ގްރެނިޓް ޒަކާ، އާސެނަލް ދޫކޮށް 25 މިލިއަން ޔޫރޯގެ އެއްބަސްވުމެއްގެ ދަށުން ޖަރުމަނުގެ ބަޔާ ލެވަކޫސަންއާ ގުޅިއްޖެއެވެ.
އުމުރުން 30 އަހަރުގެ މިޑްފީލްޑަރު ލެވަކޫސަންއާ ގުޅުނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. 2016 ވަނަ އަހަރު އާސެނަލްއާ ގުޅުނު އަދި 2019 ވަނަ އަހަރު ކުރު މުއްދަތަކަށް ކެޕްޓަންކަން ކުރި ޒަކާގެ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތްނަމަވެސް، މި އަހަރުގެ ހޫނު މޫސުމުގައި އޭނާ ކުލަބު ދޫކޮށްލާނެ ކަމަށް މީގެކުރިން ވަނީ ބުނެފައެވެ.
އާސެނަލަށް ކުޅުނު 297 މެޗުގައި ޒަކާ ވަނީ 23 ލަނޑު ކާމިޔާބުކޮށް، އެފްއޭ ކަޕް ދެ ފަހަރު ކާމިޔާބުކޮށްދީ، މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ ރަނަރަޕްކަން އާސެނަލާއެކު ހޯދާފައެވެ. މިދިޔަ ސީޒަނުގެ އެންމެ ފަހު މެޗުގައި އޭނާ ވަނީ ވުލްވްސް ކޮޅަށް ދެ ލަނޑު ޖަހާފައެވެ.
2021 ވަނަ އަހަރު ރޯމާއިން ޒަކާ ހޯދުމަށް ހުށަހެޅި 15 މިލިއަން ޔޫރޯގެ ބިޑެއް އާސެނަލުން ބަލައިނުގަތްއިރު، އޭގެ ފަހުން އެ ހޫނު މޫސުމުގައި އޭނާ ވަނީ 2024 ވަނަ އަހަރާ ހަމައަށް، އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ޒަކާ ވަނީ މީގެކުރިން ޖަރުމަނުގެ ބޮރޫޝިއާ މޮންޗެންގްލަޑްބެކްއާ އެކު ހަތަރު އަހަރު ދުވަސް ހޭދަކޮށްފައެވެ.