ކ. މާލެ
|
11 ޖުލައި 2023 | އަންގާރަ 19:40
ސަރުކާރުން ސަބްސިޑައިޒްކުރާ 'ޒުވާނުންގެ ހޮސްޓެލް'
ސަރުކާރުން ސަބްސިޑައިޒްކުރާ 'ޒުވާނުންގެ ހޮސްޓެލް'
ސަރުކާރުން ސަބްސިޑައިޒްކުރާ 'ޒުވާނުންގެ ހޮސްޓެލް'
ސަރުކާރުން ސަބްސިޑައިޒްކުރާ 'ޒުވާނުންގެ ހޮސްޓެލް' – ކާމިޔާބު މަޝްރޫއަކަށް ވެދާނެބާ؟
ހޮސްޓެލްގެ ކޮޓަރިއަށް ކުލީގެ ގޮތުގައި ޗެލްސީ ދައްކަނީ 4100 ހޮންގްކޮންގް ޑޮލަރު
'ޒުވާނުންގެ ހޮސްޓެލް'އިން ޖާގަ ހޯދުމަށް އެދި ހުށަހެޅުމަށް ވަކި ޝަރުތުތަކެއް ހަމަވާންޖެހޭ

ގައުމުގެ ވެރިކަން ކޮންމެ ބައެއްގެ އަތުގައި އޮތް ކަމުގައި ވީނަމަވެސް، މެދުކެނޑުމެއްނެތި އެންމެ ގަދައަށް އިވެމުންދާ އެއް ޝަކުވާއެއްގެ އަޑައަކީ ބޯހިޔާވަހިކަމުގެ އަސާސީ ހައްގުތައް ކަށަވަރު ނުވާކަމުގެ ޝަކުވާއެވެ. މިދުވަސްވަރު ކޮންމެ ދިމާއަކުންވެސް އިވެނީ އެފަދަ ޝަކުވާއެއްގެ އަޑެވެ. ދުނިޔޭގެ އުތުރުން ދެކުނަށް، ހުޅަނގުން އިރަށް ބެލިކަމުގައި ވީނަމަވެސް މިކަން އޮތީ ހަމަ މިފަދަ ގޮތަކަށެވެ.

އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ ދިރިއުޅުމެއް ފަށައިގަތުމަށްޓަކައި ކޮންމެ މީހަކަށްވެސް އަމިއްލަ ހިޔާވައްސެއް އޮތުމަކީ އަސާސީ ހައްގެއްކަމުގައި ގަބޫލު ކުރެވެއެވެ. އުޅެބޮޑުވި މައިންބަފައިންގެ ގެދޮރުން ނުކުމެ، އަމިއްލަ ތަނެއްގައި ދިރިއުޅުން ކޮޅަށްޖެހުމަކީ ހަރުދަނާ ކަމުގެ ސިފައަކަށް ވީނަމަވެސް، އެއީ ކޮންމެ ކޮންމެ މީހަކަށް ލިބޭ ނަސީބަކަށް އޮންނަނީ ނުވެފައެވެ. މި މައްސަލަ އެންމެ ބޮޑުވެފައިވާ އެއް މަންޒިލަކީ ދުނިޔޭގެ އިރުމަތީ ބިތުގައި އޮތް ހޮންގްކޮންގެވެ. ގެދޮރު ލިބުން އިންތިހާއަށް ދަތިވެ، ދާއިމީ ބަލިމަޑުކަމަކަށް ވެފައިވާއިރު، އަމިއްލަ ބޯހިޔާވަހިކަމަކީ ބައެއް މީހުންނަށް ހުވަފެނެއްގައި، ނުވަތަ އަތް ނުފޯރާ ހިސާބުގައި އޮތް ކަމެކެވެ.

މީގެ 2 މަހެއްހާ ދުވަސް ކުރިއަށް ޖެހިލަމާ ހިނގާށެވެ. ޗެލްސީ ޓުންގްއަކީ ޢުމުރުން އެންމެ 23 އަހަރުގެ އިންޝުއަރެންސް އޭޖެންޓެކެވެ. ހޮންގްކޮންގުގައި ވައިގައި ހިފަމުން އަންނަ 'ޒުވާނުންގެ ހޮސްޓެލް'އިން ފުރުސަތު ލިބުނު ޒުވާނެކެވެ. މި ހޮސްޓެލްއަކީ ގެދޮރުގެ ދަތިކަމާ ކުރިމަތިލާން ޖެހިފައިވާ ޒުވާނުންނަށް ޚާއްސަކޮށްފައިވާ ކޮޓަރިތައް ދޫކުރާ ހޮސްޓެލެކެވެ. ކުލީގެ ސަބްސިޑީ ޚަލާސްކުރަނީ ސަރުކާރުންނެވެ. މިފަދަ ކޮޓަރިތައް، 5 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފެއެވެ.

އާއިލާ ތޮއްޖެހިގެން ދިރިއުޅެމުން ދިޔަ މުސްކުޅި ގެ ދޫކޮށް، މިނިވަންކަމާއެކު ދިރިއުޅުމުގެ ފުރުސަތު ލިބުނީ އިތުރު މީހަކާއެކު އޭނާ ހިއްސާކުރާ 323 އަކަފޫޓުގެ ކޮޓަރިން ކަމަށް ޗެލްސީ ގަބޫލު ކުރެއެވެ. އެއީ ޗެލްސީ ގަބޫލު ކުރާގޮތުގައި މި ވަގުތަށް އޮތް އެންމެ ރަނގަޅު 'ޑީލް'އެވެ.

ޒުވާނުންނަށް ޚާއްސަކޮށްގެން ހޮންގްކޮންގުގެ ސަރުކާރުން ސަބްސިޑީ ދޫކުރާ ހޮސްޓެލްގެ ކޮޓަރިއަށް ކުލީގެ ގޮތުގައި ޗެލްސީ ދައްކަނީ 4100 ހޮންގްކޮންގް ޑޮލަރެވެ. އެއީ ގާތްގަނޑަކަށް 524 އެމެރިކާ ޑޮލަރެވެ. އެއީ އެ ސަރަހައްދުން ލިބެންހުރި އެހެން ތަންތަނާ އަޅައިބަލާއިރު 30 ޕަސެންޓް ކުޑަ އަގެކެވެ. އެއީވެސް އެހެން މީހަކާ ހިއްސާކުރާނަމައެވެ. އެގޮތަށް ހުންނަ އެހެން ތަންތަނަކީ އަމިއްލަ ފާޚާނާއެއްވެސް ހުންނަ ތަންތަނެއް ނޫނެވެ. ކިރިޔާ އެނދެއް ބަހައްޓާލެވޭކަމެވެ.

ޗެލްސީ ގަބޫލުކުރާގޮތުގައި ސަރުކާރުގެ ހޮސްޓެލަކަށް ބަދަލުވުމަކީ، ޒަވާޖީ ހަޔާތެއް ފަށައި، އަމިއްލަ ޚަރަދުގައި ފްލެޓެއް ގަނެވެންދެން ފައިސާ ރައްކާކުރުމަށް ކޮށޭ ތަނަވަސް މަގެކެވެ.

ހޮންގްކޮންގުގައި ހިންގާ ޒުވާނުންގެ ހޮސްޓެލް މަޝްރޫއަކީ ހޮންގްކޮންގުގެ މައްޗަށް ބާރު ހިންގާ ޗައިނާގެ ރައީސް ޝީ ޖީންޕީންގުގެ ޕްރެޝަރާއެކު، ގަދަ ފޯރީގައި މިދިޔަ އަހަރު ހިންގަން ފެށި މަޝްރޫއެކެވެ. ބޯހިޔާވަހިކަމުގެ މައްސަލާގައި މާޔޫސްވެފައިވާ ޒުވާނުންނަށް ލުޔެއް ހޯދައިދިނުމުގެ މަގުސަދުގައެވެ. 2019 ވަނަ އަހަރު، މައި ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކާއި، ޑިމޮކްރަސީ ގާއިމުކުރުމަށް ގޮވާލައި، ކުރި ވަރުގަދަ މުޒާހަރާތަކުގެ އަސްލު އެއް ސަބަބަކީވެސް ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށް ޝީ ގަބޫލުފުޅު ކުރައްވައެވެ.

ސަރުކާރުން ސަބްސިޑައިޒް ކޮށްދީގެން ޒުވާނުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ހޮންގްކޮންގުގައި ހިންގާ މަޝްރޫއުގެ އިތުރު މަގުސަދުތަކަށް ބަލާއިރު ޒިންމާދާރު ރައްޔިތުން ބިނާކުރުމާއި، ޒުވާނުންގެ އަމިއްލަ ނަފުސުގެ ތަރައްގީއަށް މަސައްކަތްކުރާނެ ފަހި ފުރުސަތުތައް ހޯދައިދިނުން ހިމެނެއެވެ.

'ޒުވާނުންގެ ހޮސްޓެލް'އިން ޖާގަ ހޯދުމަށް އެދި ހުށަހެޅުމަށް ވަކި ޝަރުތުތަކެއް ހަމަވާންޖެހެއެވެ. އެގޮތުން އެމީހަކީ 31 އަހަރުން ދަށުގެ މީހަކަށް ވާންޖެހެއެވެ. އަދި މަހެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި 3195 އެމެރިކާ ޑޮލަރަށްވުރެ އިތުރަށް ލިބިގެން ނުވެއެވެ. އެސެޓްގެގޮތުގައި ހުރި މިލްކިއްޔާތުގެ އަގުވެސް 380000 ހޮންގްކޮންގް ޑޮލަރަށްވުރެ ބޮޑުވެގެން ނުވެއެވެ. އިންޓަރވިއުއަށް ދިއުމުގެ ފުރުސަތު ލިބެނީ މި ޝަރުތުތައް ހަމަވެގެންނެވެ. ކޮޓަރިތަކުގައި ތިބެވޭނެކަން ކަށަވަރު ކުރުމަށްޓަކައި ކޮންމެ އަހަރަކުވެސް 200 ގަޑިއިރު ހިލޭ ސާބަހަށް މުޖުތަމައަށް ޚިދުމަތްކޮށްދޭން ޖެހެއެވެ. ނުވަތަ ކަމާބެހޭ ހުއްދަ ދޫކޮށްފައިވާ މަސައްކަތެއް ކުރަން ޖެހެއެވެ.

ހޮންގްކޮންގުގެ ޔުނައިޓަޑް ޔޫތު އެސޯސިއޭޝަންގެ ޗެއަރމަން، އެލެކްސް ޔޫއިންގް ގަބޫލުކުރައްވާގޮތުގައި މިއީ ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮ ކަމަށްވެސް އެދެވޭ މަޝްރޫއެކެވެ.

މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް ހޮންގްކޮންގަކީ ބޯހިޔާވަހިކަމަށް އެންމެ ބޮޑު ޚަރަދެއް ކުރަންޖެހޭ މަންޒިލެކެވެ. ޑެމޯގްރާފިއަރގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެންމެ ކުލިބޮޑު ސަރަހައްދުގެ ގޮތުގައި ހޮންގްކޮންގް ވަނީ ވިދިވިދިގެން 13 އަހަރު ލިސްޓު ކޮށްފައެވެ. ހޮންގްކޮންގަށް ކުރިމަތިލާން ޖެހިފައިވާ އިޖުތިމާއީ މައްސަލަތަކުގެ އެންމެ ބޮޑު އެއް އަސްލަކީވެސް ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށް އޮތީ ވެފައެވެ.

ޕަބްލިކް ހައުސިންގ ސްކީމްގެ ދަށުން ބޯހިޔާވަހިކަމަށް އެދުމުގެ ފުރުސަތު، ދަށް ފަންތީގެ އާމްދަނީ ލިބޭ މީހުންނަށް ހޮންގްކޮންގުގައި އޮވެއެވެ. ނަމަވެސް އެފަދަ ފުރުސަތެއްގެ އިންތިޒާރުގައި އެވްރެޖުކޮށް 5.3 އަހަރު ހޭދަކުރަން ޖެހެއެވެ. އެފަދަ ފުރުސަތުތަކުގައި ފައިދާ ބޮޑުވަނީ އާއިލާތަކާއި ދޮށީ އުމުރުގެ މީހުންނަށް ކަމަށް ވާއިރު، ހުސްހަށިބައި ޒުވާނުންނަށް އެފަދަ ފުރުސަތެއް ކަށަވަރުވުމަކީ، ވުމަށްވުރެ ނުވުން ގާތް ކަމަކަށް އޮތީ ވެފައެވެ.

ޒުވާނުންނަށް ޚާއްސަކޮށްގެން ހޮންގްކޮންގުގައި ހިންގާ ހޮސްޓެލް މަޝްރޫއު އެންމެ ފުރަތަމަ ފެށީ 2011 ވަނަ އަހަރުގެ ތެރޭގައި ނަމަވެސް، ގަދަ ފޯރީގައި އެ މަޝްރޫއު ހިނގައިގަތީ މިދިޔަ އަހަރުގެ ޖުލައި މަހު، ޝީ ކުރެއްވި ޒިޔާރަތަށް ފަހުގައެވެ. އޭރު ހޮންގްކޮންގުގައި އެފަދަ ގޮތަކަށް ހިންގަމުން ދިޔައީ 80 އެނދުގެ އެންމެ ހޮސްޓެލެކެވެ.

ހޮންގްކޮންގުގެ ސަރުކާރު މިހާރު އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި 3000 އެނދުގެ ޖާގަ ތަނަވަސް ކޮށްދިނުމަށެވެ. ބައެއް ހޮސްޓެލްތަކުގެ މަޝްރޫއަކީ ސުމަކުން ފަށަންޖެހޭ މަޝްރޫއުތަކަށް ވާއިރު، އަނެއްބައި ހޮސްޓެލްތައް ތަރައްގީކުރަނީ ޖަމިއްޔާ/ޖަމާއަތްތަކުގެ އިމާރާތްތަކުގައެވެ.

ޒުވާނުންގެ ހޮސްޓެލްގެ މަޝްރޫއަށް ހޮންގްކޮންގުގައި އޮތް ޑިމާންޑަށް ބަލާއިރު، ކޮންމެ އެނދަކަށް 5 މީހަކު ދަނީ ޑިމާންޑް ކުރަމުންނެވެ. ކަން މިހެން އޮތް އިރު، މިފަދަ މަޝްރޫއެއްގެ ސަބަބުން މަގުސަދުތައް ފުރިހަމައަށް ހާސިލުވެދާނެ ކަމާމެދު ކިތަންމެ ފުޅާކޮށްވެސް ބަހުސް ކުރެވިދާނެއެވެ.

- ކޮމެންޓް