ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ކުރި ހުކުމަކީ ރައްޔިތުން އެދޭ ބަދަލު ފެށުމުގެ އަސްލު ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރ އަބްދުﷲ ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން ގއ.ވިލިނގިލީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުﷲ ކަމާލުއްދީން ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމާ މެދު އެއްވެސް ރައްޔިތަކު ދެރަވާނެ ކަމެއް ނެތް ކަމަށާއި އެކަމުގެ ސަބަބުން ދެރަ ކަންތައްތަކާ ކުރިމަތިލާން ޖެހޭނެ ބަޔަކު ތިބޭނެ ކަމަށެވެ.
ޤާނޫނު އަސާސީއަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުން ކަމަށްވާއިރު މިއަދު ވަކި ބަޔަކު ބޭނުންވުމުން ޤާނޫނު އަސާސީއަށް ބަދަލު ނުގެނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންނާ އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ވާހަކަދައްކަނީ ސަރުކާރުން ކުރާ ނުރަނގަޅު ކަންތައްތައް ކިޔައިދީ ސަރުކާރު ހަމަ މަގަށް އެޅުވުމަށް ކަމަށް އަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ.
އެހެންކަމުން މިއީ ވެރިކަން ބަދަލުކުރުމަށް ކުރާ ކަމެއް ނޫން ކަމަށާއި ޤާނޫނު އަސާސީން ވެރިކަން ބަދަލު ކުރެވޭނެ ވަރަށް ގިނަ ހަމަތައް އެބަހުރި ކަމަށް ވިދާޅުވިއެވެ.
ޤާނޫނު އަސާސީގެ ތެރެއިން ރައްޔިތުންނަށް އެބާރު ދީފައި ހުރިކަން ފާހަގަކުރައްވާ އަބްދުﷲ ކަމާލުއްދީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހާ ދެކޮޅަށް ވޯޓް ދިނުމަށް ސޮއިކުރި މެމްބަރުން އެކުރެއްވީ ޤައުމީ މަސައްކަތެއް ކަމަށެވެ.
އެހެންކަމުން މިއަދު މެމްބަރުން އެފެއްޓެވީ ގައުމަށް ބޭނުންވެފައި އޮތް އިސްލާހީ މަސައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.