އިލްޔާސް ލަބީބް އެކަނި
ރިޔާސީ ޕްރައިމަރީ އަށް އެއް ކެންޑިޑޭޓަކު ކުރިމަތިލައިފިނަމަ މެންބަރުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެ

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސް އިން ކުރިމަތިލާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ހުޅުވާލި ރިޔާސީ ޕްރައިމަރީއަށް ނަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބު އެކަނި ކަމަށް އެޕާޓީން ބުނެފިއެވެ.

އެކަމަށް ކުރިމަތިލުމުގެ މުއްދަތު ހޮނިހިރު ދުވަހުގެ ހަވީރު 4:00 އަށް ހަމަވެފައިވާ އިރު އިލްޔާސް ވަނީ ހޮނިހިރު ދުވަހުގެ މެންދުރު 1:00 ގައި ޑިމޮކްރެޓްސްގެ އޮފީހަށް ވަޑައިގެން ފޯމް ހުށަހަޅުއްވާފައެވެ.

އެ ޕާޓީގެ އަސާސީ ގަވައިދުގައި ބުނެފައި ވަނީ ރިޔާސީ ޕްރައިމަރީ އަށް އެއް ކެންޑިޑޭޓަކު ކުރިމަތިލައިފިނަމަ މެންބަރުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެއެވެ. އަދި މެންބަރުންގެ 10 ޕަސެންޓު ވޯޓު އެ ކެންޑިޑޭޓަކަށް ލިބިއްޖެ ނަމަ އެ މީހަކީ ރިޔާސީ ކެންޑިޑޭޓު ކަމުގައި ކަނޑައަޅަން ޖެހޭނެ ކަމަށް އަސާސީ ގަވައިދުގައި ބުނެފައިވެއެވެ.

Advertisement

ޕްރައިމަރީ އޮންނާނީ ޖުލައި 28 ވާ ހުކުރު ދުވަހުގެ މެންދުރު 2ން އިރުއޮއްސި 6 ޖެހުމާ ހަމައަށެވެ.

ޑިމޮކްރެޓުންގެ ރިޔާސީ ޓިކެޓުގައި ރިޔާސީ އިންތިޚާބުގައި ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނެކަމަށް ކުރިން ބެލެވުނުނަމަވެސް އިދިކޮޅު ފަރާތްތަކުން ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވެފައިވަނީ ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ނެތް ކަމަށެވެ.

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުންނަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮގަސްޓް 7 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް