ކ. މާލެ
|
6 ޖުލައި 2023 | ބުރާސްފަތި 07:15
ޗައިނާގައި އަންހެނަކު ހޫނު ގަދަވުމުގެ ސަބަބުން ކުޑައެއް ނަގައިގެން
ޗައިނާގައި އަންހެނަކު ހޫނު ގަދަވުމުގެ ސަބަބުން ކުޑައެއް ނަގައިގެން
ރޮއިޓަރސް
ދުނިޔޭގެ އެންމެ ހޫނު ގަދަ ދުވަސް
އެންމެ ހޫނުގަދަ ދުވަހަކީ ޖުލައި 3 ކަމުގައި ރިކޯޑްތަކުން ދައްކައިފި
ޖުލައި 3 ވަނަ ދުވަހު ދުނިޔޭގެ އެވްރެޖް ހޫނުމިނުގެ ގޮތުގައި ރިކޯޑްކުރެވިފައިވަނީ 17.01 ޑިގްރީ ސެލްސިއަސް
މީގެކުރިން އެންމެ ހޫނު ގަދަ ދުވަހެއްގެ ގޮތުގައި ރިކޯޑްކުރެވިފައިވަނީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހު

މުޅި ދުނިޔޭގައި މިހާތަނަށް އެންމެ ހޫނުގަދަ ދުވަހެއްގެ ގޮތުގައި ރިކޯޑްކުރެވިފައިވަނީ ޖުލައި މަހުގެ 3 ވަނަ ދުވަސްކަމުގައި އެމެރިކާގެ ނޭޝަނަލް ސެންޓަރ ފޮރ އެންވަޔަރަމަންޓަލް ޕްރެޑިކްޝަންގެ ޑާޓާތަކުން ދައްކައިފިއެވެ.

އެދުވަހު ދުނިޔޭގެ އެވްރެޖް ހޫނުމިނުގެ ގޮތުގައި ރިކޯޑްކުރެވިފައިވަނީ 17.01 ޑިގްރީ ސެލްސިއަސް އެވެ. މީގެކުރިން އެންމެ ހޫނު ގަދަ ދުވަހެއްގެ ގޮތުގައި ރިކޯޑްކުރެވިފައިވަނީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހު އެއީ 16.92 ޑިގްރީ ސެލްސިއަސް އެވެ.

އެމެރިކާގެ ދެކުނުގެ ހިސާބުތައް އަންނަނީ ފާއިތުވި ހަފްތާތަކުގައި އިންތިހާ ދަރަޖައިގެ ހޫނުކަން އިހުސާސްކުރަމުންނެވެ. ޗައިނާގައި ހީޓްވޭވްގެ ސަބަބުން ހޫނު މިން ވަނީ 35 ޑިގްރީ ސެލްސިއަސް އަށްވުރެ މަތިވެފައެވެ. އުތުރު އެފްރިކާގައި ހޫނު މިންވަނީ 50 ޑިގްރީ ސެލްސިއަސް އާ ކައިރިކޮށްފައެވެ.

މީގެއިތުރުން މިހާރު ވިންޓަރ ތަޖުރިބާ ކުރަމުން އަންނަ އެންޓާޓިކާގައި ވެސް އަންނަނީ ރިކޯޑް މިންވަރަކަށް މަތީ އަދަދުތަކުން ފިނިހޫނު މިން ރިކޯޑްކުރަމުންނެވެ. ޔޫކްރެއިންގައި ހުންނަ ރިސަރޗް ސެންޓަރަކުން ބުނެފައިވަނީ އަރޖެންޓީން އައިލެންޑްސްގައި ވަނީ ޖުލައި މަހުގެ ހޫނުމިން 8.7 ޑިގްރީ ސެލްސިއަސްގެ ރިކޯޑް މިންވަރަކަށް މައްޗަށް ގޮސްފައެވެ.

ތިމާވެއްޓާ ބެހޭ މާހިރުން އަންނަނީ މިކަމަކީ އިންސާނުންނާއި ދިރާތަކެއްޗަށް ހުރި މަރުގެ އިންޒާރެއްގެ ގޮތުގައި ސިފަކުރައްވަމުންނެވެ. މޫސުމަށް މިބަދަލުތައް އަންނަމުންދަނީ އެލްނިނޯގެ ޕެޓަރން އަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާތީއެވެ. ޖައްވަށް ދޫކުރާ ވިހަ ގޭސްތައް ރިކޯޑް މިންވަރަކަށް މިއަހަރު އިތުރުވެފައިވާއިރު އެލްނިނޯ އާއެކު ދުނިޔޭގެ ހޫނުމިން މިވަނީ ރިކޯޑް މިންވަރަކަށް މައްޗަށްގޮސްފައިކަމަށް މާހިރުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް