ކ. މާލެ
|
11 ޖުލައި 2023 | އަންގާރަ 21:21
އިރާނުގެ ރައީސް އިބްރާހީމް ރައީސީ
އިރާނުގެ ރައީސް އިބްރާހީމް ރައީސީ
ރޮއިޓާސް
އިރާނުގެ ރައީސް އެފްރިކާއަށް
އިރާނުގެ ރައީސް އެފްރިކާއަށް ވަޑައިގަންނަވަނީ
މިދަތުރުފުޅުގައި ރައީސީ ކެންޔާ، ޔުގާންޑާ އަދި ޒިމްބާބުވޭ އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައި

އިރާނުގެ ރައީސް އިބްރާހީމް ރައީސީ އެފްރިކާއަށް ދަތުރުފުޅެއް ކުރައްވާގޮތަށް ހަމަޖެހިފައިވާކަމަށް ތެހެރާނުން ބުނެފިއެވެ.

މި ދަތުރުފުޅުގެ މައިގަނޑު މަގްސަދަކީ ސިޔާސީ އަދި އިގްތިޞާދީ ގުޅުން ފުޅާކޮށް ގުޅުން ބަދަހިކުރުންކަމަށްވެސް ތެރެހާނުން ބުނެއެވެ.

ރައީސީ އެފްރިކާއަށް ކުރައްވާ ދަތުރުފުޅު ފެއްޓެވުމަށް ހަމަޖެހިފައި އޮތީ އަންގާރަ ދުވަހުއެވެ. މިދަތުރުފުޅުގައި ކެންޔާ، ޔުގެންޑާ އަދި ޒިމްބާބުވޭ އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މިއީ 11 އަހަރު ތެރޭގައި އިރާނުގެ ރައީސަކު އެފްރިކާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މިދަތުރުފުޅު މިހާރު ވަނީ އެއް ދުވަސް ފަސްކުރައްވާފައެވެ.

ކެންޔާގެ ފޮރިން މިނިސްޓްރީން ބުނީ ރައީސީ ކެންޔާއަށް ވަޑައިގަތުމަށް ހަމަޖެހިފައި އޮތީ އަންގާރަ ދުވަހު ކަމަށާއި ނަމަވެސް މިހާރު ހަމަޖެހިފައިވަނީ ބުދަ ދުވަހު ވަޑައިގަތުމަށްކަމަށެވެ. އެއީ ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވޭ އެއްބަސްވުމަށް ބަދަލުތަކެއް ގެނައުމަށް ކަމަށް ކެންޔާއިން ބުނެއެވެ. ކެންޔާ އަށްފަހު ރައީސީ އެފްރިކާގެ އެހެން ގައުމުތަކަށް ވަޑައިގަންނަވާނެ ކަމަށްވެސް ކެންޔާއިން ބުނެއެވެ.

އިރާނުގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްމަން ނަސީރު ކަނާނީ ވިދާޅުވީ އެފްރިކާއަކީ އިރާނަށް ފަހި ފުރުސަތުތަކެއް އޮތް ސަރަހައްދެއްކަމަށެވެ. އެހެންކަމުން އެފްރިކާގެ ގައުމުތަކާއި ގުޅުން ބަދަހިކުރުމަށް ތެހެރާނުން ބޭނުންވެއެވެ.

އަދި މިއީ އިރާނާއި އެފްރިކާގެ ގައުމުތަކާ ދެމެދު އިގްތިޞާދާއި ވިޔަފާރި އާއި ސިޔާސީ އަދި ސަގާފީ ކަންކަން ކުރިއެރުވުމަށް އެޅިގެންދާ އައު ފިޔަވަޅެއްކަމަށް ސްޕޯކްސްމަން ވިދާޅުވިއެވެ.

އިރާނުގެ އެގްރިކަލްޗަރ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އިރާނުން ވަނީ ފާއިތުވި އަހަރުތަކުގައި އެފްރިކާ ސަރަހައްދުން ލިބެން އޮތް ފުރުސަތުތަކަށް އަޅާނުލާ ދޫކޮށްލާފައިކަމަށެވެ. އެއީ އިރާނާއި އެންމެ ގާތް ގުޅުމެއް އޮންނަ ޗައިނާ އާއި ތުރުކީ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން އެފްރިކާ ސަރަހައްދުގައި ގުޅުން ވަރުގަދަކުރަމުން އަންނާތީ ކަމަށެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ އިރާނުން ވަނީ މިދިޔަ އަހަރުގެ ތެރޭގައި 1.2 ބިލިއަން ޑޮލަރުގެ މުދާ އެފްރިކާ ސަރަހައްދަށް އެކްސްޕޯޓްކޮށްފައެވެ.

މަރޗް މަހު ރައީސީ ވަނީ ހުޅަނގު އެފްރިކާ ގައުމުތަކުގެ ވެރިންނާއެކު ބައްދަލުވުމެއް ބާއްވަވާފައެވެ. އެބައްދަލުވުމުގައި ރައީސީ ވަނީ އިރާނަކީ އެފްރިކާ ގައުމުތަކާއެކު ގުޅުން ބަދަހިކުރާ އެހެން ގައުމުތަކާއި ޚިލާފު ގައުމެއްކަމަށް ވިދާޅުވެފައެވެ. އެގޮތުން އިރާނުގެ ލޯ އަމާޒުވެފައިވަނީ އެފްރިކާގައި އޮތް ގުދުރަތީ މުއްސަނދި ކަމަށް ނޫންކަމަށާއި ނަމަވެސް ގައުމުތައް ކުރިއެރުވުމަށް ކަމަށް ވިދާޅުވިއެވެ.

އެމެރިކާ އިން އިރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިރާނުން އަންނަނީ އެކި ގައުމުތަކާއެކު ގުޅުން ބަދަހިކުރަމުންނެވެ.

- ކޮމެންޓް