Advertisement
ކ. މާލެ
|
15 ޖުލައި 2017 | ހޮނިހިރު 02:02
އަލްއުސްތާޛް އަޙުމަދު ފާއިޒް ޙުސައިން: ދުސްތޫރުގައި އެންމެ އިސްވާނީ ޤާނޫނު އަސާސީ ކަމަށާއި، އޭގެ ދަށުން އުފެއްދި އެއްޗަކަށް، އޭގެ މައްޗަށް ގަދަވެ ނުގަނެވޭނެކަން ފާހަގަކުރެއްވި
އަލްއުސްތާޛް އަޙުމަދު ފާއިޒް ޙުސައިން: ދުސްތޫރުގައި އެންމެ އިސްވާނީ ޤާނޫނު އަސާސީ ކަމަށާއި، އޭގެ ދަށުން އުފެއްދި އެއްޗަކަށް، އޭގެ މައްޗަށް ގަދަވެ ނުގަނެވޭނެކަން ފާހަގަކުރެއްވި
ސަން އޮންލައިން
ސުޕްރީމް ކޯޓުގެ ހުކުމް
ސުޕްރީމް ކޯޓަށްވެސް ޤާނޫނުއަސާސީގެ މައްޗަށް ބާރުވެރިއެއް ނުވެވޭނެ: ފާއިޒް
ދުސްތޫރީ މައްސަލަތަކުގައި ތަފާތު ރައުޔު ނެރުނީ، ސުޕްރީމް ކޯޓަށްވެސް ޤާނޫނުއަސާސީގެ މައްޗަށް ބާރުވެރިއެއް ނުވެވޭތީ: ފާއިޒް
މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ބަނޑާރަ ނައިބު މައްސަލަ ހުށަހެޅީ ދިވެހި ރައްޔިތުންގެ ނަމުގައި
މި މައްސަލަ ބެލީ އުސޫލުތަކާއި ޚިލާފަށް 3 ފަނޑިޔާރުންގެ ބެންޗަކުން

ދުސްތޫރުގައި އެންމެ އިސްވާނީ ޤާނޫނު އަސާސީ ކަމަށާއި، އޭގެ ދަށުން އުފެއްދި އެއްޗަކަށް، އޭގެ މައްޗަށް ގަދަވެ ނުގަނެވޭނެ ކަމަށް ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު، އަލްއުސްތާޛް އަޙުމަދު ފާއިޒް ޙުސައިން ވިދާޅުވެއްޖެއެވެ.

ދިވެހި ރައްޔިތުންގެ ބަހެއް ނެތި، ދިވެހި ރައްޔިތުންގެ ނަމުގައި ބަންޑާރަ ނައިބު އަލްއުސްތާޛް މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައެއްގައި، އެ ކޯޓުން ކުރި ޙުކުމާއި އެކު ޤާނޫނީ ގޮތުން އެތައް ސުވާލެއް އުފެދިފައިވާ މި ދަނޑިވަޅުގައި، ފާއިޒް އެމަނިކުފާނުގެ އަމިއްލަ ފޭސްބުކް އެކައުންޓްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ، ޤާނޫނުއަސާސީ މާނަ ކުރުމުގެ ފުރިހަމަ ބާރު ސުޕްރީމް ކޯޓަށް ލިބިދީފައިވާ ކަމަށެވެ. ނަމަވެސް، އެމަނިކުފާނު ވިދާޅުވީ، ޤާނޫނުއަސާސީ އިސްލާހުކުރުމާއި ބަދަލުކުރުމާއި ހަމައަށް އެ ބާރު ބޭނުން ނުކުރެވޭނެ ކަމަށެވެ.

ފާއިޒް ވިދާޅުވީ، އިސްވާނީ ޤާނޫނުއަސާސީ ކަމަށާއި، ސުޕްރީމް ކޯޓަކީ އެ ޤާނޫނޫ އަސާސީގެ އުފެއްދުމެއް ކަމަށެވެ. އެހެން ކަމުން އުފެދިފައިވާ އުފެދުމަށް (ސުޕްރީމް ކޯޓަށް)، އެ އުފައްދަން ބާރުދިން ފަރާތަށްވުރެ (ޤާނޫނުއަސާސީއަށްވުރެ) ބާރުވެރި ނުވެވޭނެ ކަމަށެވެ.

ފާއިޒު އިތުރަށް ވިދާޅުވީ، ދުސްތޫރީ މައްސަލަތަކުގައި ތަފާތު ރައުޔު ނެރުއްވީ މި އުސޫލު ގަބޫލު ކުރެއްވޭތީ ކަމަށެވެ.

ސުޕްރީމް ކޯޓަށް ބަންޑާރަ ނައިބު ހުށަހެޅުއްވި މައްސަލައިގައިވަނީ، ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި، ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ) އާއި، ގާނޫނު އަސާސީގެ 74 ވަނަ މާއްދާގެ އިތުރުން ގާނޫނު އަސާސީގެ 75 ވަނަ މާއްދާ މާނަކޮށް، މަޖިލިހަށް އިންތިޚާބްވާއިރު ހުންނަ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ، އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

މި މައްސަލައިގައި އަވަސްއަރުވާލައިގެން، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ، ތިން ފަނޑިޔާރުންގެ ބެންޗަކުން ކުރި ޙުކުމުގައި ވަނީ، ޕާޓީ ބަދަލުކުރުމާ ބެހޭ ގާނޫނެއް ނުވަތަ "އެންޓި ޑިފެކްޝަން ގާނޫނެއް" ވުޖޫދަށް ގެނައުމަށް އެންމެހާ ކަމާގުޅޭ ފަރާތްތަކަށް އަމުރުކޮށްފައެވެ. އަދި އެ ގާނޫނު ފާސްވަންދެން ޙުކުމް ކުރި ދުވަހުން ފެށިގެން ޕާޓީ އިން ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ވަނީ ކަނޑައަޅައިފައެވެ. މީގެ އިތުރަށް މެންބަރަކު ޕާޓީ އިން ވަކިވެއްޖެ ކަމަށް ބަލާނީ، ޕާޓީ އިން ވަކިވުމަށް އެދި ޕާޓީގެ އޮފީހަށް ސިޓީ ހުށަހެޅުމުން އިލެކްޝަންސް ކޮމިޝަނުން އެ މެންބަރަކު ޕާޓީ އިން ވަކިކުރުމުން ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ، ބަންޑާރަ ނައިބުގެ ފަރާތުން ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހެޅި އެ މައްސަލައަށް މިހާރުން މިހާރަށް ހައްލެއް ހޯދައިދިނުމަކީ ރާއްޖޭގެ އަމާންކަމާއި ސުލްހަ މަސަލަސްކަމާއި މުޖުތަމަޢުގެ ހައްގުގައި ސުޕްރީމް ކޯޓުން ކޮށްދޭންޖެހޭ ކަމެއް ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ޕާޓީ ބަދަލު ކުރުމަކީ ޑިމޮކްރަސީއާ ދޭތޭރޭ ރައްޔިތުންގެ އިތުބާރު ގެއްލޭނެ ކަމެއް ކަމަށާއި، އެކަންކަން ހައްލު ކުރުމަށް ބައެއް ގައުމުތަކުގައި ގާނޫނު ހަދާފައިވާ ކަމަށެވެ. އެގޮތުން އިންޑިއާގައި އެންޓި ޑިފެކްޝަން ގާނޫނެއް ފާސްކޮށްފައިވާ ކަމަށާއި، އެގައުމުގެ ސުޕްރީމް ކޯޓުންވެސް އެއީ ސައްހަ ގާނޫނެއްކަމަށް ނިންމާފައިވާކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އަދި އޭގެ އިތުރުން ކުރިއަރާފައިވާ ޑިމޮކްރެޓިކް އެހެން ގައުމުތަކުގައިވެސް އެފަދަ ގާނޫނުތައް އޮންނަކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވި މައިގަނޑު ހުރިހާ ނުކުތާއަކީ ވެސް މައްސަލަ ހުށަހަޅުއްވަމުން ބަންޑާރަނައިބު މުހައްމަދު އަނިލް ދެއްކެވި ވާހަކަތަކެވެ.

ތިން ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުން މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ސަރުކާރުން ހުށަހެޅިއިރު، ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭނެ ހާލަތުތައްކަމަށް ބަޔާންކޮށްފައިވާ ހާލަތުތަކުގެ ތެރޭގައި ސިޔާސީ ޕާޓީއަކާ ގުޅޭ އެއްވެސް ކަމެއް ހިމެނިފައެއް ނުވެއެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރެއްގެ ގޮނޑި ގެއްލޭނީ ތިން ހާލަތެއްގައެވެ. އެއީ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް ދަރަނި ނުދެއްކުމާއި، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒް ކުރަން ޖެހުމުގެ އިތުރުން ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެވުމެވެ.

ސުޕްރީމް ކޯޓުން މިފަދަ ޙުކުމެއް ކޮށްފައިމިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް، ސަރުކާރުން ހިންގާ ޕީޕީއެމްގެ 11 މެންބަރަކު ހިމެނޭ ގޮތަށް، ޖުމްލަ 45 މެންބަރުންގެ ސޮޔާއެކު އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވަނިކޮށެވެ. މީގެ އިތުރުން، މައްސަލަ ހުށަހަޅާފައި މިވަނީ މަސީހުގެ އިތުބާރުގެ ގަރާރުގައި ސޮއިކުރެއްވި މެންބަރުންތައް ޕީޕީއެމުން ވަކިވަމުންދިޔަ ދަނޑިވަޅެއްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް