މަޑަގަސްކަރ ގައި ބޭއްވުމަށް ހަމަޖެހިފައިވާ 11 ވަނަ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި (އައިއޯއައިޖީ) ދިވެހިރާއްޖެ ތަމްޞީލުކުރާ ފެތުންތެރިންގެ ޓީމު އިޢުލާނުކޮށްފިއެވެ.
މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމަށް ޓީމު ހޮވާފައިވަނީ އެކަމަށް ޚާއްސަކޮށްގެން ޓްރަޔަލް އެއް ބޭއްވުމަށްފަހުއެވެ. މި ޓްރަޔަލްގެ ނަތީޖާއަށް ބެލުމަށްފަހު، ފިރިހެން ޓީމުގައި ހިމެނިފައިވަނީ، މުޙައްމަދު ރިޙާން ޝިހާމް، ޢަލީ އިމްޢާން، އަޙްމަދު ނީޤް ނިޔާޒް، މުބާލް ޢައްޒާމް އިބްރާޙީމް، މުޙައްމަދު ޢާން ޙުސައިން، އަދި މުޙައްމަދު ޖޫދު ފަޔާޒެވެ.
ޤައުމީ އަންހެން ޓީމުގައި ހިމެނިފައިވަނީ މިރާލް ޢައިން ލަތީފް، ޙަމްނާ އަޙްމަދު، ޢީން އައްބާސް ޝަރީފް، ޙަނާން ޙުސައިން ޙަލީމް، ޒައިނަބް ޢަބްދުﷲ ޝަފީޤް، އަދި ޢައިޝަތު ސައުސަން އެވެ.
މުޙައްމަދު ޢާން ޙުސައިން އާއި ޢައިޝަތު ސައުސަން އަކީ މި އަހަރުގެ ސްޕޯޓްސް އެވޯޑުގައި އެންމެ މޮޅު ފެތުންތެރިންގެ ގޮތުގައި ހޮވުނު ދެ އެތުލީޓުންނެވެ. އަންހެނުންގެ (ލޯންގ ކޯސް) 100 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑް މިވަގުތު އޮތީ އަންހެން ޓީމުގައި ހިމެނިފައިވާ ޙަނާން ޙުސައިން ޙަލީމްގެ އަތުގައެވެ.
ފިރިހެން ޓީމުގައި ހިމެނިފައިވާ މުބާލް ޢައްޒާމް އިބްރާޙީމްވެސް ވަނީ ތަފާތު ރެކޯޑުތަކެއް ހަދާފައެވެ. އޭގެތެރޭގައި ފިރިހެނުންގެ ޝޯރޓްކޯސް 200 އަދި 400 މީޓަރުގެ މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑް ހިމެނެއެވެ. ހަމައެއާއެކު އަންހެން ޓީމުގެ ޢީން އައްބާސް ޝަރީފް ވަނީ ތައިލެންޑުގައި ކުރިއަށް ދިޔަ އޭޖް ސްވިމިން ޗެމްޕިއަންޝިޕްގައި ވާދަކޮށް 400 މީޓަރުގެ އިންޑިވިޖުއަލް މެޑްލީ، 200 މީޓަރުގެ ބަޓަފްލައި ސްޓްރޯކް، 400 މީޓަރުގެ ފްރީ ސްޓައިލް އަދި 800 މީޓަރުގެ ފްރީ ސްޓައިލް އިން ރަން މެޑަލް ހޯދާފައެވެ.
100 މީޓަރުގެ ބަޓަފްލައި ރެކޯޑް ހަދާފައިވަނީ މިރާލް ޢައިން ލަތީފްއެވެ. މީގެއިތުރުން ހަތަރެއް ގުނަ 50 މީޓަރ މިކްސްޑް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑް ހެދި ރިލޭ ޓީމުގެ އެތުލީޓުންނަށްވެސް ޤައުމީ ޓީމުން ޖާގަ ލިބުނެވެ. އެއީ ސައުސަން، ހަމްނާ، ރިހާން އަދި މުބާލް އެވެ.
އިއޯއައިޖީގައި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮގަސްޓް 25 ން ސެޕްޓެމްބަރ 3 އަށެވެ.