އަމީނީ މަގުގައި ގަވައިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް މަގުމަތިން ނެގުމަށް ފުލުހުން ތިން ދުވަސް ދީފިއެވެ.
ފުލުހުން ބުނީ އަމީނީމަގުގައި ގަވާއިދާ ހިލާފަށް އެއްގަމު އުޅަނދު ޕާކުކޮށްފައި ހުރުމުގެ ސަބަބުން ޓްރެފިކް ތޮއްޖެހި ހިނގާބިނގާވާ މީހުންނަށާއި ދުއްވާ އުޅަނދުފަހަރަށް ދަތިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ޖުލައި 6 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ބެލުމަށްފަހު، އަމީނީމަގުގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން އިތުރަށް ބުނީ ވެހިކަލްތައް ނަގާއިރު ދިމާވާ ގެއްލުންތަކަށް ޒިންމާ ނުވާނެ ކަމަށެވެ.
ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތްކުރަމުންދާއިރު ތާރުއަޅައިގެން މި މަސައްކަތުގެ އެއްބައި މިހާރު ވަނީ ނިންމާފައެވެ. ޗުއްޓީއަށް ފަހު ސްކޫލު ހުޅުވެންވާއިރަށް އަމީނީ މަގުގައި މިވަގުތު ކުރިއަށްގެންދާ މަސައްކަތް ނިންމާލެވޭނެ ކަމަށް އަމީނީ މަގު ހަދަމުން އަންނަ އާރްޑީސީން ވަނީ ބުނެފައެވެ. މި ވަގުތު އަމީނީ މަގުގައި ކުރެވެމުންދަނީ މީރާ ކައިރީގައި ފެނާއި ނަރުދަމާ ނިޒާމުގެ ހޮޅިތަށް އެޅުމުގެ މަސައްކަތެވެ.
ފެން ބިލްޑިން އިން ފެށިގެން ބިލަބޮންގ ސްކޫލް އާއި ހަމައަށް ހޮޅި އަޅައި ނިމުނު ހިސާބުގައި ދުވާރު އަދި ކާބްސްޓޯންގެ މަސައްކަތްވެސް މިވަގުތު ކުރިއަށްގެންދެއެވެ.