ޔުވެންޓަސްގެ މިޑްފީލްޑަރު އެޑްރިއަން ރަބިއޮޓްގެ ކޮންޓްރެކްޓް ހަމަވުމުން ހިލޭ ޓްރާންސްފާއެއްގައި ގެންނަން މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތް ކުރަމުން އަންނަ ކަމަށް ބޭރުގެ ރިޕޯޓުތަކުން ބުނެފިއެވެ.
އުމުރުން 28 އަހަރުގެ ރަބިއޮޓްގެ މިހާރުގެ ދައުރު މި މަހުގެ ނިޔަލަށް ހަމަވާތީ އާ އެއްބަސްވުމަކާ ގުޅޭ ގޮތުން ހަފުތާތަކެއް ވަންދެން ވަނީ ވާހަކަދެކެވިފަ އެވެ. ފްރާންސްގެ މި ކުޅުންތެރިޔާ މިދިޔަ ސީޒަނުގައި އިޓާލިއަން ލީގުގައި 32 މެޗު ކުޅެ، އަށް ލަނޑު ޖަހާފައިވާއިރު، ޕްރިމިއާ ލީގުގައި ކުޅެން ބޭނުންވާ ވާހަކަ މީގެ ކުރިން ވެސް އޭނާ ވަނީ ދައްކާފައެވެ.
ޗެލްސީގެ މޭސަން މައުންޓް ހޯދުމަށް ޔުނައިޓެޑުން 55 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅާފައިވާއިރު، ބްރައިޓަންގެ މިޑްފީލްޑަރު މޮއިސް ކެއިސެޑޯ އާއި އަޔެކްސްގެ މުހައްމަދު ކުޑުސް އަދި އެފްސީ ޔޫޓްރެކްޓްގެ ޓޭލާ ބޫތު ފަދަ ކުޅުންތެރިންނާ މެދު އެ ކުލަބުން ވިސްނަމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޔުނައިޓެޑުން 100 މިލިއަން ޕައުންޑް ހޯދުމުގެ އުއްމީދުގައި 13 ކުޅުންތެރިންނަށް ހުށަހެޅުންތައް އަޑުއަހާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭގެތެރޭގައި ޑޮނީ ވެން ޑި ބީކް، ފްރެޑް، އެންތަނީ އެލަންގާ، ހަނީބަލް މެޖްބްރީ، އެލެކްސް ޓެލެސް، އެރިކް ބެއިލީ، ބްރޭންޑަން ވިލިއަމްސް އަދި ޒިދާން އިގްބާލް ފަސޭހަކަމާއެކު ދޫކޮށްލާނެއެވެ.
މީގެ އިތުރުން ހެރީ މެގުއާ، ސްކޮޓް މެކްޓޮމިނޭ، ޑީން ހެންޑަސަން، އެންތަނީ މާޝިއަލް އަދި ޖޭޑަން ސަންޗޯ ސޮއި ކުރުމަށް ހުށަހަޅާ ހުށަހެޅުންތައް ވެސް އަޑުއަހާނެއެވެ. އަދި ޑެހެއާ ހިމެނޭހެން ފްރީ އެޖެންޓުންގެ ގޮތުގައި ވަކިވާނެ ކުޅުންތެރިންވެސް އެ ޓީމުން ވަނީ ފާހަގަކޮށްފައެވެ.
ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި ގިނަ ޓީމުތަކުން ވަނީ ބޮޑެތި ކުރިއެރުންތައް ހޯދާފައެވެ. ދޫކޮށްލަން ބޭނުންވާ ކުޅުންތެރިން ދޫކޮށްލުމާއި ޓީމު ވަރުގަދަ ކުރުމަށް ރަނގަޅު ކުޅުންތެރިން ގެނައުމުގެ ކަންކަން ބާރަށް ކުރިޔަށް ދެއެވެ. އެއާ ޚިލާފަށް ޔުނައިޓެޑަށް ކުޅުންތެރިއެއްގެ ސޮއި ލިބޭގޮތެއް އަދި ނުވެއެވެ.