އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްގެ ފޯނު ބިލު ދައްކަން ދައުލަތުން ޚަރަދުކުރި ފައިސާ ހޯދުމަށް އެޓާނީޖެނަރަލް މެދުވެރިކޮށް ފިނޭންސް މިނިސްޓްރީން ސިވިލް ކޯޓުގައި ދައުވާކުރާ މައްސަލައާ ގުޅޭ ލިޔެކިޔުންތައް ދައުލަތުން އަސްލަމްއާ ހަވާލުކޮށްފިއެވެ.
ކުރީގެ ހައުސިން މިނިސްޓަރު އަސްލަމްގެ ފޯނު ބިލު ދައްކަން ދައުލަތުން ޚަރަދުކުރި ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހޯދަން ދައުލަތުން އަސްލަމާ ދެކޮޅަށް ދައުވާކޮށް މައްސަލައިގެ ލިޔެކިޔުންތައް ބަދަލު ކޮށްފައި ވަނީ ބުރާސްފަތި ދުވަހުއެވެ.
މައްސަލައާ ގުޅޭ ގޮތުން އަސްލަމް ވިދާޅުވީ އެއްވެސް މީހަކު ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް ނުދައްކައި ވާނަމަ އެ މީހެއްގެ އަތުން އެ ފައިސާއެއް ހޯދަން ޖެހޭނެ ކަމަށެވެ. އަދި ފިނޭންސް މިނިސްޓްރީން އޭނާގެ މައްޗަށް ދައުވާ ކޮށްފައިވާ މައްސަލާގައި ކޯޓުން ނިންމާ ގޮތެއް ގަބޫލު ކުރައްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
މީގެ އިތުރުން އަސްލަމް ވިދާޅުވީ ކޯޓުގެ ހުކުމާ އެކު އެފައިސާއަކީ އޭނާ ދައްކަން ޖެހޭ ފައިސާއެއް ކަން ނުވަތަ އޭނާގެ ފޯންބިލަށް ދައުލަތުން ފައިސާ ދެއްކީ އުސޫލްތަކާ ހިލާފަށް ކަން ނުވަތަ ނޫންކަން ވެސް އެނގިގެންދާނެ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން އަސްލަމްގެ މައްޗަށް ދައުވާ ކުރަނީ ހައުސިން މިނިސްޓަރު ކަމުގައި އަސްލަމް ހުންނެވިއިރު މޮބައިލް ފޯނު ބިލު އަދާކުރެއްވުމަށް ޚަރަދުކުރެއްވި 312،928ރ. ދެއްކުމަށް އެންގުމުން އެ ފައިސާ ނުދެއްކި މައްސަލާގައެވެ.
ފައިސާ ދެއްކުމަށް ފިނޭންސް މިނިސްޓްރީން އަސަލަމް އަށް އަންގާފައި ވަނީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުއެވެ. އަދި އެފައިސާ ހަތް ދުވަހުގެ ތެރޭގައި ފިނޭސް މިނިސްޓްރީ އަށް ދެއްކުމަށް އަސަލްމް އަށް ވަނީ އަންގާފައެވެ.
އެ މައްސަލަ ފާހަގަކޮށްފައި ވަނީ ހައުސިން މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގެވެ. ފިނޭންސް މިނިސްޓްރީން ބުނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި މާލިއްޔަތު ގަވާއިދަށް ރިއާޔަތްކުރާއިރު އެ ފައިސާ އަކީ އަސްލަމް ޒިންމާވާންޖެހޭ ފައިސާއެއް ކަމަށެވެ.
ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ނުދައްކަވައިފި ނަމަ އެޓާނީ ޖެނެރަލް މެދުވެރިކޮށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.