ރައްޔިތުން ވޯޓްދީގެން ހޮވާފައި ތިބި ރައްޔިތުންގެ މެމްބަރުން ރައީސް ޔާމިންގެ އަޅުންނަށް ހަދައިފި ކަމަށް އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ ރައީސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
ގއ. ވިލިނގިލީގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝިދާތާ ވިދާޅުވީ މުޅި ގައުމުގެ ރައްޔިތުން މިވަނީ ބޭއިންސާފާއި އަޅުވެތިކަމުގެ ތެރޭގައި ކަމަށާއި ޤާނޫނު އަސާސީއާ ދެކޮޅަށް ރައްޔިތުން ދެތުވާން އެބަޖެހޭ ކަމަށެވެ.
"ރައްޔިތުން އެބަޖެހޭ މިކަމާއި ވަރަށް ބޮޑަށް ވިސްނަން. ދުސްތޫރީ ނިޒާމެއް އޮވެގެން ގައުމު ކުރިއަށްދާނީ," ޝިދާތާ ވިދާޅުވިއެވެ.
ފެތެމުންދާ އޮޑިއެއްގައި އެއްވެސް ބޭފުޅަކު ހުންނާކަށް ބޭނުމެއް ނުވާނެ ކަމަށް ވިދާޅުވަމުން އޭނާ ފާހަގަކުރެއްވީ ކިތަންމެ ގިނަ ވޯޓެއް އެކި ގޮތް ގޮތަށް އެކި ނަންނަމުގައި ބޭއްވިޔަސް ދެން ރައްޔިތުން ވޯޓްދޭނީ އިދިކޮޅު ފަރާތްތަކަށް ކަމަށެވެ.
މިޖުލައި މަހުގެ 24 ވަނަ ދުވަހު ނެގުމަށް ތައްޔާރުވަމުންދާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް އިޝާރާތްކުރައްވާ އޭނާ ވިދާޅުވީ މަސީހާކީ މަޖިލިސްގައި އިންނަވަން މިހާރު އިތުބާރު އޮތް ބޭފުޅެއް ނޫން ކަމަށެވެ.
ޤާނޫނުތައް ހަދަނީ އެއަށް ތަބާވުމަށް ކަމަށްވާ އިރު ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންނާއި، މިނިވަން މުއައްސާތަކުން، އެ ޤާނޫނު އަސާސީއަށް ތަބާވާން ޖެހޭނެ ކަމަށާއި އެހެން ނަމަވެސް މިއަދު ރައީސް އާއި އެމަނިކުފާނަށް ތަބާވާ މަދު މީސްކޮޅު މިފެންނަނީ އެޤާނޫނުތައް މުގުރާލަމުންދާ މަންޒަރު ކަމަށް ޝިދާތާ ވިދާޅުވިއެވެ.
ވެރިކަމަށް ގެނައުމަށްޓަކައި ރައީސް މައުމޫނު ކޮށްދެއްވި ބުރަ މަސައްކަތް ރައީސް ޔާމިން ހަނދާން ނައްތާލެވި ކަމަށާއި އެކަމުގެ ސަބަބުން އެއިރު ރައީސް ޔާމިން އާއި އެންމެ އަރިސް ބޭފުޅުން މިއަދު އެމަނިކުފާނު ދޫކުރައްވާ ވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.
ކާނަލް ނާޒިމާއި، ރައީސް ނަޝީދާއި، ޝެއިޙް އިމްރާނާއި ބޭއިންސާފް ހުކުމުކޮށް ޖޭޕީގެ ލީޑަރުގެ މައްޗަށް ކުރަމުންދަނީ ނުހައްގު ދައުވާތަކެއް ކަމަށް ވެސް ޝިދާތާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން މިއަދު މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމަކީ އިދިކޮޅު ފަރާތްތަކަށް ލިބުނު ކާމިޔާބެއް ކަމަށާއި އެކަމުގެ ސަބަބުން މަސައްކަތްތައް އިތުރަށް ކުރިއަށްގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.