ދައުލަތުގެ ބަންޑާރަ ނައިބުގެ މަގާމުގައި ހުންނެވި މުހައްމަދު އަނިލް އަކީ ޕީޕީއެމްގެ ބަންޑަރަ ނައިބެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ހދ. ހަނިމާދޫގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރޮޒައިނާ ވިދާޅުވީ ބަންޑާރަ ނައިބު އަމަލު ކުރައްވަމުން ގެންވަނީ ގާނޫނު އަސާސީއާ އި ރައްޔިތުންގެ ހައްގުގައި ނޫން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިހާބުވެވަޑައިގަންނަވާ ޕާޓީއެއް ބަދަލު ކޮށްފިނަމަ އެ މެމްބަކު މަޖިލިސް މެމްބަރު ކަމުން ވަކިވާނެ ކަމަށް ކަނޑައަޅާފައިވާ ހުކުމުގެ ސަބަބުން ސުވާލު ތަކެއް އުފެދިގެން ހިނގައްޖެ ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.
އަދި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީ ބަދަލު ކުރުމަކީ ރައްޔިތުނަށްވީ ވައުދާ އަހްދު އުވާލުން ކަމަށް ޕީޕީއެމްގެ މެމްބަރުންނަށް މިހާރު ގަބޫލު ކުރެވޭއިރު މީގެ ކުރިން އެ ޕާޓީއަށް މެމްބަރުން ގެންދިޔައިރު ވައުދެއް ނެތްތޯ އޭނާ ވަނީ ތަކުރާރުކޮން ސުވާލު ކުރައްވާފަ އެވެ.
ކައުންސިލަރުން ޕާޓީ ބަދަލު ކުރުމުން ގޮނޑި ނުގެއްލޭނެ ކަމަށް މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާއިރު މިހާރު ކޮށްފައިވާ ހުކުމުން ރަނގަޅު ގޮތަކީ ކޮބައިކން އޮޅިއްޖެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރޮޒައިނާ ވިދާޅވީ ރިޔާސީ ނިޒާމެއްގައި ވެރިކަން ކުރާކަށް މަޖިލީހުގެ މެޖޯރިޓީ ބޭނުން ނުވާ ކަމަށާއި ސަރުކާރު ޖަވާބު ދާރީ ނުކުރެވޭ ގޮތަކަށް މަޖިލީހުގެ މަސައްކަތްތައް އޮވެގެނެއް ނުވާނެ ކަމަށެވެ. އަދި ސަރުކާރު މި ދަރަޖައަށް ދިޔައީވެސް ރައްޔިތުންގެ މަޖިލީހުން ނިންމާފައވާ ނިންމުންތަކާއި ފާސްކުރި ގާނޫނު ތަކުގެ ސަބަބުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މި މި މަހުގެ 24 ވަނަ ދުވަހު މަޖިލީހުގެ ރައީސްގެ އިތުރުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކުރުމަށްވެސް އޭނާ ގޮވާލެއްވިއެވެ.