ބްރައިޓަންގެ ކެޕްޓަން ލެވިސް ޑަންކް، 2026 ވަނަ އަހަރުގެ ނިޔަލަށް އެ ޓީމާއެކު އެއްބަސްވުން އައުކޮށްފިއެވެ.
އުމުރުން 31 އަހަރުގެ ޑިފެންޑަރު ވަނީ 2010 ވަނަ އަހަރު އެ ޓީމާ ގުޅުނުފަހުން, ޖުމްލަ 416 މެޗު އެ ޓީމަށް ކުޅެދީފައެވެ. ބްރައިޓަންގެ ކޯޗު، ރޮބާޓޯ ޑި ޒަރބީ ބުނީ، ޑަންކްގެ އެއްބަސްވުން އައުކުރުން އެއީ އޭނާއަށާއި ކުލަބަށް އުފާވެރި ޚަބަރެއް ކަމަށެވެ.
ބްރައިޓަން މިދިޔަ ސީޒަން ނިންމާލީ ތާވަލުގެ ހަވަނާގައެވެ. މިއާއެކު އެ ޓީމުން ވަނީ ތާރީޚުގައި ފުރަތަމަ ފަހަރަށް ޔުރޮޕާ ލީގަށް ކޮލިފައި ވެފައެވެ.
2018 ވަނަ އަހަރު އެމެރިކާ އާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި އިންގްލެންޑު ޓީމަށް ކުޅެން ޑަންކަށް ފުރުސަތު ލިބުނެވެ. އޭގެ ފަހުން އޭނާ ގައުމީ ޓީމަށް ނަގާފައިވަނީ 2024 ވަނަ އަހަރުގެ ޔޫރޯ ކޮލިފައިންގައި، މަލްޓާއާއި ނޯތު މަސެޑޯނިއާއާ ދެކޮޅަށް ކުޅޭ މެޗުތަކަށެވެ. ނަމަވެސް އަނިޔާގެ ސަބަބުން އޭނާއަށް އެ ފުރުސަތުވެސް ގެއްލުނެވެ.
2019 ވަނަ އަހަރު ބްރައިޓަންއިން ވަނީ އެ ޓީމުގެ ކެޕްޓަން ކަމުގެ ޒިންމާ ޑަންކާ ހަވާލުކޮށްފައެވެ.