Advertisement
ކ. މާލެ
|
14 ޖުލައި 2017 | ހުކުރު 03:33
އެމްޕީ ރޮޒެއިނާ
އެމްޕީ ރޮޒެއިނާ
ރާއްޖެއެމްވީ
ކުޅުދުއްފުށި ޖަލްސާ
މިއީ ރާއްޖޭގެ ގާނޫނު އަސާސީ، ޔާމީން އަސާސީއަށް ބަދަލުވާކަށް ފުރުސަތެއް ނުދޭނަން: ރޮޒެއިނާ
ރައްޔިތުން ބޭނުންވަނީ މިނިވަންކަން ހޯދަން
ރައްޔިތުން ތިބޭނީ ގުޅިފައިވާ ޕާޓީތަކާ އެކު
މަޖިލީހުގެ ތެރެއިން މަސައްކަތް ކުރަނީ ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުވުމަށް

ރާއްޖޭގެ ގާނޫނު އަސާސީ، ޔާމިން އަސާސީއަށް ބަދަލުވާކަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފުރުސަތެއް ނުދޭނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަަަވަމުން، މެންބަރު ރޮޒެއިނާ ވިދާޅުވީ، މިއަދުގެ ސަރުކާރުގެ އަމަލުތައް ފެންނަން ހުރީ ޑިކްޓޭޓަރުންގެ އަމަލުތައް ހުންނަވާ ގޮތަށް ކަަމަށެވެ.

ކުރީގެ ނައިބު ރައީސް އަދީބު ބޭސްފަރުވާ އަށް ފޮނުވާނީ އެމްއެމްޕީއާރްސީގެ ފައިސާ ސަރުކާރަށްދީގެން ކަމަށް ވިދާޅުވާ އިރު ޝަރުއީ ނިޒާމުގެ ތެރެއިން އެކަން މުޅި އަދީބުގެ މައްޗަށް ސާބިތު ނުވާ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

ރޮޒެއިނާ ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާ އަށް ވީނުވީ ގޮތެއް ބެލުމަށްޓަކައި މަޖިލީހުގެ ތެރެއިން ހާއްސަ ކޮމިޓީއެއް ހެނދުނު ކަމަށާއި އެެހެން ނަމަވެސް، އެމަނިކުފާނު ވަކިން ހާއްސަ ކައުންސިލެއް އެކުލަވާލީ ކަމަށް ވިދާޅުވެ، މަޖިލީހުގެ ތެރެއިން އެކަން ބެއްލެވިޔަ ނުދިން ކަމަށް އޭނާ ވިދާޅުވި އެވެ.

ރޮޒެއިނާ ވިދާޅުވީ، ބޭސްފަރުވާއަށް މީހަކަށް ދައުލަތަށް ދޭންޖެހޭ ފައިސާ ދީފައި ނޫނީ ނުދެވޭނެ ކަމަށް ބުނާ އިރު، މިދިޔަ ފާއިތުވެދިޔަ އަހަރުތަކުގައި، ސަރުކާރުން ގެންނަން ބުނި ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓްތައް ރާއްޖެއިން ނުފެންނަ ކަމަށެވެ. އެހެން ކަމުން، މިއީވެސް ރައްޔިތުން މިއަދު ސުވާލު އުފައްދާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރޮޒެއިނާ ވިދާޅުވީ، މިއަދު ކަންކަން ވަމުންދަނީ އިދިކޮޅުފަރާތްތަކުގެ ގޭމް ޕްލޭނާއި އެއްގޮތްވާގޮތުގެ މަތިން ކަަމަށާއި މިވަމުންދާ ކަންކަމަކީ ވާނެކަމަށް ލަފާ ކުރި ކަންކަމަށެވެ. މިކަންކަމުގައި އެއްވެސް ހާސްކަމެއް ނެތް ކަމަށާއި މިއަދު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނިކުމެފައިވަނީ ނިކަން ކެރިގެން ކަމަށެވެ.

ރޮޒެއިނާ ވިދާޅުވީ ރާއްޖޭގެ ހުރިހާ މުއައްސަސާއަކުން ރައީސް ޔާމީންގެ ކޮޅަށް އެރިނަމަވެސް، ދިވެހި ރައްޔިތުން ތިބޭނީ ސާބިތުކަމާ އެކުގައި ކަމަށާއި މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައިވެސް އެކަން ދައްކާލާފައިވާ ކަމަށެވެ.

މިއަދު މަޖިލީހުގެ މެންބަރުންގެ ބާރުތަކަށް އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެންމެ ގޮނޑިއެއްވެސް ހުސްވި ނަމަވެސް، އެ ގޮނޑި ފަސޭހަ ކަމާ އެކު ކާމިޔާބު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަޖިލީހުގެ މެޖޯރިޓީ ހޯދައިގެން މަސައްކަތް ކުރަނީ ސަރުކާރުން ގެންނަ ތަަރައްގީއަށް ހުރަސް އެޅުމަށް ކަމަށް ރައީސް ޔާމީން ވިދާޅުވި ނަަމަވެސް، ގުޅިފައިވާ ޕާޓީތަކުން މަސައްކަތް ކުރަނީ ތަރައްގީގެ ނަމުގައި ހިންގާ ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު އަނެއްކާ އަނެއް ޕްރެސް ކޮންފަރެންސްގަ މިވިދާޅުވަނީ، ޕީޕީއެމް އިން ތަދައްހުލު ވިޔޭ، މިދިޔަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީޕާޓީގެ ލީޑަރު ކޯޓަށް ވަޑައިގެންނެވި އިރުގައި. ތިމަންނަ ނުދެނަހުރީމޭ އެކަން ކުރެއްވި ކަމެއްވެސް. އެހެންވީމަ ރައީސް ޔާމީނަކީ ވަރަށް ފަސޭހައިން ހަނދާން ނެތޭ ބޭފުޅެއް. އަނެއްކޮޅުން ވާކަމެއް ނުވާ ކަމެއް އެނގޭ ބޭފުޅެއް ނޫން. މިހިސާބަށް ދިއައިމަ އަޅުގަނޑުމެން ކިހިނެތްތޯ މަޖިލީހުގެ ތެރެއިން ކަމެއް ނުކޮށް ތިބޭނީ،" ރޮޒެއިނާ ވިދާޅުވި އެވެ.

ރައްޔިތުން ތިބީ ގައުމު މިނިވަންކުރަން ބޭނުންވެފައިކަމަށާއި ގައުމުގައި އިންސާފު ގާއިމް ކޮށް ފުރިހަމަ ޑިމޮކްރެޓިކް ނިޒާމެއް ބޭނުންވާކަން އޭނާ ފާހަަގަކުރެއްވި އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް