ކ. މާލެ
|
8 ޖުލައި 2023 | ހޮނިހިރު 18:56
ވެން ޑަ ސާ
ވެން ޑަ ސާ
ގޫގުލް
ވެން ޑަ ސާ
ސިކުނޑިއަށް ލޭ އެޅި، ވެން ޑަ ސާއަށް އައިސީޔޫގައި ފަރުވާ ދެނީ
ވެން ޑަ ސާއަށް ފަރުވާދެމުން ދަނީ ކްރޮއޭޝިއާގެ ހޮސްޕިޓަލެއްގައި

މެންޗެސްޓާ ޔުނައިޓެޑާއި އަޔެކްސްގެ ކުރީގެ ގޯލްކީޕަރު، އެޑްވިން ވެން ޑަ ސާގެ ސިކުނޑިއަށް ލޭ އެޅުމުގެ ސަބަބުން އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުން 52 އަހަރުގެ ވެން ޑަ ސާއަށް ފަރުވާދެމުން ދަނީ ކްރޮއޭޝިއާގެ ހޮސްޕިޓަލެއްގައެވެ. އޭނާ ކްރޮއޭޝިއާއަށް ގޮސް ހުރީ ޗުއްޓީ ހޭދަކުރުމަށެވެ. އަޔެކްސްއިން ބުނީ ނެދަލޭންޑްސް އަށް 130 މެޗު ކުޅެދިން ކުރީގެ ކުޅުންތެރިޔާގެ ހާލު ސްޓޭބަލް ކަމަށެވެ. އެހެންނަމަވެސް އިތުރު ފަރުވާ ދޭނީ އައިސީޔޫ އިން ނުނެރެ ކަމަށެވެ.

އަޔެކްސްގެ ޗީފް އެގްޒެކެޓިވްގެ މަގާމުން ވެން ޑަ ސާ އިސްތިއުފާ ދިނީ ނެދަލެންޑްސް ލީގުގެ ތިން ވަނަ ހޯދި އަޔެކްސް 2009 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގަށް ކޮލިފައި ނުވުމުންނެވެ.

ވެން ޑަ ސާ ވަނީ މެންޗެސްޓަރ ޔުނައިޓެޑަށް 266 މެޗު ކުޅެދީ، އެ ޓީމަށް ހަތަރު ޕްރިމިއާ ލީގާއި 2008 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައެވެ. 2011 ވަނަ އަހަރު އޭނާ ޔުނައިޓެޑް ދޫކޮށް ކުޅުން ހުއްޓާލިއެވެ. އަދި 2012 ވަނަ އަހަރު އަޔެކްސްގެ ބޯޑާ ގުޅުމަށް ފަހު، 2016 ވަނަ އަހަރު އެ ކުލަބުގެ ޗީފް އެގްޒެކެޓިވްގެ މަގާމާ ހަވާލުވިއެވެ.

ވެން ޑަ ސާ ޔުނައިޓެޑުގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރި އިރު އޭނާގެ އަންހެނުން އެނެމަރީ އަށް 2009 ވަނަ އަހަރު ސެރެބްރަލް ހެމަރޭޖް ޖެހުނު ނަމަވެސް އޭނާ ވަނީ މުޅިން ރަނގަޅުވެފައެވެ.

- ކޮމެންޓް