ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުމަށްވުރެ ފުރާނައަށް އޮތް ބިރު މާ ބޮޑު ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ވިލިނގިލީ ޖަލްސާގައި ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ ގޮނޑި ގެއްލިދާނެ ކަމާއި މެދު އެއްވެސް ބިރުވެރިކަމެއް ނެތް ކަމަށާއި ނަމަވެސް އިންސާނަކަށް ދިމާވާނެ އެންމެ ބޮޑު ދުއްތުރާއަކީ އެއް އިންސާނަކު އަނެއް އިންސާނަކު އަޅުވެތިކޮށް ކުރާ އަނިޔާއަށް ކެތް ކުރުން ކަމަށެވެ.
މިއީ ދުނިޔެ ދައްކަމުންދާ ހަޤީޤަތް. ވެރިންނަށް ވަޑައިގަންނަވާ ބޭފުޅުންނަކީ ތަފާތު ވިސްނުމުގެ ބޭފުޅުން. މިއަދު ރައްޔިތުންގެ ނުރުހުން އެތައް ގޮތަކުން މިސަރުކާރަށް އެބައޮތް" ނިޒާރު ވިދާޅުވިއެވެ.
އެންމެ މަތީ ކޯޓުގެ ފަނޑިޔާރުން މިއަދު މަސައްކަތް ކުރަމުންދަނީ ވެރިކަން ދިފާއު ކުރުމަށް ކަމަށްވާއިރު ރައްޔިތުން ނުރުހޭ ގޮތަށް ރައީސް ޔާމިންގެ ވެރިކަން ދިފާއުކުރަން އަދިވެސް ހުކުމް ކުރާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.
”މާޔޫސްކަމާއި އެކީ މަސައްކަތްކުރަމުން އައިސް 50 މެމްބަރުން އެއް ފަޅިއަށް އައުމަކީ ލިބުނު ހިތްވަރެއް. އިންސާނީ ފިކުރާއި ވިސްނުމާއި ދުލުގެ މިނިވަންކަމުގައި ތަޅެއް ނޭޅުވޭނެ. ވެރިކަން ދެމެހެއްޓުމަށް އިންސާނުންގެ ފުރާނައަށް އަރައިގަންނަމުންދާ މަންޒަރުފެނޭ" ނިޒާރު ވިދާޅުވިއެވެ.
ރައްޔިތުން ނުރުހޭ ގޮތަކަށް ވެރިކަން ކުރަން މަސައްކަތް ކުރަމުންދާތީ ރައީސް ޔާމިން އަޒުލުކުރުން ނޫން ގޮތެއް ނެތް ކަމަށް ވިދާޅުވިއެވެ.
ޤާނޫނު އަސާސީން ކަށަވަރު ކުރާ ހައްގެއް ނެތްއިރު މަޖިލިސް މެމްބަރުން ގޮނޑި ގެއްލޭނެ ގޮތް ވަރަށް ސާފްކޮށް ބަޔާންކޮށްފައި އެބައޮތް ކަމަށާއި އަދި މެމްބަރުން ބަނދެގެން ކުރެވޭނެ ވެރިކަމެއް ނެތްއިރު ރައްޔިތުންގެ މަޖިލިސް ތެރެއިން އޮތީ އުފާވެރިކަން ކަމަށް ނިޒާރު ވިދާޅުވިއެވެ..