ކ. މާލެ
|
27 ޖޫން 2023 | އަންގާރަ 17:02
ގްލޭޒާސްއާ ދެކޮޅަށް ކުރި މުޒާހަރާ
ގްލޭޒާސްއާ ދެކޮޅަށް ކުރި މުޒާހަރާ
ރޮއިޓާރސް
މެންޗެސްޓާ ޔުނައިޓެޑް
އައު ކިޓް ލޯންޗުކުރުމަށް ބޭއްވި ހަފުލާގައި ގްލޭޒާސްއާ ދެކޮޅަށް ޔުނައިޓެޑް ސަޕޯޓަރުން އިހުތިޖާޖުކޮށްފި
 
މިދިޔަ ނޮވެމްބަރު މަހު ގްލޭޒާސްއިން ބަޔާނެއް ނެރުނުފަހުން، ޔުނައިޓެޑް ވިއްކާލުމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވޭ

މެންޗެސްޓާ ޔުނައިޓެޑްގެ މިލްކުވެރިކަމާމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން މާޔޫސްކަން އިތުރުވަމުންދާއިރު، އެ ކުލަބުގެ ސަޕޯޓަރުން އަންގާރަ ދުވަހު އޯލްޑް ޓްރެފޯޑްގައި އިހުތިޖާޖު ކޮށްފިއެވެ.

ޔުނައިޓެޑް ސަޕޯޓަރުން މުޒާހަރާ ކޮށްފައިވަނީ 2023-24 ވަނަ އަހަރުގެ ސީޒަނަށް އެޑިޑާސްގެ އައު ހޯމް ކިޓް ތައާރަފްކުރުން ކުރިޔަށްދިޔަ ވަގުތު, ޔުނައިޓެޑްގެ ސްޓޭޑިއަމް މެގަސްޓޯރު ކައިރީގައެވެ. މި އިހުތިޖާޖުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ގްލޭޒާ އާއިލާގެ މިލްކުވެރިކަމާއި، (މިހާރު އަށްވަނަ މަހަށް އަޅާފައިވާ) ދިގު މުއްދަތަކަށް ވިއްކުމުގެ މަރުހަލާއަށެވެ.

ގަތަރުގެ ވިޔަފާރިވެރިޔާ ޝައިޚް ޖާސިމާއި އިނގިރޭސި ބިލިއަނަރު ސަރ ޖިމް ރެޓްކްލިފް އަދިވެސް އިންތިޒާރު ކުރަމުން ދަނީ ބިޑް ކުރުމުގެ އެންމެ ފަހު ބުރު ރަސްމީކޮށް އޭޕްރީލް މަހު ނިމުނު ނަމަވެސް ކްލަބް ގަތުމަށް ހުށަހެޅި ހުށަހެޅުންތައް ކާމިޔާބުވޭތޯއެވެ. އަދި އެމެރިކާގެ ބައެއް ޖަމާއަތްތަކުން މައިނޯރިޓީ އިންވެސްޓްމަންޓް ހުށަހަޅަން ވިސްނާތީ އެކަމާވެސް ގްލޭޒާސްއިން ދަނީ ވިސްނަމުންނެވެ.

2005 ވަނަ އަހަރު ލީވަރޭޖްޑް ބައި-އައުޓަކާ ހަވާލުވި ފަހުން ގްލޭޒާސްއަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަމެއް ނެތް ބައެކެވެ. އަދި ކުލަބުގެ އެންމެ މަތީ ފަންތީގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ކޯޗު އެރިކް ޓެން ހާގްއަށް މުހިންމު, ހޫނު މޫސުމުގެ ޓްރާންސްފާއަށް އަސަރުކުރާނެ ކަމުގެ ބިރު އޮތުމުން ސަޕޯޓަރުންގެ މެދުގައި ރުޅިވެރިކަން ވަނީ އިތުރުވެފައެވެ.

ނެދަލޭންޑްސްގެ ކޯޗުގެ ފުރަތަމަ ސީޒަން ރަނގަޅަށް ދިޔަ ނަމަވެސް، ޓްރާންސްފާ ވިންޑޯގައި އޭނާގެ ސްކޮޑް ވަރުގަދަ ކުރަން އޭނާ ޝައުގުވެރިވަނީ އަވައްޓެރި އަދި ޓްރެބަލް ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ދެމެދު އޮތް ފަރަގު ކުޑަކުރުމަށެވެ.

ޔުނައިޓެޑުން އެންމެ ފަހުގެ މާލީ ބަޔާން ވެސް އަންގާރަ ދުވަހު އާންމު ކުރާނެ ކަމަށް ބެލެވުނު ނަމަވެސް، ވިއްކުމުގެ މަރުހަލާގެ އަޕްޑޭޓެއް ލިބޭނެ ކަމަށް ނުބެލެވެއެވެ. އަދި އެމީހުންގެ އަހަރީ އާންމު ޖަލްސާ ވެސް އަންނަ ބުދަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ ނޮވެމްބަރު މަހު ޔުނައިޓެޑް ވިއްކާލުމާ ބެހޭ ގޮތުން ގްލޭޒާސް އިން ބަޔާނެއް ނެރުނުފަހުން، އެކަމާ ގުޅުންހުރި އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް