ކޮންމެ ތާކުން އަމުރެއް ނެރުނަސް އެއަމުރަކީ ޤާނޫން އަސާސީއާ ޚިލާފް އަމުރެއްނަމަ އެއަމުރަށް ތަބާވާން ނުޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރ އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
މަޝްހޫރު ޤާނޫނީ ވަކީލް ޢަލީ ހުސައިން ވިދާޅުވީ ހައްޤުގަޮތުގައި މަސައްކަތް ކުރާނަމަ ކާމިޔާބު ވާނެކަން ފެންނަނަމުންދާ ކަމަށާއި އިދިކޮޅު މީހުން 45 މެންބަރުންގެ ސޮއި ހޯދުން އެއީ ރައީސް ޔާމީން ހުވަފެނުގައިވެސް ނުފެންނާނެ ކަމެއް ކަމަށެވެ.
"އެކަމަކު ވަރަށް ބޮޑު ރިސްކެއް ނަންގަވާފައި ވަޑައިގެންނެވި ޕީޕީއެމް މެންބަރުންނަށް ޝުކުރު ދަންނަވަން. މިނިވަންކަން ހޯދުމަކީ ދަތިތަކެއް ލިބޭނޭ ދުވަހެއް. 26 ޖުލައިގާ މިނިވަންކަން ލިބުނަސް ހަޤީގީ މިނިވަންކަމެއްނެތް. ދެވަނަ މިނިވަންކަން ހޯދުމަށް 24 ވަނަ ދުވަހު ހޯދަން ބައިވެރިވާން މާލެ އަންނަން ޖެހޭ. ގޭގައި ތިބެގެންވެސް ދެވަނަ ދުވަހެއް ހޯދުމަށް ކުރެވޭނެ ކަންކަން ހުންނާނެ" އަލީ ހުސައިން ވިދާޅުވިއެވެ.
އަލީ ހުސައިން ވިދާޅުވީ ފާއިތުވެދިޔަ ތިންދުވަހުގެ ތެރޭގައި ރައީސް ޔާމީންއަކީ ކާކުކަން އެނގިގެން ހިނގައްޖެ ކަމަށާއި މާމަތިވެރި މީހަކަށް ހެދިގެން މަޖިލިސް މެންބަރުންނަށް ދެން ދެއްކޭނެ ބިރެއް ނޯންނާނެ ކަމަށެވެ. އަދި ޤާނޫން އަސާސީއާ ޚިލާފަށް ނެރޭ އަމުރަކަށް ރައްޔިތުން ތަބާވާން ނުޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އަލީ ހުސައިން ވިދާޅުވީ ފަނޑިޔާރުގެއަށާއި ފަނޑިޔާރުންނަށް ކަރާމާތް ލިބެނީ ޙުކުމުގެ ކަރުދާހުގައި، ޤާނޫނު އަސާސީގައި އޮތްގޮތައް ލިޔާ އެއްޗަކުން ކަމަށާއި ބުރާސްފަތި ދުވަހު ފެނިގެން ދިޔައީ ޤާނޫން އަސާސީގައި ބުނެފައިވާ ގޮތާ ޚިލާފަށް ލިޔެގެން ނެރުނު ޙުކުމެއް ކަމަށެވެ. އެކަމުން ދޭހަވީ ސުޕްރީމް ކޯޓަކީ ރައީސް ޔާމީންގެ މުށުތެރޭގައި އޮތް ތަނެއްގެ ގޮތުގައި ކަމަށްވެސް އަލީ ހުސައިން ވިދާޅުވިއެވެ.
އަލީ ހުސައިން ވިދާޅުވީ 45 މެންބަރުން ސޮއިކޮށްފައި މަޖިލީހަށް މައްސަލަ ލުމުން މަސީހު އިސްތިއުފާ ދެއްވަން ބޭނުންވިކަން އެނގޭ ކަމަށާއި، ނަމަވެސް މިހާރު މަސީހު ހުންނެވީ އަޅުވެތި ވެވަޑައިގެންފައި ކަމަށެވެ.
" ރައީސް ޔާމީން އަކީ ދަނޑެއްގައި ކާޅުފައްސަން ހުންނަވަރުގެ މީހެއް. އަޅުގަނދުމެންނަށް އުފާވެރިކަމުގެ ދުވަސް އެބަ އާދޭ. އެދުވަހަކީ މަޖިލިސް މިނިވަންކޮށް ނިންމާ މިމަހުގެ 24 ވަނަ ދުވަސް"، ޢަލީ ހުސައިން ވިދާޅުވިއެވެ.