Advertisement
ކ. މާލެ
|
14 ޖުލައި 2017 | ހުކުރު 18:01
ރައީސް މައުމޫން އަބްދުލްގައްޔޫމް
ރައީސް މައުމޫން އަބްދުލްގައްޔޫމް
މުހައްމަދު ޝަރުހާން
ރައީސް މައުމޫން ވަޑައިގަތުން
ރައީސް މައުމޫން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ކުރުކޮށްލެއްވުމަށް ފަހު މިރޭ ރާއްޖެ ވަޑައިގަންނަވަނީ
ސިންގަޕޯ އެއާލައިންސް ފްލައިޓް 452 އިން މިރޭ
ސިންގަޕޫރަށް ވަޑައިގެންނެވީ މިމަހުގެ 8 ވަނަ ދުވަހު
އޭސީސީއަށް ފޮނުވި ސިޓީގައި 10 ދުވަހުގެ ދަތުރުފުޅެއް ކަމަށް ވިދާޅުވި

ރައީސް މައުމޫން އަބްދުލްގައްޔޫމް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ކުރުކޮށްލެއްވުމަށް ފަހު މިރޭ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖައްސައިފި އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މައުމޫން ރާއްޖެ ވަޑައިގަންނަވާނީ ސިންގަޕޯ އެއާލައިންސް ފްލައިޓް 452 އިން މިރޭ އެވެ.

އަނބިކަނބަލުން ނަސްރީނާ އިބްރާހީމްއާއެކު ރައީސް މައުމޫން ސިންގަޕޫރަށް ވަޑައިގެންނެވީ މިމަހުގެ 8 ވަނަ ދުވަހު އެވެ.

ރައީސް މައުމޫންގެ ދަތުރުފުޅު ކުރުކޮށްލެއްވުމަށް ފަހު މިރޭ ރާއްޖެ ވަޑައިގަންނަވާއިރު، ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ވަނީ ޕާޓީއިން ވަކިވުމުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި، ހުކުމް ކޮށްފަ އެވެ.

އެ ހުކުމާއެކު ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީއަށް އައި ކަޅު ދުވަހެއް ކަމަށެވެ. ރައްޔިތުންނަށް ކަންބޮޑުނުވުމަށް ގޮވާއްލައްވަމުން އެމަނިކުފާނު ވިދާޅުވީ ޚުދުމުޚުތާރު ވެރިކަން އަބަދުވެސް ފެއިލްވާނެ ކަމަށާއި މޮޅުވާނީ ރައްޔިތުން ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމުން ގޮނޑި ގެއްލިއްޖެ ކޮންމެ މެންބަރަކު އަލުން ހޮވައިދިނުމަށް މަސައްކަތް ކޮށް ދެއްވާނެ ކަމަށެވެ.

ރައީސް މައުމޫން ސިންގަޕޫރަށް ފުރާވަޑައިގެންނެވީ، އެންޓި ކޮރަޕްޗަން ކޮމިޝަން(އޭސީސީ) އިން ބަލަމުންދާ މައްސަލައެއްގައި އެމަނިކުފާނުގެ ބަޔާނެއް ނެގުމަށް ބޭނުންވެގެން އެކަމަށް އެދިފައިވަނިކޮށެވެ.

މި ދަތުރުފުޅާއި ގުޅިގެން އެ ބާޔާން ދެއްވުން ފަހުގެ ތާރީޚަކަށް ލަސްކުރެއްވުމާއި ގުޅޭގޮތުން، ރައީސް މައުމޫން، އެންޓި ކޮރަޕްޝަންސް ކޮމިޝަންގެ ރައީސް ހަސަން ލުތުފީއަށް ފޮނުއްވާފައިވާ ސިޓީފުޅެއްގައި ވިދާޅުވެފައި ވަނީ، މުހިންމު އާއިލީ ބޭނުމެއްގައި ޖުލައި 8 ގައި ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ގަސްދުކުރައްވާތީވެ، ދަތުރު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން ކޮމިޝަނުން ނިންމަވާ ގޮތެއްގެ މަތިން ކޮމިޝަނަށް ބަޔާން ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި ދަތުރުފުޅުގައި ގާތްގަނޑަކަށް 10 ދުވަހު ޤައުމުން ބޭރުގައި ހުންނަވަންޖެހޭނެ ކަމަށް ލަފާކުރެއްވޭ ކަމަށް ރައީސް މައުމޫނު ވިދާޅުވެފައިވެއެވެ.

އޭސީސީން އަންގާ ގޮތެއްގެ މަތިން ބަޔާން ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސް މައުމޫނު ވިދާޅުވިއިރު، ރައީސް މައުމޫނު މީގެ ކުރިން ވަނީ އޭސީސީއަށް ވަޑައިގެން ބަޔާން ދެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އޭސީސީން ބުނެފައިވަނީ ރައީސް މައުމޫނު އޭސީސީއަށް ވަޑައިގެންނެވުމަކީ އެ ކޮމިޝަންގެ އުސޫލާ ހިލާފު ކަމަކަށް ވާތީ، ރައީސް މައުމޫނުގެ ބަޔާން ނަގާނެ ގޮތެއް ކޮމިޝަންގައި މަޝްވަރާކުރުމަށް ފަހުގައި ނިންމާނެ ކަމަށެވެ. ކޮމިޝަނުން މިކަމާ ބެހޭ ގޮތުން އިތުރު މައުލޫމާތެއް ނުދެއެވެ.

އޭސީސީން ރައީސް މައުމޫނުގެ ބަޔާނެއް ނެގުމަށް މަސައްކަތްކުރަނީ ތީމުގޭގެ 2007 އަދި 2008 ވަނަ އަހަރު އޮޑިޓް ރިޕޯޓާއި ގުޅިގެންނެވެ.

 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް