ކ. މާލެ
|
30 ޖޫން 2023 | ހުކުރު 06:17
ޖެރާޑޯ މާޓިނޯ
ޖެރާޑޯ މާޓިނޯ
ރޮއިޓާރސް
އިންޓަ މިއާމީ
ބާސެލޯނާގެ ކުރީގެ ކޯޗު ޖެރާޑޯ މާޓިނޯ އިންޓަ މިއާމީއަށް
މާޓިނޯ ވަނީ 2013 ވަނަ އަހަރު ބާސެލޯނާގައި އަދި 2014 ވަނަ އަހަރު އާޖެންޓީނާގެ ގައުމީ ޓީމުގައި މެސީ އަށް ކޯޗުކޮށްދީފައި

އިންޓަ މިއާމީގެ ކޯޗެއްގެ ގޮތުގައި ޖެރާޑޯ "ޓާޓާ" މާޓިނޯ އެނބުރި އެމްއެލްއެސް އަށް ބަދަލުވާން ނިންމައިފިއެވެ.

އެ ކުލަބުން މާޓިނޯ ހޯދީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އެ ކުލަބަށް ސޮއިކުރަން ނިންމާފައިވާކަން މި މަހުގެ ކުރީކޮޅު އިއުލާންކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. މާޓިނޯ ވަނީ 2013 ވަނަ އަހަރު ބާސެލޯނާގައި އަދި 2014 ވަނަ އަހަރު އާޖެންޓީނާގެ ގައުމީ ޓީމުގައި މެސީ އަށް ކޯޗުކޮށްދީފަ އެވެ.

އެންމެ ފަހުން މާޓިނޯ ކޯޗުކޮށްދިނީ 2019 އިން 2022 ވަނަ އަހަރުގެ ނިޔަލަށް މެކްސިކޯގެ ގައުމީ ޓީމަށެވެ. އޭގެ ކުރިން އެމެރިކާގެ އެޓްލާންޓާ ޔުނައިޓެޑުގައި ދެ އަހަރު ހޭދަކުރުމަށް ފަހު، އެމްއެލްއެސް ކަޕާއި 2018 ވަނަ އަހަރުގެ ސިގީ ޝްމިޑް ކޯޗް އޮފް ދަ އިޔާގެ އެވޯޑް ހޯދާފައިވެއެވެ.

މާޓިނޯ އަކީ 2020 ވަނަ އަހަރުގެ ސީޒަނުގައި ލީގާ ގުޅުނު ފަހުން އިންޓަ މިއާމީ އަށް ލިބުނު ތިން ވަނަ ދާއިމީ ކޯޗެވެ. އުރުގުއޭގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު ޑިއޭގޯ އަލޮންސޯ ވަނީ 2021 ވަނަ އަހަރުގެ ސީޒަނުގައި މަސައްކަތް ކޮށްފައެވެ. އޭގެ ފަހުން ޓީމަށް ކޯޗުކޮށްދީފައިވަނީ މެންޗެސްޓާ ޔުނައިޓެޑް އަދި އިންގްލެންޑުގެ ކުރީގެ ކުޅުންތެރިޔާ ފިލް ނެވިލްއެވެ.

މިދިޔަ ސީޒަނުގެ އީސްޓާން ކޮންފަރެންސް ޕްލޭއޮފްގެ ހަ ވަނަ ސީޑުގެ ގޮތުގައި މިއާމީ ކޮލިފައިވި ނަމަވެސް ފުރަތަމަ ބުރުން އެ ޓީމު ވަނީ ކަޓައިފަ އެވެ. ނެވިލް މި މަހުގެ ކުރީކޮޅު މަގާމުން ވަކިކުރީ އެ ޓީމު އެންމެ ފަހަތު އޮތުމުންނެވެ.

ބާސެލޯނާގައި މެސީ އާއެކު ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ސާޖިއޯ ބުސްކެޓްސް ވެސް މި އަހަރުގެ ހޫނު މޫސުމުގައި އިންޓަ މިއާމީ އަށް ބަދަލުވާނެ ކަމަށް އެ ކުލަބުން ވަނީ ބުނެފައެވެ.

ލީގު ކަޕުގައި ޖުލައި މަހުގެ 21 ވަނަ ދުވަހު ލީގާ އެމްއެކްސް ކްރޫޒް އަޒުލްއާ ދެކޮޅަށް މެސީ ކުޅެން ނުކުންނާނެ ކަމަށް ބެލެވެއެވެ.

- ކޮމެންޓް