ކ. މާލެ
|
14 ޖުލައި 2023 | ހުކުރު 04:23
ނިއު ދިއްލީގައި ދެ މީހަކު ހިނގާފައިދަނީ
ނިއު ދިއްލީގައި ދެ މީހަކު ހިނގާފައިދަނީ
ރޮއިޓަރސް
އިންޑިޔާއަށް ކުރަމުންދާ ވިއްސާރަ
ފެންބޮޑުވުމުގެ ސަބަބުން ނިއުދިއްލީގެ ސްކޫލްތަކާއި އޮފީސްތައް ބަންދުކޮށްފި
ހުރިހާ ސްކޫލްތަކާއި ކޮލެޖުތަކާއި ޔުނިވަރސިޓީތައް އާދިއްތަ ދުވަހާ ހަމައަށް ބަންދުކުރުމަށް ވަނީ ނިންމާފައި
ސަރުކާރު އޮފީސްތައް ބަންދުކޮށް ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ވަނީ ހަމަޖައްސާފައި

އިންޑިޔާގެ އުތުރުގެ ސަރަހައްދަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ނިއު ދިއްލީގައި ފެންބޮޑުވުމުގެ ސަބަބުން ސްކޫލްތަކާއި އޮފީސްތައް ބަންދުކުރަން މަޖުބޫރުވެއްޖެއެވެ.

ނިއުދިއްލީގެ ހުރިހާ ސްކޫލްތަކެއް ބުރާސްފަތި ދުވަހު ބަންދުކޮށްފައިވާއިރު ސަރުކާރު އޮފީސްތައް ބަންދުކޮށް ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. 20 މިލިއަން މީހުން ނިއު ދިއްލީގައި ދިރިއުޅެމުން އަންނައިރު ހުރިހާ ސްކޫލްތަކާއި ކޮލެޖުތަކާއި ޔުނިވަރސިޓީތައް އާދިއްތަ ދުވަހާ ހަމައަށް ބަންދުކުރުމަށް ވަނީ ނިންމާފައެވެ. އަދި ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވާއިރު ޕްރައިވެޓް ސެކްޓަރުން ވެސް އެގޮތަށް އަމަލުކުރުމަށް ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދް ކެޖްރިވާލު އެދިވަޑައިގެންނެވިއެވެ.

ބޯކޮށް ވާރޭވެހެމުންދާއިރު ނިއު ދިއްލީގައި އޮންނަ ޔަމުނާ ކޯރު ވަނީ ފެން ބޮޑުވެ ބަންޑުންވެފައެވެ. ޖޫން 1 ގައި ވިއްސާރަ މޫސުން އައި ފަހުން ނިއު ދިއްލީ އަށް އާންމުކޮށް ވާރޭ ވެހޭވަރަށްވުރެ އިތުރަށް 113 އިންސައްތަ ވާރޭވެހިފައިވާކަމަށް އިންޑިޔާގެ މީޓިއޮރޮލިޖިޖަލް ޑިޕާޓްމަންޓުން ބުނެއެވެ.

މީގެއިތުރުން ކެޖްރިވާލު ވަނީ ހުރިހާ ރައްޔިތުންގެ އެއްބާރުލުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ސަޕްލައި ވޯޓަރ އަށް އެކަމުގެ ނޭދެވޭ އަސަރުކޮށްފައިވާތީ އެކަމަށް ސަމާލުވުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ.

ފެން އުފައްދާ ޕްލާންޓްތައް ބަންދުކޮށްފައިވުމާއެކު ފެން ލިބުމުގައި ދަތިތަކެއް ކުރިމަތިވާނެކަމަށް ކެޖްރިވާލު ވިދާޅުވިއެވެ.

މީގެއިތުރުން ކެޖްރިވާލު ވިދާޅުވީ ޔަމުނާ ކޯރުގެ އެންމެ މައްޗާ ހިސާބަށް މިހާރު ފެން އަރާފައިވާކަމަށާއި އެކަމުގެ ސަބަބުން ކޯރުގެ ފެންތައް ނިއުދިއްލީގެ އުތުރަށް ދަތުރުކުރަމުންދާކަމަށެވެ. އެއާއެކު އެސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އަންނަނީ އުނދަގޫތަކާއި ކުރިމަތިވަމުންނެވެ. ކޯރާ ކައިރި ހިސާބުތަކުގައި ދިރިއުޅޭ މީހުން ރައްކާތެރި ހިސާބުތަކަށްވެސް ވަނީ ބަދަލުކޮށްފައެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި ނިއުދިއްލީގެ ސަރުކާރު އޮފީސްތަކާއި ޕްރައިވެޓް ކުންފުނިތައް ހުންނަ ހިސާބުތަކުގެ މަގުތައް ވަނީ ފެނު އަޑީގައެވެ. އަދި ނިއު ދިއްލީގައި ހުންނަ ތާރީޚީ ރެޑް ފޯރޓްވެސް ވަނީ ފެނުގެ އަޑީގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް