ސާބިއާގެ މިޑްފީލްޑަރު މިލިންކޮވިޗް ސަވިޗް ލާޒިއޯއިން ސައުދީގެ އަލް ހިލާލަށް ސޮއިކޮށްފިއެވެ.
އިޓަލީގެ މީޑިއާ ރިޕޯޓުތަކުން ބުނާގޮތުން އަލް ހިލާލުން 28 އަހަރުގެ ކުޅުންތެރިޔާއަށް 40 މިލިއަން ޔޫރޯ ދޭނެއެވެ. ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި މިލިންކޮވިޗް ސަވިޗް ސޮއިކުރީ ހަތަރު ވަނަ އަހަރަކަށް އައުކުރުމުގެ ފުރުސަތު ލިބޭގޮތަށެވެ.
މި މަހުގެ ކުރީކޮޅު އަލް ހިލާލުން ވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ޕޯޗުގަލްގެ ކޯޗެއް ކަމަށްވާ ޖޯޖް ޖީސަސް އަލުން ހަމަޖައްސާފައެވެ. މީގެއިތުރުން އެ ޓީމުން ވަނީ ޗެލްސީއަށް ކުޅުނު ކަލިދޫ ކުލިބާލީ އާއި ވޮލްވްސްގެ ކުރީގެ ކެޕްޓަން، ރުބެން ނެވޭސްގެ ސޮއިހޯދާފައެވެ.
މިލިންކޮވިޗް ސަވިޗް 2015 ވަނަ އަހަރު ލާޒިއޯއާ ގުޅުނުއިރު، 2018-19 ވަނަ އަހަރުގެ ސީޒަންގައި އިޓާލިއަން ކަޕާއި އިޓާލިއަން ސުޕަ ކަޕް ދެ ފަހަރު އެ ޓީމާއެކު ކާމިޔާބުކުރިއެވެ.
އަލް ހިލާލަކީ ސައުދީ އަރަބިއްޔާ އާއި އޭޝިއާގެ އެންމެ ކާމިޔާބު އެއް ކުލަބަށްވާއިރު، އެންމެ ގިނަ ސައޫދީ ލީގާއި އޭޝިއަން ޗެމްޕިއަންސް ޗެމްޕިއަންކަން ހޯދި ކުލަބުގެ ރެކޯޑް އޮތީ އެ ޓީމު އަތުގައެވެ. 18 ފަހަރު ލީގު ކާމިޔާބުކޮށްފައިވާއިރު، އޭޝިއަން ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވެއެވެ.
މިދިޔަ ސީޒަން އަލް ހިލާލުން ނިންމާލަން ޖެހުނީ ސައުދީ ޕްރޯ ލީގު ތާވަލުގެ ތިންވަނައިގައެވެ.