އިރާންގައި އޮންނަ މަޖްބޫރުން އަންހެނުން ބުރުގާއެޅުމުގެ އުސޫލަށް އަމަލުކުރުވުން އަނެއްކާވެސް ހަރުކަށިކުރަން ފަށައި، އެކަން ބަލަން އިތުރު ފުލުހުންގެ ޕެޓްރޯލްތައް ނެރެފިއެވެ.
އިރާންގެ ލޯ-އެންފޯސްމަންޓް އިދާރާގެ ތަރުޖަމާން ވިދާޅުވީ ބުރުގާ ނާޅާ، ނުވަތަ މިންގަނޑަށް ނުފެތޭގޮތަށް ބުރުގާ އަޅާފައިވާ އަންހެނުން ފާހަގަ ކުރުމަށް މޮރޭލިޓީ ޕޮލިސް ކިޔާ ފޯސްގެ މެންބަރުން އާދީއްތަ ދުވަހުން ފެށިގެންވަނީ ފައިމަގުގައި އަދި ވެހިކަލްތަކުގައި ހަރަކާތްތެރިވާން ފަށާފައެވެ. މިފަދަ އަންހެނުންނަށް ނިވާވުމަށް އަންގާ ފުރަތަމަ އިންޒާރު ދޭނެ ކަމަށާއި، އެއަމުރަށް ނުކިޔަމަންތެރިވެއްޖެ ނަމަ ޝަރުއީ ގޮތުން ދޭން އޮންނަ އަދަބަށް ހުށަހެޅޭނެ ކަމުގައި ވެސް ވަނީ ބުނެފައެވެ. ތަރުޖަމާން ބުނީ ހުރިހާ އަންހެނުން ވެސް ހެދުން އެޅުމުގެ މިންގަނޑަށް ފެތުމަކީ ސަރުކާރުން އެދޭގޮތް ކަމަށާއި އޭރުން ފުލުހުންނަށް ވަގުތު ސަލާމަތް ކުރެވި އިތުރު މުހިންމު ކަންކަމައިގެން ކުރިޔަށް ދިއުމުގެ ފުރުސަތު ފަހިވާނެ ކަމުގައެވެ.
އަންހެނުން ހެދުން އެޅުމުގައި އިސްތަށިގަނޑު ނިވާވާ ގޮތަށް ބުރުގާއަޅަން ޖެހުމުގެ އިތުރުން ގަޔަށް ބާރުނޫން ހެދުންތައް ބޭނުންކުރަން ދަނީ އަންގަމުންނެވެ. ހެދުން އެޅުމުގެ މިންގަނޑުތަކާއި ބައެއް ފިރިހެނުން ވެސް ޚިލާފުވެގެން ފުލުހުން އެކަން ފާހަގަކުރަމުން ދާކަމަށް ވެއެވެ.
އަލަށް ހަރުކަށިކުރެވުނު އުސޫލުގެ ދަށުން ބުރުގާނާޅާ، އަދި ނުކިޔަމަންތެރިކަން ދައްކާ އަންހެނުން ހައްޔަރުކޮށް ފުލުހުން ހިންގާ "ރީ-އެޑިއުކޭޝަން ފެސިލިޓީ" ތަކަށް ގެންގޮސް ހެދުން އަޅަންވީގޮތް ކިޔާދޭ ކަމަށްވެއެވެ.
އީރާންގައި ބުރުގާ އެޅުމުގެ މައްސަލަ މިހާ ބޮޑުވެގެން މިއުޅެނީ މަހްސާ އަމީނީ ކިޔާ އުމުރުން 22 އަހަރުގެ އަންހެނަކު، ބުރުގާ އަޅާފައި ހުރިގޮތް ރަނގަޅުނޫން ކަމަށް ބުނެ ފުލުހުން ހައްޔަރުކޮށްފައި ހުއްޓާ އޭނާ މަރުވި ހާދިސާ އަށް ފަހުއެވެ. މަހްސާ މަރުވީ ފުލުހުން އޭނާގެ ބޮލަށް އަނިޔާކުރުމުގެ ސަބަބުން ކަމަށް އާއިލާއިން ބުނާއިރު ފުލުހުން ބުނެފައިވަނީ އޭނާ މަރުވީ ކުޑައިރު ކުރި އޮޕަރޭޝަނަކާއި ގުޅުންހުރި، ސިކުނޑި އަދި ހިތުގެ މައްސަލަތަކެއްގައި ކަމަށެވެ. މަހްސާގެ މަރަށް ފަހު ބުރުގާއެޅުމާ ދެކޮޅަށް އީރާންގައި އަންހެނުން ވަރަށް ބޮޑަށް މުޒާހަރާ ކުރަން ފެށިއެވެ. އަދި އާންމު ތަންތަނުގައި ބުރުގާ އަންދާލުންފަދަ ކަންކަން އައީ ކުރަމުންނެވެ. އޭރު މޯރޭލިޓީ ފުލުހުން މަގުތަކަށް މާބޮޑަށް ނެރެފައެއް ނުވެއެވެ.