މިހާރު އިދިކޮޅު ސިޔާސީ ޕާޓީތަކުން ކުރަމުންދާ މަސައްކަތުގައި ތިބީ ފުރާނަ ދުއްވާލަންޖެހުނަސް އެކަމަށް ވެސް ތައްޔާރަށް ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާ މެމްބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ގަފޫރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން މަސީހް ދުރުކުރާނެ ކަމަށެވެ. މި މޭރުމުން ދެއްކެވި ވާހަކައިގައި އޭނާ ވިދާޅުވީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވެސް މަސީހާ ދެކޮޅަށް ވޯޓު ދެއްވާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން މަސީހް ވަކިކޮށް މި ރާއްޖެގައި ސުލްހަ މަސަލަސްކަން ގާއިމުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ސަރުކާރަށް ހަތަރު އަހަރުވާއިރު ކުޅުއްދުއްފުއްޓަށް ވެސް އަދި ހދ. އަތޮޅަށް ވެސް އެއްވެސް ކަމެއް ނުކޮށްދެވުނު ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން ކޮންމެ އަހަރަކު ވެސް އެތައް މިލިއަން ރުފިޔާއެއް ކުޅުދުއްފުށީގެ އެކި މަޝްރޫއުތަކަށް ޖަހާ ފާސްކުރާއިރު އޭގެ އަމަލީ މަސައްކަތް ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވަނީ ދައުލަތުގެ ކަންކަން ބެލުމަށް މިނިވަން މުވައްސަސާތައް ޒިންމާދާރު ވުމަށް ވެސް ގޮވާލައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން އެއް ދުވަހުގެ ތެރޭގައި ވެސް ވޭތުވެދިޔަ 800 އަހަރު ނުކުރާ ވަރަށް ވައްކަން ކޮށްފި އެވެ.
މީގެ އިތުރުން ވެސް ރައީސް ޔާމިނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އޭނާ ވަނީ ރައީސް ޔާމިނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.