ކ. މާލެ
|
30 ޖޫން 2023 | ހުކުރު 06:31
އެމެރިކާގެ ބޮސްޓަންގައި ކޮވިޑް-19 މޮޑެލް އެއް ހަދާފައި
އެމެރިކާގެ ބޮސްޓަންގައި ކޮވިޑް-19 މޮޑެލް އެއް ހަދާފައި
ރޮއިޓާރސް
އެމެރިކާގެ ކޮވިޑް ރިލީފް ޕްރޮގްރާމް
އެމެރިކާގެ ކޮވިޑް ރިލީފް ޕްރޮގްރާމުން 200 ބިލިއަނަށްވުރެ ގިނަ ޑޮލަރުގެ ވައްކަންކޮށްފައިވޭ: ވޮޗްޑޯގް
86 އިންސައްތަ ޑޮލަރު ބަހާފައިވަނީ 2020 ވަނަ އަހަރު ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި
އެމެރިކާގެ އެޓާނީ ޖެނެރަލް ވަނީ ކޮވިޑް-19 ފްރޯޑް އެންފޯރސްމެންޓް ޓާސްކް ފޯސްގެ ނަމުގައި ޓާސްކް ފޯހެއް އެކުލަވާލައްވާފައި

ކޮވިޑް-19އާ ގުޅިގެން އެމެރިކާ ސަރުކާރުން ކުރިޔަށްގެންދިޔަ ރިލީފް ޕްރޮގްރާމުގެ ތެރެއިން 200 ބިލިއަނަށްވުރެ ގިނަ ޑޮލަރުގެ ވައްކަންކޮށްފައިވާކަމަށް އެމެރިކާގެ ވޮޗްޑޯގަކުން ބުނެފިއެވެ.

ވޮޗްޑޯގުން އިތުރަށް ބުނީ އެމެރިކާގެ ސްމޯލް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެސްބީއޭ) ގެ ކޮންޓްރޯލް ފަންޑުތައް ބެހުމުގައި އަވަސް އަރުވާލުމުގެ ސަބަބުން ވަރަށް ބޮޑަށް ގެއްލިފައިވާކަމަށެވެ. އެސްބީއޭ އޮފީހުގެ އިންސްޕެކްޓަރ ޖެނެރަލް ނެރެފައިވާ މިރިޕޯޓްގައިވާ ގޮތުގައި ކޮރޯނާވައިރަސް އެކޮނޮމިކް އިންޖަރީ ޑިޒާސްޓަރ ލޯން (އީއައިޑީއެލް) އާއި ޕޭޗެކް ޕްރޮޓެކްޝަން ޕްރޮގްރާމް(ޕީޕީޕީ)ގެ ދަށުން ދޫކުރި ހުރިހާ ފަންޑުގެ 17 އިންސައްތަ ފަންޑު ލިބިފައިވަނީ އެކަމަށް އެންމެ ބޭނުންޖެހިފައިވާ މީހުންނަކަށް ނޫނެވެ.

މުޅި ޕެންޑަމިކުގެ ތެރޭގައި އެސްބީއޭއިން ވަނީ 1.2 ޓްރިލިއަން އެމެރިކާ ޑޮލަރުގެ އީއައިޑީއެލް އަދި ޕީޕީޕީ ފަންޑު ބަހާފައެވެ.

ވޮޗްޑޯގުން ބުނެފައިވަނީ ގަވާއިދާއި ގާނޫނާއި ޚިލާފަށް 36 ބިލިއަން ޑޮލަރު ބަހާފައިވާކަމަށް ބެލެވޭކަމަށާއި މީގެތެރެއިން 86 އިންސައްތަ ޑޮލަރު ބަހާފައިވަނީ 2020 ވަނަ އަހަރު ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައިކަމަށް ބެލެވޭކަމަށެވެ. މިހާރުގެ ރައީސް ޖޯ ބައިޑަން އެމެރިކާގެ ރައީސްކަމަށް ވަޑައިގަތީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ.

އިންސްޕެކްޓަރ ޖެނެރަލް ލަފާކޮށްފައިވާ ގޮތުގައި އީއައިޑީއެލް ޕްރޮގްރާމުގެ ތެރެއިން ގާނޫނާއި ޚިލާފަށް ބަހާފައިވާ ފަންޑު 136 ބިލިއަން ޑޮލަރަށް އަރައެވެ. އަދި ޕީޕީޕީ ފަންޑުން ކޮށްފައިވާ ވައްކަން 64 ބިލިއަން ޑޮލަރަށް އަރައެވެ.

ކޮވިޑާއި ގުޅިގެން އެމެރިކާ ސަރުކާރުން ހިންގި އެސިސްޓެންޓް ޕްރޮގްރާމްގައި މައްސަލަތައް ހުރެގެން އެފަދަ އެތައް ކަމެއް އަންނަނީ ބަލަމުންނެވެ. އެގޮތުން 2021 ވަނަ އަހަރުގެ މެއި މަހު އެމެރިކާގެ އެޓާނީ ޖެނެރަލް ވަނީ ކޮވިޑް-19 ފްރޯޑް އެންފޯރސްމެންޓް ޓާސްކް ފޯސްގެ ނަމުގައި ޓާސްކް ފޯހެއް އެކުލަވާލައްވާފައެވެ.

2022 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ލޭބަރ ޑިޕާޓްމަންޓްގެ އިންސްޕެކްޓަރ ޖެނެރަލް ވިދާޅުވެފައިވަނީ އޮޅުވާލައިގެން 45.6 ބިލިއަން ޑޮލަރު އެމެރިކާގެ އަންއެމްޕްލޯއިމެންޓް އިންޝުއަރަންސް ޕްރޮގްރާމްގެ ތެރެއިން އެކި މީހުން ހޯދާފައިވާކަމަށެވެ. އެއީ މަރުވެފައިވާ މީހުންގެ ސޯޝަލް ސެކިޔުރިޓީ ނަންބަރު ބޭނުންކޮށްގެން ފަދަ ކަންކަން ކޮށްގެންނެވެ.

ޕެންޑަމިކްގެ ތެރޭގައި ކުޑަކުދިންނަށް ކާންދިނުމަށް ސަރުކާރުން ހިންގި ޕްރޮގްރާމަކުން 250 މިލިއަން ޑޮލަރުގެ ވައްކަމުގެ ތުހުމަތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެތައް ބަޔެއްގެ މައްޗަށް ދައުވާވެސް ކޮށްފައިވެއެވެ.

މިއަހަރުގެ ކުރީކޮޅު އެހެން ވޮޗްޑޯގަކުން ހާމަކޮށްފައިވާ ގޮތުގައި ސޯޝަލް ސެކިޔުރިޓީ ނަންބަރާމެދު ސުވާލު އުފެދޭ އެތައް ބަޔަކަށް އެމެރިކާ ސަރުކާރުން ވަނީ 5.4 ބިލިއަން ޑޮލަރު ދީފައެވެ.

- ކޮމެންޓް