ކ. މާލެ
|
12 ޖުލައި 2023 | ބުދަ 19:37
މުބާރާތުގެ އިނާމު ދިނުމުގެ ތެރެއިން
މުބާރާތުގެ އިނާމު ދިނުމުގެ ތެރެއިން
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން ޖޫނިއަރ ޗެމްޕިއަންޝިޕް
ބެޑްމިންޓަން ޖޫނިއަރ ޗެމްޕިއަންޝިޕް: އެންމެ ކާމިޔާބު ފިރިހެން ކުޅުންތެރިންނަށް މައީޝް، އައިދިން، ނާޝިތު އަދި މައާޝް
މި މުބާރާތުގައި ޖުމްލަ 110 ފިރިހެން ކުޅުންތެރިން ވާދަކޮށްފައިވޭ

ބެޑްމިންޓަން އެސޯސިއޭޝަން ޖޫނިއަރ ޗެމްޕިއަންޝިޕުގައި އެންމެ ކާމިޔާބު ފިރިހެން ކުޅުންތެރިންނަށް މައީޝް، އައިދިން، ނާޝިތު އަދި މައާޝް ވެއްޖެއެވެ.

ބުދަ ދުވަހު ކުރިޔަށް ދިޔަ ފައިނަލް މެޗުތައް ކާމިޔާބުކޮށް، މި ހަތަރު ކުޅުންތެރިންވެސް ވަނީ އުމުރުފުރާގެ ސިންގަލްސް އަދި ޑަބަލްސްގެ ބައިން ރަން މެޑަލް ހޯދާފައެވެ.

11 އަހަރުން ދަށުގެ ބައިގައި ވާދަކުރި މައީޝް މުހައްމަދު ވަނީ ސިންގަލްސް ފައިނަލުގައި ވިލާން ޝާފީ އަލީ، ސީދާ ދެ ސެޓުން ބަލިކޮށްފައެވެ. ޑަބަލްސްގައި މައީޝް އާއި އުމަރު ބިން އަދީލްގެ ޕެއާ ވަނީ ކައިސަން އަފްރާހް އުމަރާއި ނޫރު ރޫދު އުސެއިދުގެ ޕެއާ ދެ ސެޓުން ބަލިކޮށްފައެވެ. މައީޝް ވަނީ 11 އަހަރުން ދަށުގެ ދެ ފައިނަލްވެސް ކާމިޔާބުކޮށްފައެވެ.

13 އަހަރުން ދަށުގެ އެންމެ ކާމިޔާބު ކުޅުންތެރިޔަކީ މުހައްމަދު އައިދިން އަންވަރެވެ. އައިދިން ވަނީ ސިންގަލްސް ފައިނަލުގައި ރިޝާމް އަބްދުލް ފައްތާހު ސީދާ ދެ ސެޓުން ބަލިކޮށްފައެވެ. ސިންގަލްސް ފައިނަލް ކާމިޔާބުކުރުމަށްފައި އައިދިން ވަނީ އަޔާން އަހުމަދު ނަދީމާއެކު ޑަބަލްސްގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ.

އިބްރާހިމް ނާޝިތު ހަމްދީ ވާދަކުރީ 15 އަހަރުން ދަށުގެ ބައިގައެވެ. ސިންގަލްސް ޗެމްޕިއަންކަން ނާޝިތު ހޯދީ ފައިނަލުގައި އަހުމަދު ފަލާހު ފަރޫޒާން 2-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުއެވެ. ޑަބަލްސް ޗެމްޕިއަންކަން ހޯދީ ނާޝިތާއި ޔޫނުސް ކައިފްގެ ޕެއާއެވެ.

19 އަހަރުން ދަށުގެ ސިންގަލްސް ޗެމްޕިއަންކަން ހުސައިން މައާޝް މުހައްމަދު ހޯދީ ފައިނަލުގައި އޭނާގެ ޑަބަލްސް ޕާޓްނަރު ކަމަށްވާ ހޫދު ބިން ހާމިދު ސީދާ ދެ ސެޓުން ބަލިކޮށްގެނެވެ. ޑަބަލްސް ފައިނަލުގައި މި ދެ ކުޅުންތެރިންގެ ޕެއާ ވަނީ އަހުމަދު ޔުސްރު މުހައްމަދާއި އަލީ އިފްޒާލް ޞާދިގުގެ ޕެއާ 2-0 ން ބަލިކޮށްފައެވެ.

މި މުބާރާތުގެ 17 އަހަރުން ދަށުގެ ބައިން އެއްވެސް ކުޅުންތެރިއަކަށް ދެ ރަން މެޑަލް ހޯދިފައެއް ނުވެއެވެ. ސިންގަލްސް ފައިނަލުގައި ޔޫސުފް މުނާދީ 2-1 އިން ބަލިކޮށް، ޗެމްޕިއަންކަން ހޯދާފައިވަނީ އާދަމް މަހީން މުހައްމަދެވެ. އަދި ޑަބަލްސް ފައިނަލުގައި އަހުމަދު އަޔާން ބިން މުހައްމަދު ޞަލާހާއި ޔޫސުފްގެ ޕެއާ 2-1 އިން ބަލިކޮށް، ޑަބަލްސްގެ ޗެމްޕިއަންލަން ހޯދީ ހުސައިން އިޒުއާން ޞާދިގާއި މުހައްމަދު އަލޫފްގެ ޕެއާއެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން މުޅިން އަލަށް ބޭއްވި މި މުބާރާތުގައި ޖުމްލަ 110 ފިރިހެން ކުޅުންތެރިން ވާދަކޮށްފައިވެއެވެ.

- ކޮމެންޓް